ކުރީގެ މާލޭ މޭޔަރު، ރައީސް މުއިއްޒު އާއި މިހާރުގެ މޭޔަރު އާދަމް އާޒިމް ސަލާމް ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކުރީގެ މޭޔަރުގެ '1 ލައްކަ ގަސް' ޕްރޮގްރާމަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ސައިފް ވިދާޅުވި ގޮތުގައި، މާލެ ފެހިކުރުމުގެ މަގްސަދުގައި ހިންގަން ފެށި ގަސް ޕްރޮގްރާމުގެ ކަންކަން ކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް؛ އެކަމާ ގުޅޭ ލިޔެކިޔުންތައް ފެންނަން ނެތް އިރު ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި
9 އޮކްޓޯބަރު 2024
2

ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، އެ މަނިކުފާނުގެ އިސް ނެންގެވުމުގެ މަތިން ފެއްޓެވި 'އެއް ލައްކަ ގަސް' އިންދުމުގެ ޕްރޮގްރާމުގައި، ކޮރަޕްޝަން ހިމެނޭ ކަމުގެ ކަންބޮޑުވުންތަކެއް ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން މިއަދު ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ޕްރޮގްރާމާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ގަސް ގަތުމުގެ ކަންކަމުގައި އަމަލުކުރަން ޖެހޭ ގޮތްތަކުގެ އުސޫލެއް ފާސްކޮށްފައިވީ ނަމަވެސް، އެ އުސޫލާ އެއްގޮތަށް އެކަންތައް ރިޕޯޓުވަމުން ނާންނަ ކަމަށް ވިދާޅުވެ، މި ކަންބޮޑުވުން ފުރަތަމަ ހިއްސާކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/މާލޭ ސިޓީ ކައުންސިލް)

ތަފްސީލް - މިއަދު ބޭއްވި ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ސައިފް ވިދާޅުވީ:

  • އެ ޕްރޮގްރާމުގެ ކަންކަން ހިންގާފައިވަނީ އުސޫލުން ބޭރުން؛ އުސޫލުގައި ވިޔަފާރީގެ ހިސާބުތައް ބަލަހައްޓާނެ ގޮތާއި އިންވެންޓަރީ ބަލަހައްޓާނެ ގޮތް އަދި ވިޔަފާރި ކުރުމުގެ ހަމަތައް ވަނީ ކަނޑައަޅާފައި

  • ކޮންމެ ތިން މަހުން އެއް މަހު ގަނެވިއްކާ ގަސްތަކާއި ކުއްޔަށް ދޫކުރާ ގަސްތަކުން ލިބުނު ފައިސާގެ މައުލޫމާތާއި ހަރަދުވި ފައިސާގެ މައުލޫމާތު ބިނާކުރާ ތަފްސީލް ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެ ކަމަށް ވެސް އުސޫލުގައި އޮވޭ؛ އެކަހަލަ އެއްވެސް ރިޕޯޓެއް ހުށަހަޅާފައެއް ނެތް

  • އެ ޕްރޮގްރާމަށް ގަސް ހޯދައި ވިއްކުމުގެ މުއާމަލާތްތަކުގެ ލިޔެކިޔުންތަކާއި ފައިސާގެ ރަސީދުތަކެއް ނެތް؛ ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އެތައް ގުނަ ބޮޑު އަދަދެއް އެ ކަމަށް ހޭދަކޮށްފައިވޭ

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު. (ދައުރު ފޯޓޮ/ހުސައިން ސުނޭން)

ސައިފް ވިދާޅުވި ގޮތުގައި، އޭނާ މިކަންކަން ފާހަގަކުރައްވަން ޖެހުނީ، މިފަހުން ކޮމިޓީތައް އަލުން އެކުލަވާލިއިރު، ކޯޕަރޭޓް އެފެއާޒް ކޮމިޓީއަށް މި ޕްރޮގްރާމާ ގުޅޭ ވަރަށް ކުރީގެ ބިލްތަކަކަށް ފައިސާ ނުދެއްކިގެން އެ މައްސަލަ އައުމުން ކަމަށެވެ.

