އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ

ތަމްރީނުކުރި ދިވެހިންނަށް އިންޑިއާ އުޅަނދުތައް ނުދޭ ސަބަބުގެ މައުލޫމާތު ނުދޭން ޑިފެންސް މިނިސްޓްރީން ހައި ކޯޓަށް

މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކޮމިޝަނުން ޑިފެންސް މިނިސްޓްރީއަށް އެންގީ މިދިޔަ 24 އޮގަސްޓްގައި
13 އޮކްޓޯބަރު 2024

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތައް ދުއްވަން މީގެ ކުރިން ތަމްރީނުކުރި ދިވެހި ޕައިލެޓުންނަށް އެ ތަކެތި ދުއްވަން ނުދޭ ސަބަބުގެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަން (އައިމްކޮމް) އިން ނިންމި ނިންމުމެއް ޑިފެންސް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުުނާފުކޮށްފި އެވެ.

ވީކިހިނެއް؟ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ދިނުމަށް ޑިފެންސްގައި އެދުނީ ނޫސްވެރިޔާ ނާޒިމް ހަސަނެވެ. އޭނާ އެދިފައިވާ މައުލޫމާތު ނުދިނުމުން އައިކޮމަށް ހުށަހެޅި ޝަކުވާ ބަލައި މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން ޑިފެންސް މިނިސްޓްރީއަށް އެންގީ މިދިޔަ 24 އޮގަސްޓްގަ އެެވެ.

ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، ޑިފެންސް މިނިސްޓްރީން އެ ނިންމުން އިސްތިއުނާފުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ނާޒިމް އެދުނު މައުލޫމާތުތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީން ދިނީ މިހާރު ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމުގެ މައުލޫމާތު އެކަންޏެވެ. އޭނާ އިތުރަށް އެދިފައިވަނީ:

  • ތަމްރީނުކުރި ޕައިލެޓުން އެއްވެސް ވަރަކަށް އުޅަނދުތައް ދުއްވާފައިވޭތޯ

  • މިހާރު އެ ޕައިލެޓުން އެމްއެންޑީއެފްގެ ވަޒީފާގައި ތިބިކަން ނުވަތަ ނޫންކަން ސާފުކުރުން

  • އެމްއެންޑީއެފްގެ ވަޒީފާއިން ޕައިލެޓަކު ވަކިވެފައިވާނަމަ ވަކިވި ތާރީހު

މި މައުލޫމާތުތައް ނުދިނުމަށް ޑިފެންސް މިނިސްޓްރީން ނިންމީ ގާނޫނުގެ 29 ވަނަ މާއްދާއާ ހަވާލާ ދީފަ އެވެ. އެ މާއްދާގައި ބަޔާންކުރަނީ އެ މައުލޫމާތެއް ހާމަކުރުމުން ގައުމީ ސާލަމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ސިއްރުކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.

ނަމަވެސް އެ މާއްދާ ނުހިނގާނެ ކަމަށް ބުނާ މައުލޫމާތުތަކެއް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އައިކޮމްގެ ނިންމުމުގައި ވަނީ އެދިފައިވާ މައުލޫމާތަކީ ގާނޫނުގެ މާއްދާ ނުހިނގާނެ ކަމަށް ބުނާ މައުލޫމާތުތަކެއް ކަމަށެވެ.

މާއްދާ ނުހިނގާނެ ކަމަށް ބަޔާންކުރާ މައުލޫމާތުތަކަކީ:

  • އިދާރީ ކަންކަމާއި ހިންގުމާ ގުޅިފައިވާ ކަންކަން.

  • ކޮންޓްރެކްޓް އުސޫލުން ނުވަތަ ޓެންޑަރު އުސޫލުން ހަވާލުކުރެވޭ މަސައްކަތް.

  • މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން.

  • އެ މައުލޫމާތެއް ހާމަކުރުމުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނިގެންނުވާ މައުލޫމާތު.

ގުޅުންހުރި - ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރުކުރުމަށް އައިކޮމުން ނިންމަނީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު އެ ގޮތަށް ކަނޑައެޅީ ގޯސްކޮށް ކަމަށް ހައި ކޯޓުން ފަހުން ނިންމި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް