ހުޅުމާލޭގައި އަޅާ ޕާކިން އިމާރާތްތައް ހުންނާނެ ގޮތުގެ ކުރެހުމެއް (ފޮޓޯ/އެޗްޑީސީ)
ޕާކިން ބިލްޑިން: ސްލޮޓު މިލްކު ކުރެވޭނެ، ކުއްޔަށް ވެސް ދެވޭނެ
އެޗުޑީސީއިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތަކުން ސްލޮޓު ނަގާ މީހުންނަށް އެ ތަންތަން މިލްކު ކުރެވޭނެ ކަމަށާއި އެހެން ފަރާތަކަށް ކުއްޔަށް ދީ ނުވަތަ ވިއްކާ ވެސް ލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅާނެ ބަޔަކު ހޯދަން އެޗުޑީސީއިން އިއުލާންކުރީ މިދިޔަ މަހު އެވެ. އެއީ:
-
ކާރު ޕާކިންއަށް 3،920 ސްލޮޓު
-
ސައިކަލު ޕާކިންއަށް 3،426 ސްލޮޓު
ތަފްސީލު - ޕާކިން ބިލްޑިން ގުޅިގެން ހިންގުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި އެޗުޑީސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ އެ މަޝްރޫއުގެ ބައެއް ތަފްސީލު ހިއްސާކުރައްވާފަ އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ޕާކިން ބިލްޑިންތަކުގެ %90 ސްލޮޓު ކުއްޔަށް ދޭނީ ބީލަމުގެ އުސޫލުން ކަމަށެވެ. ބާކީ %10 ހާއްސަކުރާނީ އޭނާ ވިދާޅުވި ގޮތުގައި ވިޒިޓާ ޕާކިންއަށެވެ.
އޭގެ އިތުރުން އެ ބިލްޑިންތަކުން ޕާކިން ސްލޮޓު ވިއްކާނީ، ފަޒުލް ވިދާޅުވި ގޮތުގައި އެޕާޓްމަންޓް ގޮތަށް މިލްކު ކުރެވޭ ގޮތަށެވެ.
"މި ތަނުން ޕާކިން ސްލޮޓު ގަންނަ މީހަކަށް ލިބޭ ފުރުސަތަކީ އުމުރަށް އެ ޕާކިން ސްލޮޓް ލިބުން. މާނައަކީ އެ މީހެއްގެ އެ ޕްލޮޓް ލިބޭނެ، އެޕާޓްމަންޓެއް އޯންކުރާ އުސޫލުންނޭ މި ކޮޅުން ވިއްކަން ހަމަޖެހިފައި މިއޮތީ. ބޭންކިން ސިސްޓަމްގެ ތެރެއިން ފައިސާ ދައްކާ އުސޫލު ވެސް ޑައިރެކްޓް ޕޭމަންޓް ވެސް ގަބޫލުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޕާކިން ބިލްޑިން މަޝްރޫއު
-
ޖުމްލަ 15 ޕާކިން ބިލްޑިން އަޅާނެ
-
ކާރު ޕާކިންއަށް 3،920 ސްލޮޓު އަދި ސައިކަލު ޕާކިންއަށް 3،426 ސްލޮޓު
-
90% ސްލޮޓު ވިއްކާނީ ބީލަމުގެ އުސޫލުން
-
ކޮންމެ ޕާކިން ބިލްޑިންގެ %10 ހާއްސަކުރާނީ ވިޒިޓާ ޕާކިންއަށް
-
ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ޕާކިން ސްލޮޓްތަކެއް ކޮންމެ އިމާރާތެއްގައި ހުންނާނެ
-
ހުރިހާ ބިލްޑިންތަކަށް ކަރަންޓު ދޭނީ ސޯލާއިން؛ ބިލްޑިންތައް އޮޕަރޭޓުކުރާނީ އޮޓޮމޭޓަޑް ސިސްޓަމަކުން
-
ހުރިހާ ބިލްޑިންތަކުގަ ސަވެއިލަންސް ހުންނާނެ
-
ޕާކިން ބިލްޑިންއަށް ގަރާޖު ސިޓީ ދޫކުރާނެ؛ ކޮންމެ ސިޓީއަކަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ
-
ޕާކިން ސްލޮޓު ގަންނަ މީހުންނަށް އެ ސްލޮޓު އެހެން ފަރާތަކަށް ވިއްކަން ނުވަތަ ކުއްޔަށް ދިނުމުގެ ފުރުސަތު ލިބޭނެ
-
ސީދާ ވަކި އަގެއް ނުބުނި ނަމަވެސް، ސްލޮޓެއް އަގު ހުންނާނީ ބޭންކުން ދޭ ލުއި ލޯނަށް ފެތޭ ރޭންޖުގައި
މިހާރު ކުރިއަށްދަނީ ޕާކިން ބިލްޑިން އަޅަން ކުރިމަތިލި މީހުންގެ އިވެލުއޭޝަން މަސައްކަތެވެ. ފަޒުލް ވިދާޅުވީ އެ މަސައްކަތް މި މަހު ފަހުކޮޅުގައި ނިންމާލުމަށްފަހު ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ. އަދި ބިލްޑިންތައް އެއް އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.