"އެ ބިލް ބޮނޑިތަކަށް ބަލައިލި އިރުގައި އެދެވޭ ގޮތެއްގައި މުދާ ހަވާލުވިކަމުގެ ރަސީދެއް އެއްޗެއް ފެންނާކަށް ނެތް. އޭގައި ހުރީ މިސާލަކަށް 300، 500، 600، [ހާހުން]، ފަސް މިލިއަން ހަ މިލިއަނުން، މިލިއަނުން މި ކިޔަނީ، މިލިޔަނުން، އެތައް ސަތޭކަ އެތައް ހާސް ގަހެއް ހޯދާފައި، އެ ހުރިހާ އެއްޗެއް ގަނޑުކޮށް ލިބުނު ކަމަށް ސޮއިކޮށްފައި. މިތަނުގެ ސިވިލް ސާވަންޓެއް ވެސް ނޫން އޮތީ ސޮއިކޮށްފައި،" ސައިފް ވިދާޅުވި އެވެ.

ލިޔެކިޔުންތައް ނެތުމުން އެ ކަންކަމާ މެދު ވާހަކަ ދައްކަން ވެސް ހަގީގަތުގައި ނޭނގޭ ކަމަށާއި، ވާނުވާ އޮޅުން ނުފިލާ ކަމަށް، އެންމެ ފަހުގެ އިންތިހާބުގައި މޭޔަރު ކަމަށް ވެސް ވާދަކުރެއްވި ސައިފް ވިދާޅުވި އެވެ.

"އެހާ ރަނގަޅަށް ގޮސްފައި އޮތް ކަންތައްތަކެއް ނޫން އެއީކީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ، ކުރިއަށް އޮތް ތަނުގައި ވެސް ދެން މި ތިބޭ ދޮޅު އަހަރު ވެސް، މިގޮތަށް މިކަން ގޮސްފިއްޔާ އަޅުގަނޑުމެން އެންމެން ތިބޭނީ އޭސީސީގައިހެން،" އޭނާ ވިދާޅުވި އެވެ.

"[ގަސް ޕްރޮގްރާމަށް ކަނޑައަޅާފައިވާ] ބަޖެޓު އެކްސީޑް ވަމުން ވަމުން ވަމުން ވަމުން ގޮސް، އެހެން އައިޓަމްތަކުން، ބަޖެޓުގެ އެހެން ކޯޑުތަކުން ލާރި ނަގައިގެން އަޅުގަނޑުމެން ބިލްތައް ދައްކާ ހަމައަށް ދިޔައިރުގައި ވެސް، މިތަނުން ފާސްކުރި ބަޖެޓު ޑަބަލް ޓްރިޕްލް ވެގެން ދިޔައިރު ވެސް މިކައުންސިލުގެ އެހުމެއް ނެތް."

ސައިފް އެދިވަޑައިގެންނެވީ، އެކަންކަން ހަމައަކަށް އަޅުވައި އިސްލާހު ކުރުމަށެވެ.

މޭޔަރުގެ ބަސް - ސައިފްގެ ކަންބޮޑުވުންތައް ބަލައިގަނެ، އެކަންކަމާ ގުޅިގެން އޭނާއާ ވެސް އެކި ސުވާލު ކުރިމަތިވަމުން އަންނަ ކަމަށް މިހާރުގެ މޭޔަރު، އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމް ވެސް ވިދާޅުވި އެވެ. ނަމަވެސް، އާޒިމް ވިދާޅުވީ އެކަމާ މެދު އެއްޗެއް ވިދާޅުވެވޭނީ އޮޑިޓް ނިމުމުން ކަމަށެވެ.

"މިތަނުގެ އޮޑިޓް ޕްރޮސެސް އެބަ ހިނގާ މިހާރު ވެސް... އޭގައި އެބައޮތް އަޅުގަނޑުމެންގެ ތެރެއިން ބޭފުޅަކު ބުނެފައި އެއްވެސް ޑޮކިއުމަންޓެއް ބެލެހެއްޓިފައި ނެތް ކަމަށް ގަސް ޕްރޮގްރާމުގެ ކަންކަން ހިނގަމުންދާއިރުގައި. ރިކޯޑް ބެލެހެއްޓެމުން ނޫން ކަމަށް ދަނީކީއެއް،" އޮޑިޓަށް ކައުންސިލްގެ ބޭފުޅަކު ހިއްސާކުރެއްވި މައުލޫމާތެއް މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް. (ފޮޓޯ/ މާލޭ ސިޓީ ކައުންސިލް)

