އެމްޑީޕީގެ ރައީސް ޝާހިދު އަދި ރާއްޖޭގެ ކުރީގެ ރައީސް ސޯލިހު ކުޅުދުއްފުށި ސިޓީއަށް ފުރާވަޑައިގަންނަވަން އެއާޕޯޓުގައި - (ފޮޓޯ/ޝާހިދުގެ 'އެކްސް' އެކައުންޓް)
އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސެއް މިއަދު ކުޅުދުއްފުށީގައި
އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންނާއި އެ ޕާޓީގެ ލީޑާޝިޕް ބައިވެރިވާ ކޮންފެރެންސެއް މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް ލީޑާޝިޕްގެ ވަފުދެއް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ މަންޒަރު ހިމެނޭ ފޮޓޯތަކެއް 'އެކްސް'ގައި ޕޯސްޓްކުރި އެވެ.
އެމްޑީޕީން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެ ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ތަފްސީލް - އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެއީ އެ ޕާޓީގެ ކައުންސިލަރުންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. އެ ގޮތުން:
-
ކޮންފަރެންސްގައި ބައިވެރިވާނީ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ.، ހދ.، ށ. އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން
-
އުތުރުގެ ހަމައެކަނި ސިޓީ، ކުޅުދުއްފުށީގައި، މި ކޮންފެރެންސް ކުރިއަށް ދާނީ މިއަދު ހެނދުނު 9 އިން ހަވީރު 4 އަށް
-
ހެނދުނު 11 އިން ފެށިގެން ހުރި ސެޝަންތައް އެމްޑީޕީގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ލައިވް ކުރަމުން ދާނެ
-
އެމްޑީޕީގެ ލީޑާޝިޕުން އެކުލާވާލާފައިވާ "ރޯޑު މެޕް" އަދި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ
ކީކޭ ބުނީ؟ - "އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނެސްފައި ހުރި ރަނގަޅު ބަދަލުތަކާއި އެ ކަން ބަދަލުވާނެ ގޮތަށް ޕީއެންސީގެ ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާކުރާނެ،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
ގުޅުން ހުރި - ރަށްރަށުގެ ބިނާވެށި ޕްލޭންކުރުމުގެ ބާރުތަކެއް މިނިސްޓްރީއަށް ލިބޭ ގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވި އާބަން ޑިވެލޮޕްމަންޓް ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ބައެއް ކައުންސިލަރުންނާއި އެމްޑީޕީން ވެސް މީގެ ކުރިން ފާޅުކޮށްފައިވެ އެވެ.
ކޮމެންޓް