އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ފިނޭންސް މިނިސްޓަރު ވާހަކަދައްކަވަނީ. (ފޮޓޯ/ ޕީއެސްއެމް)
ރައީސް މުއިއްޒުުގެ ތަރައްގީ ހާސިލްކުރަން އިންޑިއާ ވިޔަފާރިވެރިންގެ އެހީ މުހިއްމު: ޒަމީރު
ރައީސް މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރު ހާސިލްކުރުމަށް އިންޑިއާ ވިޔަފާރިވެރިންގެ އެހީތެރިކަން މުހިއްމު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފޮރިން މިނިސްޓަރު ކަމުގައި ފަހަކާ ޖެހެންދެން ހުންނެވުމަށްފަހު ފިނޭންސް މިނިސްޓަރަށް މިފަހުން ބަދަލު ކޮށްފައިވާ ޒަމީރު މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ އަރިހުގައި އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، މިއަދު ބެންގަލޫރުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އިންޑިއާގެ ވިޔަފާރިތަކުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ދީފައިވާ އެހީތެރިކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން. އަޅުގަނޑު ގަބޫލުކުރަނީ، ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން ކުރެވިދާނެ އިތުރު ގިނަ މަސައްކަތްތަކެއް ހުރިކަމަށް،" ޒަމީރު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ތަރައްގީގެ ތަސައްވުރާއި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރަން ގެންގުޅުއްވާ ސިޔާސަތުތަކުގެ ވާހަކައާ ގުޅުވައިގެންނެވެ. ޒަމީރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައިވަނީ 2028 އަންނަން ވާއިރަށް ރާއްޖޭގެ އުފެއްދުންތެރިކަން މައްޗަށް ޖެއްސުމަށެވެ.
ތަފްސީލް - އެކަން ހާސިލްކުުރުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުގެ މާލީ ކަންކަން ހަރުދަނާކުރުމުގެ ތަފްސީލީ އެޖެންޑާއެއް އެކުލަވާލައިފާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޒަމީރު ފާހަގަ ކުރެއްވި ގޮތުގައި:
-
ދަރަނިތައް ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެ ގޮތް ހަދައި، މާލީ ދުނިޔެއަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދަނީ ތަންފީޒުކުރަމުން
-
ބޭރު ފައިސާ އިން ނަގާ ޓެކްސް ބޮޑު ކުރުމާއި ބޭރު ފައިސާގެ ރިޒާވް އިތުރުވާގޮތަށް މިފަހުން މާލީ ނިޒާމު ހަރުދަނާކޮށްފައި ވަނީ ވެސް އެ ފިޔަވަޅުތަކުގެ ތެރެއިން
-
މީގެ އިތުރުން އަމިއްލަ ވިޔަފާރީގެ އިންވެސްޓްމެންޓްތައް އިތުރުކޮށް، ފުޅާ ކުރަން އިސްކަން ދިނުމާއި، ސަބްސިޑީތަކަށް ބައެއް ބަދަލުތައް ގެނައުން ވެސް ހިމެނޭ
ރާއްޖޭގެ މާލީ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ސަރުކާރުގެ ހަރަދާއި އާމްދަނީއާ ގުޅޭ އިސްލާހީ ފިޔަވަޅުތަކެއް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ޒަމީރު ވިދާޅުވީ އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފަހި ފުރުސަތުތައް އެބަހުއްޓެވެ.