އާޒިމް ވިދާޅުވީ، އެ ހިސާބުން ފެށިގެން އެކަމާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ:

  • ގަސް ޕްރޮގްރާމުގެ ދަށުން ވިއްކާ ތަކެތީގެ އަގުތައް ޖެހުމާއި އިންވެންޓަރީ ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

  • ކުރިއަށް އޮތް ތަނުގައި ރަނގަޅަށް ރިކޯޑުތައް ބެލެހެއްޓިގެން ދާނެ؛ ޗެކް އެންޑް ބެލެންސް ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނެސް އަންނަ ހަފްތާ ތެރޭގައި ނިންމާނެ

ފާހަގަކޮށްލެވޭ - ސައިފްގެ ކަންބޮޑުވުންތަކުގައި ފާހަގަކުރެއްވި ބައެއް ވާހަކަތަކަށް ޑެޕިއުޓީ މޭޔަރު، ވެރިކަންކުރާ ޕީއެންސީގެ އަހުމަދު ނަރީޝް ދެކޮޅު ހައްދަވަ އެވެ. އެގޮތުން:

  • އެއް ކަމަކަށް އޭނާ ވިދާޅުވީ، ބަޖެޓު ކޯޑު ބަދަލު ކުރުމަކީ މިނިސްޓްރީތަކުން ހުއްދަ ލިބިގެން، އަހަރުގެ މިހިސާބަށް އަންނަ އިރު ހުރިހާ މުއައްސަސާތަކުން ވެސް ކުރާ ކަމެއް

  • ބިލްތައް ހުރީ ސައިފް ފާހަގަކުރެއްވި ގޮތަކަށް ނޫން

"ވަރަށް ތަފްސީލްކޮށް އޭގައި އެބަހުރި ހުރިހާ އެއްޗެއް ލާފައި ހަމަ ސޮއި ވެސް ކޮށްފައި. ޑެލިވަރީ ނޯޓު ވެސް ހަދާފައި ހުރީ. އެ ހުރިހާ އެއްޗެއް އެބަހުރި ފެންނަން،" ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ވެސް ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ނަރީޝް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް. (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)

އެކަން ތަފްސީލްކޮށްދެއްވައި މީޑިއާއަށް އެ ވާހަކަ ތިލަކުރާ އިރު، އެކަން ކުރެވެނީ ވަކި ގޮތަކަށް ތުހުމަތު ކުރެވިގެން ކަމަށް ފާހަގަކުރެވޭތީ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ. ނަރީޝްގެ އިތުރުން ވެސް، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ކައުންސިލަރުން ވަނީ ސައިފްގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ނަމަވެސް، އާޒިމް ވިދާޅުވީ، ބައްދަލުވުންތަކުގައި އޭނާ ދައްކަވަމުން ގެންދަވަނީ ލިޔެކިޔުންތަކުން ފެންނަން ހުރި ވާހަކަތައް ކަމަށެވެ. އެގޮތުން، މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ގަސް ޕްރޮގްރާމުގެ ކަންކަން އެއްވެސް ވަރަކަށް ރެކޯޑު ކުރެވިފައި ނުވާ ކަމަށާއި އެ ޕްރޮގްރާމުގެ ދަށުން ގެނެސްފައިވާ ތަކެތި އިންވެންޓަރީކޮށް، ކޯޑު ޖަހައި އަގު ޖަހަން ވެސް ފެށުނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

ސަސި.

10 އޮކްޓޯބަރު 2024
ނަރީޝް ސިޔާސީ އެހެން މަގާމަކަށް ނުލާ އެ ހުރީވެސް ތިޔަ ބޭނުމުގަ.
2 1

ނަރީސް

9 އޮކްޓޯބަރު 2024
ނަރީޝް އަކީ ދޮގުހެކި ވެސް މަގާމާ ސިޔާސީ މަންފާއަށްޓަކައި ދެއްވާ ބޭފުޅެއް. ޢެހެންވީމަ ވަރަށް ސާފު ހުރިހާ ކަމެއްވެސް.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް