މާލޭ ޖަލުގައި ތިބި ގައިދީންނާ ކަމާބެހޭ އިދާރާތަކުގެ އިސް ފަރާތްތަކުން ބައްދަލުކުރައްވަނީ. (ފޮޓޯ/ ކަރެކްޝަންސް)
ގައިދީންގެ ނުރުހުމުގައި ބޯނުކޮށޭ ގޮތް ހަދަން އެޗްއާރުސީއެމް އިން ހުށަހަޅައިފި
ރުހުމަކާ ނުލައި ގަދަކަމުން ގައިދީންގެ ބޯކޮށުމާއި ބޯކޮށަން އިންކާރު ކުރާ ގައިދީންނަށް ރިހެބިލިޓޭޝަން އާއި ޕެރޯލްގެ ފުރުސަތު ގެއްލެމުންދާކަމަށް ބުނާ މައްސަލަތަކާ ގުޅިގެން، ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ކޮށުމަކީ ގައިދީންނަށް އިހުތިޔާރީކަމެއްގެ ގޮތުގައި ކަނޑައަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޕޮލިސީ ރިވިއުއެއް އެ ކޮމިޝަނުން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
އެ ކަރުދާހުގައި، ގައިދީންގެ ބޯކޮށުމާއި ގުޅޭގޮތުން އެޗްއާރުސީއެމްއަށް ހުށަހެޅިފައިވާ މައްސަލަތައް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
-
ރުހުމަކާ ނުލާ ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަން ކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާ މައްސަލައެއް ކޮމިޝަނުން ތަހުގީގުކޮށްފައިވޭ
-
މާފުށި ޖަލުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ގައިދީއެއްގެ ނުރުހުމުގައި ގަދަކަމުން ބޯކޮށުމަށް މަޖުބޫރު ކުރުވާ، ބޯކޮށުމަށް އިންކާރު ކުރާނަމަ ރިހެބިލިޓޭޓް ވުމުގެ ފުރުސަތު ގެއްލޭ ކަމަށް ބުނެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވޭ
މީގެ އިތުރުން، ބޮލުގެ އިސްތަށިގަނޑު ހުންނަ ގޮތުން ގައިދީންނަށް ލިބިދޭ ޕެރޯލްގެ ފުރުސަތު ނުލިބުމާ ގުޅޭ މައްސަލަތައް ކޮމިޝަންގެ ތަހުގީގުތަކަށް ފާހަގަވެފައިވާ ކަމަށާއި ބޯކޮށުމަށް އިންކާރުކުރާ ހާލަތުގައި ރިހެބިލިޓޭޝަން ޕްރޮގްރާމުން ގައިދީން ވަކިކުރެވޭ ގޮތަށް އުސޫލުތައް ކަނޑައެޅިފައިވާ ކަން ވެސް ފާހަގަވެފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވެ އެވެ.
އެނގުން މުހިއްމު - 'ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދު'ގެ 8 ވަނަ މާއްދާގެ (ހ)ގައި ވާގޮތުން:
-
ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ 2 ސެންޓިމީޓަރަށް ތުނިކޮށް ކޮށައިފަ
-
އެ މީހުންގެ ތުނބުޅި ހުންނަންވާނީ ބާލައިފައި ނުވަތަ ދެ އިންޗިއަށް ވުރެ ދިގުނުވާ ވަރަށް ކޮށައިފަ
-
މަތިމަސް ހުންނަންވާނީ ބާލައިފައި ނުވަތަ ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުވާގޮތަށް ތުނިކޮށް ކޮށައިފަ
ނަމަވެސް، 'ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު'ގައި ބޯކޮށުން މަޖުބޫރުކޮށްފައެއް ނުވެ އެވެ. އަދި ބޯކޮށުމަކީ އަހުލާގީ މިންގަނޑުގެ ތެރެގައި ހިމެނޭކަމެއް ކަމުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އެހެންކަމުން، އެޗްއާރުސީއެމްގެ ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގައިދީންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ބޯކޮށުން ހިމަނައި، އެއީ ޖަލު ކުށެއް ކަމުގައި ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިގެން ނުވެ އެވެ.
