ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ތަގުރީރު ކުރައްވަނީ. (ފޮޓޯ/ މަޖިލިސް)

އޭއައި ފަދަ ޓެކްނޮލޮޖީގެ އާ އީޖާދުތަކަށް މަޖިލިސްތަކުން ގަވައިދު ހަދަންޖެހޭ: އަބްދުއްރަހީމް

ދޮގު މައުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތަކީ، ޑިމޮކްރަސީއަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވިދާޅުވީ، އޭއައި ތަރައްގީވަމުން އަންނަ ގޮތާމެދު ހޭލުންތެރިވާން ޖެހޭ ކަމަށް
15 އޮކްޓޯބަރު 2024

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޓެކްނޮލޮޖީގެ އާ އީޖާދުތަކާ އެކު ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުން އެކަމަށް ބޭނުންވާ ގަވައިދުތައް އެކުލަވާލަންޖެހޭ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި، 'ސުލްހަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން'، މި މައުލޫއުއަށް ތަގުރީރު ކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - "އާޓިފިޝަލް އިންޓެލިޖެންސްގެ އާ އީޖާދުތަކާ އެކު ގާނޫނު ހަދާ މަޖިލިސްތަކުން އެއާ އެއްހަމައެއްގައި ގަވައިދުތައް އެކުލަވާލަންޖެހޭ. ޑިމޮކްރަސީ ހިމާޔަތް ކުރުމުގައި މަޖިލިސް މެމްބަރުން މުހިއްމު ދައުރެއް އަދާކުރަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދޮގު މައުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތަކީ، ޑިމޮކްރަސީއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން:

  • އޭއައި ތަރައްގީވަމުން އަންނަ ގޮތާމެދު ހޭލުންތެރިވާން ޖެހޭކަމަށް ވިދާޅުވި

  • އަދި މާހިރުންނާއި މުޖުތަމައުއާ ގުޅިގެން މަސައްކަތް ކޮށް، އޭއައި އަކީ އިންސާނިއްޔަތަށް ފައިދާކުރާނެ އީޖާދެއްކަން ކަށަވަރުކުރަން ގޮވާލެއްވި

"މީގެ އިތުރުން، އައިޕީޔޫ އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް، އެސްޓީއައި [ސައިންސް، ޓެކްނޮލޮޖީ އަދި އިނޮވޭޝަން] އަށް އެތިކަލް އޮނިގަނޑުތައް އެކުލަވާލުމުގައި ގާނޫނު ހަދާ މަޖިލިސްތަކުން މުހިއްމު ދައުރެއް އަދާކުރަން ޖެހޭ،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އާ އީޖާދުތަކާ ގުޅޭ ދިރާސާތައް ކުރިއަށް ގެންދަނީ ނަޒާހަތްތެރިކަމާ އެކު، އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށްގެންކަން ކަށަވަރު ކުރަން ވެސް އަބްދުއްރަހީމްގެ ވާހަކަފުޅުގައި ގޮވާލެއްވި އެވެ.

ފާހަގަކޮށްލެވޭ - މަޖިލީހުގެ ރައީސްގެ ތަގުރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވި އެވެ. އަދި:

  •  ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަންދީ ސުލްހަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވި

  • ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، އާންމުން ތަހައްމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލެއްވި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް