ހުދުފިނިފެންމާގޭގެ އެތެރެބަޔަށް ނުވަދެވޭ ގޮތަށް ފާރު ރޭނި މައްސަލާގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. (ފޮޓޯ/ ވަގުތު، މުހައްމަދު ނާއިލް)
ފާރު ތަޅާލި މައްސަލާގައި ލިބުނު ގެއްލުމަށް މާލޭ ކައުންސިލުން ޒިންމާ ނަގަން ހުކުމްކޮށްފި
މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް މާލޭ ގެއެއްގައި ފާރެއް ރޭނުމުން މާލޭ ސިޓީ ކައުންސިލުން ޖެހިގެން ހުރި ގެއެއްގެ ފާރު ތަޅާލި މައްސަލާގައި ގޭގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ޒިންމާ މާލެ ސިޓީ ކައުންސިލުން ނެގުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ހ. ހުދުފިނިމެންމާގޭގެ ބައެއްގައި އުޅެމުން ދިޔަ މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ބަޔަކު ވަނީ، ސިޓީ ކައުންސިލްގެ ހުއްދައާ އެކު މިދިޔަ 11 ޖުލައިގައި ފާރެއް ރާނާފަ އެވެ.
ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން އައިސް، ފުލުހުންގެ އެހީތެރިކަމާ އެކު ކައުންސިލުން ހުދުފިނިފެންމާގޭގެ ފާރެއް ޖެހިގެން އައި ދުވަހު ތަޅާލި އެވެ. އެގޮތަށް އަމަލުކުރީ ބަންދުވެފައި ތިބި ބައިން މީހުންނަށް ވަދެނުކުމެވޭ ގޮތް ހަދައި އެ މީހުން ސަލާމަތް ކުރުމަށެވެ.
ވީ ކިހިނެއް؟ - ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ތަޅާލި ފާރު ހިމެނޭ ގޭގެ ވެރިފަރާތް، ހަސަން ޝާކިރެވެ. ޝާކިރުގެ ފަރާތުން އެދިފައިވަނީ:
-
އޭނާއަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ކައުންސިލުން ކަމަށް ކަނޑައަޅައިދިނުމަށް
-
ޝަރީއަތަށް ދާން ޖެހުމުން ވަކީލު ފީއަށް ހަރަދުވި 30،000ރ. ވެސް ކައުންސިލުން ދެއްކުމަށް
ތަފްސީލް - ކައުންސިލްގެ ގައިރު ހާޒިރުގައި ކޯޓުން މިއަދު ހުކުމްކުރީ ވަކީލު ފީގެ ބަދަލު ދޭން ޖެހޭ ތަނެއް ފެންނަން ނެތް ނަމަވެސް ފާރު ތަޅާލުމުން ގޭގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ ޒިންމާ ކައުންސިލުން ނަގަން ޖެހޭނެ ކަމަށެވެ.
މި މައްސަލާގައި ދިފާއު ހުށަހެޅުމަށް ކައުންސިލަށް ދިން ފުރުސަތުގައި ދިފާއު ހުށަހަޅާފައެއް ނުވެ އެވެ. ޖަވާބު ފޮނުވީ ދިން މުއްދަތު ހަމަވި ފަހުންނެވެ.
ޝާކިރު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ:
-
ހުދުފިނިފެންމާގޭގެ އެތެރެ ބަޔަށް ވަދެނުކުމެ އުޅެނީ އެ ގެއާ އިންވެގެން ދެކުނަށް އޮންނަ ބަންޑާރަ ގޯޅިގަނޑުން؛ އެކަން ވަނީ ކައުންސިލްގެ ލިޔެކިޔުންތަކުންނާއި ޝަރުއީ ކޯޓުގެ ލިޔެކިޔުންތަކުގައި ކަނޑައަޅާފައި
-
އެ ބަޔަށް ވަދެ ނުކުމެ އުޅޭ ދޮރު ބަންދުވީ ގޯޅިގަނޑުގައި އިންފާރު ރޭނުމުގެ ހުއްދަ ހ. ހުދުފިނިފެންމާގެއާގެ ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަށް ސިޓީ ކައުންސިލުން ދިނުމުން؛ އެ ފާރު ރާނައިފި ނަމަ އެބައިގައި ދިރިއުޅޭ ފަރާތްތަކަށް އެބަޔަށް ވެދެނުކުމެ އުޅެވޭނެ ގޮތެއް ނޯންނާނެ ކަން ކައުންސިލަށް ރަނގަޅަށް އެނގޭނެ
-
އެ ފާރު ރޭނުމުން ހުދުފިނިފެންމާގެ އެތެރެ ބައިގައި އުޅޭ މީހުން އެ ތަނުން ނުކުންނާނެ ގޮތެއް ނެތިގެން، ވަގުތީ ގޮތުން އެ ބައިން ނުކުމެވޭނެ ގޮތެއް ހަދައިދޭން ޖެހޭ ކަމަށް ބުނެ ކައުންސިލްގެ މުވައްޒަފުން ވަނީ ކޯޓު އަމުރެއް ވެސް ނެތި ހުދުފިނިފެންމާގެއަށް ވަދެ، އެ އިމާރާތުގެ ފާރެއް ތަޅާލައި ދޮރެއް ކަނޑައި އިމާރާތައް ގެއްލުން ދީ، އިމާރާތް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައި
-
މިހާރު އެ އިމާރާތަށް ވަދެނުކުމެ އުޅެވެނީ ވެސް ކައުންސިލުން ހުއްދަ ދޭ ބަޔަކަށް؛ އެކަމުގެ ސަބަބުން ގޭގެ ވެރިފަރާތަށް ދަނީ މާލީ ބޮޑެތި ގެއްލުންތަކެއް ލިބެމުން