ތަފްސީލް - ރާއްޖޭގައި އަމަލުކުރަމުންދާ ގުޅުންހުރި ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކަށް އަލިއަޅުވާލައި، ޖަލުތަކުގައި ކަންކަން ހުންނަން ޖެހޭގޮތް ބަޔާންކޮށް އދ. އިން އެކުލަވާލާފައިވާ 'މަންޑޭލާ ރޫލްސް'ފަދަ ބައިނަލްއަގުވާމީ ގައިޑްލައިންތަކާއި އެހެނިހެން ޑިމޮކްރަޓިކް ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކުރުމަށްފަހު، ކޮމިޝަނުން ވަނީ ބޯކޮށުމުގެ މައްސަލައާ ގުޅިގެން ޖުމްލަ ހަ ކަމެއް ބަދަލު ކުރަން ހުށަހަޅާފަ އެވެ. އެ ކަންތައްތަކަކީ:
-
ގައިދީންގެ ބޯކޮށުމަކީ ސާފުތާހިރުކަމާ ގުޅުންހުރި ކަމެއް ކަމަށް ވާތީ 'ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދު'ގެ 8 ވަނަ މާއްދާ އެ ގަވައިދުން އުނިކުރަން
-
ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް ކޮށުމަކީ އެ ގައިދީއެއް ނުވަތަ ބަންދުގައި ހުރި މީހެއްގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި ގަވައިދާ އުސޫލުތަކުގައި ބަޔާންކުރަން
-
އެކަންކަމަކީ ގައިދީންގެ ސާފުތާހިރުކަމާ ގުޅިފައިވާ ކަމަކަށް ވެފައި އެއްވެސް ހާލަތެއްގައި މީހެއްގެ އަދަބު އަހުލާގާއި ސުލޫކާ ގުޅުވޭނެ ކަމެއް ކަމުގައި ނުވާތީ، ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އަދި ޕެރޯލްގެ ފުރުސަތު ދިނުމުގައި އަހުލާގީ މިންގަނޑުން ބަލައި އެކަންކަމަށް ރިއާޔަތް ނުކުރަން
-
ޖަލުގެ އާންމު ސިއްހަތު ރަައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދު ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށްޓަކައި މެނުވީ، އެއްވެސް ގައިދީއެއްގެ ނުވަތަ ބަންދުކޮށްފައިވާ މީހެއްގެ ނުރުހުމުގައި ބޮލާއި ތުނބުޅި އާއި މަތިމަސް އެއްވެސް މިންވަރަކަށް ގަދަކަމުން ކޮށައި ނުވަތަ ބާލައިގެން ނުވާނެކަން ގަވައިދާ އުސޫލުތަކުގައި ބަޔާންކުރަން؛ އަދި މިދަފަ ހާލަތެއްގައި ވެސް އެކަން ކުރެވޭނީ ޖަލުގެ ހެލްތު އޮފިސަރުގެ ލަފާގެ މަތިންކަން ބަޔާންކުރަން
-
ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އެފަރާތުގެ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަ ފަދައިން އެކަން ކުރުމަށާއި އެގޮތަށް އެކަން ކުރާނަމަ ލިޔެކިޔުމުން އެކަން ބަލަހައްޓަން
-
އެއްވެސް ގައިދީއެއް ދީނީގޮތުން ގަބޫލުކުރާ ގަބޫލުކުރުމެއްގެ ސަބަބުން ބޯކޮށުމަށް ނުވަތަ ތުނބުޅި ބޭލުމަށް އިންކާރު ކުރާ ހާލަތުގައި އެކަން ކުރުމަށް މަޖުބޫރު ކުރުމެއް ނެތި އެކަންކަމަށް އިހުތިރާމް ކުރަން