ނަޑެއްލާއަށް މިއަދު އުދައަރަނީ: ރަށުގެ ވަށައިގެން ބޭރު މަގާ ހަމައަށް އުދައެރި
ނަޑެއްލާއަށް އުދައަރައި ލޮނުގަނޑު ބައެއް ގޭގެއާ ހިސާބަށް
ގދ. ނަޑެއްލާއަށް މިހާރު އަރަމުންދާ އުދައިގެ އަސަރު އެ ރަށުގެ ބައެއް ގެތަކަށް ކުރަމުންދާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ނަޑެއްލާ ކައުންސިލުގެ ނައިބު ރައީސް ފައިސަލް ނަޖީބު މިރޭ 'ދައުރު' އަށް ވިދާޅުވީ އެ ރަށުގެ ހަ ގެއަކަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޭތެރެއަކަށް އަދި ނުވަދޭ ލޮނެއް. އެކަމަކު ރަށުތެރެއަށް ލޮނުގަނޑު ފެތުރި ބައެއް ގެތަކާ ހަމަޔަށް ލޮނުގަނޑު ގޮސްފައި އެބަހުރި. މިވަގުތަށް އުދައެރުން ހުއްޓިފައި އޮތީ. އެކަމަކު މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިޔަށްވުރެ ބޮޑަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވިގޮތުން:
-
އުދައަރަން ފަށާފައިވަނީ މިއަދު މެންދުރުފަހު
-
ރަށުގެ ދެކުނާއި އުތުރުން މުޅި ރަށް ވަށައިގެން ބޭރުމަގާ ހަމަޔަށް އުދައަރާފައިވޭ
-
އުދައަރާ މޫސުމުގައި އާންމުކޮށް ވެސް އުދައަރާ
ފައިސަލް ވިދާޅުވިގޮތުގައި އެ ރަށަށް އެންމެ ފަހުން އުދައަރާފައިވަނީ 2019ވަނަ އަހަރުގެ ތެރޭގަ އެވެ. އުދައަރާ މޫސުންތަކުގައި ވަރަށް ބޮޑަށް އުދައަރައި ގޭގެއަށް ވެސް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އުދައިގެ އަސަރު ގޭގެއަށް ކުރަމުންދާތީ، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަނީ ފެނަކަ ނަޑެއްލާ ބްރާންޗުގެ އިމަޖެންސީ ކޮންޓްރޯލް ޓީމުން އިސްނަގައިގެންނެވެ.
ގދ.ނަޑެއްލާއަށް މިއަދު އަރަމުންދާ އުދައިގެ އަސަރު އާއްމު ގެތަކަށް ކުރަމުންދާތީ، ފެނަކަ ނަޑެއްލާ ބްރާންޗުގެ އެމަޖެންސީ ކޮންޓްރޯލް ޓީމުން އިސްނަގައިގެން، ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި، ރަށުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ފެނަކައިގެ މުވައްޒަފުން ޙަރަކާތްތެރިވަނީ. ދިމާވާ… pic.twitter.com/dSwUQ0I0mP
— Fenaka Corporation Ltd (@TeamFenaka) October 15, 2024
އެނގުން މުހިންމު - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ނެރެފައިވާ ސަމާލުގައި ވާގޮތުން:
-
މާދަމާ ހެނދުނު 6ގެ ނިޔަލަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ
-
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ؛ ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދަށް އަރާނެ
-
ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ
-
ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
-
ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވޭ