މޭޔަރު އާދަމް އާޒިމް، އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި އިއްޔެ ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ސިޓީ ކައުންސިލުން އެމްޑީޕީ މީހުންނަށް ވަޒީފާ ދިން ކަމަށް ބުނުމުން ފާޑުކިޔަނީ

މާލޭ މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ 14 މެންބަރަކަށް ކޮންސަލްޓެންސީ ވަޒީފާ ވަނީ ދީފައި
13 އޮކްޓޯބަރު 2024
1

މާލޭ ސިޓީ ކައުންސިލުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބަޔަކަށް ކޮންސަލްޓެންސީ ވަޒީފާ ދިން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިިމް އިއްޔެ ވިދާޅުވުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

ވީކިިހިނެއް؟ - އާޒިމް މި ވާހަކަ ދެއްކެވީ، ހދ. ކުޅުދުއްފުށީގައި އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލަރުންގެ ކޮންފަރެންސެއްގަ އެވެ.

ކީކޭ ބުނީ؟ - އޭނާ ވިދާޅުވީ މާލޭ ސިޓި ކައުންސިލުން މި ފަހުން 15 ކޮންސަލްޓެންސީ ވަޒީފާއެއް ހަމަޖެއްސި ކަމަށެވެ. އެއިން އެއް ވަޒީފާ ފިޔަވައި ދެން ހުރި ވަޒީފާތައް ދިނީ އެ ޕާޓީގެ މެންބަރުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލު ތެރޭގެ ހުރިހާ ކަމެއް ވެސް އަޅުގަނޑު ބުނާ ކަމެއް ވެއްޖެއްޔާ ހަމަަ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ ހަމަ 15 ކޮންސަލްޓެންޓުން ނަގައިގެން، ހަމަަަ އަޅުގަނޑުމެން ޕާޓީގެ މެންބަރުން އެ ތިބީ އެންމެ މީހަަކު ފިޔަވައި،" އާޒިމް ވިދާޅުވި އެވެ.

އެ ވީޑިއޯ އެޑިޓުކޮށްފައި ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށް، މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާއަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަންގަވަ އެވެ. މި އިވެންޓު ދިޔައީ 'ރާއްޖެ ޓީވީ'ން ލައިވް ކުރަމުންނެވެ.

ތަފްސީލް - އެ ވީޑިއޯ ސޯޝަލް މީޑިއާގައި ފުރަތަމަ ދައުރުކުރަން ފެށީ އެމްޑީޕީއާ ވާދަވެރި އަދި މިހާރު ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓުންނެވެ. ޒާހިދު ރަމީޒު އެ ވީޑިއޯ 'އެކްސް'ގައި ޕޯސްޓްކުރައްވަމުން ލިޔުއްވާފައިވަނީ އޭނާއަށް އެ ވީޑިއޯ ފޮނުވީ ވެސް ޝަތުފާ ކަމަށެވެ.

އޭގެ ފަހުގައި ގިނަ ބަޔަކު ދަނީ އެ ވީޑިއޯ ޕޯސްޓުކޮށް އާޒިމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ ސަޕޯޓަރެއް ކަމަށް ބުނެ 'އެކްސް'ގައި ގިނަ ޕޯސްޓުތަކެއް ކުރާ 'އަންޑޭ' ނަމުގައިވާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިން މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެފަދަ ކަންކަމަށް ދެކޮޅު ހެދީ އެމްޑީޕީން ކަމަށެވެ.

ކުރިން ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކަށް އުޅުނު މުހައްމަދު ސައީދު ކުރި ޕޯސްޓެއްގައި ބުނީ މާލޭ ސިޓީ ކައުންސިލަރުންގެ ގޮތުގައި ތިއްބެވި %90 ބޭފުޅުންނަކީ ވިޔަފާރިކުރުމަށް އިންތިހާބުވެފައި ތިބި ބައެއް ކަމަށެވެ. އޭނާ ވަނީ އާޒިމްގެ ބާރެއް ނެތްކަން ސިފަކޮށް، އެކަން ވަނީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް ޕީއެންސީގެ ކައުންސިލަރުން ވެސް ބޭނުންވެގެން ކަމަށް ލިޔެފަ އެވެ.

އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި، މިހާރު މާލޭ ސިޓީ ކައުންސިލުން ކޮންސަލްޓެންސީ ވަޒީފާ ދީފައި ތިއްބެވި ބައެއް ބޭފުޅުންނަކީ އާޒިމްގެ ވަރަށް އަރިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި:

  • ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު 

  • އެސްޓީއޯ އާއި އެމްޓީސީސީގައި ކުރިން އާޒިމާ އެކު މަސައްކަތް ކުރެއްވި ރަމްޒީ އަބޫބަކުރު

ގުޅުން ހުރި - މާލޭ ސިޓީގެ މޭޔަރުގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވިއިރު ވެސް ކޮންސަލްޓަންޓުންގެ ގޮތުގައި އެ މަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންނަށް ވަޒީފާ ދީފައިވެ އެވެ. އެއިން ގިނަ ބޭފުޅުން މިހާރު ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ.

އޭގެ ތެރޭގައި ކަލްޗާ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި ރާއްޖޭން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ކުންފުންޏާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ހިމެނެ އެވެ.

ކޮމެންޓް (1)

ލޫޓްވާލާ

13 އޮކްޓޯބަރު 2024
ހަމަ ތިޔަހާ ގިނަ ކޮނަސަލްޓަންޓުން ބޭނުންވޭތޯ؟ ކައިރިވަނީ ރައްޔިތުންގެ ނިންމުންއަންނަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް