ރައީސްގެ ދެކަނބަލުންނާއި އިންޑިއާއަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ ވަފުދަށް މާލޭގައި ތިއްބެވި ސަރުކާރުގެ އިސް ވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު
10 އޮކްޓޯބަރު 2024

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް، އަވައްޓެރި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.

ވީކިހިނެއް؟ - ރައީސްގެ ދެކަނބަލުންނާއި 10 މިނިސްޓަރުން ހިމެނޭ ގޮތަށް 50 ބޭފުޅުންގެ ވަފުދެއް އިންޑިއާއަށް ކުރެއްވި ދަތުރަކީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އަނބުރާ މާލެ ވަޑައިގެންފައިވާ ކަމަށެވެ.

ތަފްސީލް - މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އާ ފަސް ފަހުމުނާމާއެއްގައި ސޮއިކުރިއެވެ. އިންޑިއާގެ އެހީގައި ހިންގާ ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމުގެ އިތުރަށް، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ބައެއް ކަންކަން ހަމަޖައްސައިދިނެވެ. އެ ގޮތުން:

  • މެއި މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދިން

  • ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދިން

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އިންޑިއާގެ ވެރިރަށް ނިއު ޑެލްހީގެއިތުރުން މުމްބާއީއާއި، އާގުރާއާއި، ބެންގަލޫރަށް ވެސް ވަޑައިގެންފަ އެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރެއްވި ދެ ވަނަ ދަތުރުފުޅެވެ. ނަމަވެސް، މިއީ އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވަނީ، މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ.

ގުޅުން ހުރި - ރާއްޖެ-އިންޑިއާ ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭތީ އެ މުނާސަބަތު ފާހަގަ ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ވަނީ ގަބޫލު ކުރައްވައިފަ އެވެ. އެ ދަތުރުވާނީ މި ސަރުކާރުގައި މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް