ހުޅުމާލެ ފަރަށް މި އަހަރު ފެބްރުއަރީމަހު އަރާފައިވާ ޓަގުބޯޓާއި ބާޖު. (ފޮޓޯ/ ސޯޝަލް މީޑިއާ)

އީޕީއޭ

ހުޅުމާލެ ފަރަށް އެރި ޓަގާއި ބާޖުގެ އޮޕަރޭޓަރު 29 މިލިއަނުން ޖޫރިމަނާކޮށްފި

އެ ހާދިސާގައި އެ ސަރަހައްދުގެ 9 އަކަމީޓަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ސާވޭއާ ހަވާލާދީ އީޕީއޭއިން ބުނި
15 އޮކްޓޯބަރު 2024

މިއަހަރު ކުރީކޮޅު ހުޅުމާލޭ ފަރަށް އެރި ޓަގުބޯޓާއި ހިލަ ބާޖު އޮޕަރޭޓް ކުރަމުން ދިޔަ ފަރާތް 29 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - ދުބާއީގެ ޝިޕް މެނޭޖުމަންޓް ކުންފުންޏެއް ކަމަށްވާ ދަ މިޑްލްއީސްޓް މެރިން އެލްއެލްސީ އިން އޮޕަރޭޓް ކުރަމުންދިޔަ ޓަގު ބޯޓު 'އަނާދީ' އާއި ބާޖު 'އޭއެމް މަނުމިޓް' ހުޅުމާލޭ އުުތުރުފަރާތު ފަރަށް އަރާފައި ވަނީ 21 ފެބްރުއަރީގަ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖޭންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، އެ ހާދިސާގައި ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް، މިޑްލްއީސްޓް މެރިން އެލްއެލްސީ 29 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.

ތަފްސީލް - އީޕީއޭގެ ބަޔާނުގައިވާ ގޮތުން، ފަރަށް އަރާފައިވާ ދެ އުޅަނދު ފަރުމަތިން ނަގާފައިވަނީ 23 އޭޕްރިލްގަ އެވެ. އެއަށް ފަހު:

  • ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން، އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސާވެޔަރުންނާ އެކު ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންގޮސްފައިވޭ

  • ސާވޭއިން ދައްކާ ގޮތުގައި، އެ ސަރަހައްދުގެ 1159 އަކަމީޓަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި

'ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު'ގެ ދަށުން ހަދާފައިވާ 'ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދު'ގެ ދަށުން، މި ގެއްލުންތަކަށް ކަނޑައެޅުނު ޖޫރިމަނާގެ އަދަދަކީ 29.2 މިލިއަން ރުފިޔާ ކަމަށް އީޕީއޭ އިން ބުންޏެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އުޅަނދުތައް އޮޕަރޭޓްކުރަމުން ދިޔަ ފަރާތަށް އީޕީއޭ އިން އަންގާފައިވަނީ މި މަހުގެ 1ގަ އެވެ.

ފާހަގަކޮށްލެވޭ - ގާނޫނާއި ގަވައިދުގެ ދަށުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އެވެ. މީގެ ކުރިން، ފަރަށް އެރުމުގެ ހާދިސާތަކުގައި ލިބިފައިވާ ގެއްލުމަށް ބަލައި އެންމެ ބޮޑު އަދަދުން ވެސް އީޕީއޭ އިން ވަނީ ބައެއް ކުންފުނި ޖޫރިމަނާކޮށްފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭރުގެ އުޅަނދުތައް ފަރަށް އަރައި ލިބޭ ގެއްލުންތަކުގެ ބަދަލަށް އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ނަމަވެސް، ޖޫރިމަނާ ފައިސާ ދައްކާފައިވަނީ މަދު ބައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް