ފުނޑުފުނޑުވެފައި އޮތް ގެތަކަށް ބަލަހައްޓައިގެން މީހަކު ފިކުރުގައި
މިލްޓަންގެ ނަމުން ނަންދީފައި އޮތް ބޮޑު ތޫފާން ނުވަތަ ހަރިކޭންގެ ގަދަ ވަޔާއި ވިއްސާރައިގެ އިތުރުން އުފެދުނު ބިޔަ ނަގޫރޯޅިއެއް ފްލޮރިޑާގެ ސެއިންޓް ލޫސީ ކައުންޓީ ހުރަސްކޮށް ދިޔައިރު ނަސީބަކުން ކްރިސްޓަލް ކޯލްމެން ސަލާމަތްވި އެވެ.
އެކަމަކު ހަލާކުވެފައި އޮތް ގޭގެ ބޭރުގައި އެކަނިވެރި މަންމަ ހުރި އިރު އޭނާ އާއި އޭނާގެ އަންހެން ދަރިފުޅު ދެން ހިޔާވަހިކަން ހޯދާނީ ކޮން ތަނަކުންކަމެއް ނޭނގެ އެވެ.
ދަށް އާމްދަނީއެއް ލިބޭ މީހުން ގިނަ މި ސަރަހައްދަށް ހަރިކޭންގެ އެއް ނަނގޫރޯޅި އަރައި ލިބުނު ގެއްލުންތަކުގެ އިތުރުން މަދުވެގެން ހަ މީހަކު ވަނީ މަރުވެފަ އެވެ.
ސަލާމަތްވުމަކީ ކްރިސްޓަލްއަށް އޮތް އުފަލެކެވެ. ނަމަވެސް ދެން ހަދާނެ ގޮތަކާ މެދު އޭނާ ހުރީ ކަންބޮޑުވެފަ އެވެ.
"ކުއްލިއަކަށް ގޭގެ ދޮރެއް އެ ދިޔައީ މައްޗަށް އަރައިގެން. އެއާ އެކު ދެން ފެނުނީ ގޭގައި ހުރި އެއްޗެއް ވިއްޔާ އަހަރެންގެ ވަށައިގެން ބުރަައިގެން ދާތަން،" ކްރިސްޓަލް ބުންޏެވެ.
"ވަރަށް ގެއްލުން ބޮޑު ވަގުތުކޮޅެއް. ބިރުން ގޮސް ހަލާކުވި. ހީވީ ނަގޫރޯޅި ހުރީ އަހަރެެމެންގެ ގޭތެރޭގައި ހެން."
އެގޭ އެކަންޏެއް ނޫނެވެ. މުޅި ހިސާބުގަނޑު އޮތީ ފުނޑުފުނޑުވެފަ އެވެ. ގަސްތައް މުލުން ލުހިފަ އެވެ. ވެހިކަލްތައް އެފުށް މިފުށަށް ޖެހިފަ އެވެ.
ތޫފާންގެ ސަބަބުން ދޮޅު ފޫޓަށް ފެންބޮޑުވި އެވެ. މަގުތަކުން އެއްޗެއް ނުދުއްވެ އެވެ. ފިހާރަތަކާއި ގެތަކުގެ އިތުރުން ސްޓޭޑިއަމް ވެސް އޮތީ ފުނޑިފަ އެވެ.
އެންމެ މަތީ ދަރަޖައިގެ ބާރުގައި އުފެދުނު މިލްޓަން ފްލޮރިޑާގެ އައްސޭރި ފަށަށް ލައްވާލިއިރު ތިން ވަނަ ދަރަޖައަށް ބާރު ދަށްވި އެވެ. އެކަމަކު އޭރު ވެސް ވައިގެ ބާރުމިން ހުރީ ގަޑިއަކު 200 ކިލޯމީޓަރުގަ އެވެ. އެހެންކަމުން ފަސް ވަނަ ދަރަޖައިން ތިން ވަނަ ދަރަޖައަށް މަޑުވި ނަމަވެސް ފްލޮރިޑާގެ އެކި ހިސާބުތަކަށް ލިބުނު ގެއްލުން ބޮޑެވެ.
ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ކަރަންޓެއް ނުލިބެ އެވެ. ކަނޑުގައި އުފެދުނު ބާނިތައް ބޮޑުވެ، އައްސޭރިފަށުގެ ސަރަހައްދުތައް ފެނު އަޑިއަށް ގެންދިޔަ އެވެ.
މިލްޓަން މި ލައްވާލީ މީގެ ދެ ހަފުތާ ކުރިން އެހާމެ ބާރުގަދަ ހަރިކޭންއެއް ކަމަށްވާ ހެލެނީގެ ސަބަބުން ފްލޮރިޑާ އާއި އެހެން ބައެއް ސްޓޭޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. އޭގެ އިތުރުން މަދުވެގެން 200 މީހުން މަރުވެ، އެތައް ބަޔަކު ގެއްލުނެވެ.
ކޮމެންޓް (1)
ހުވަދޫ އަހައްމަދޭ