ރާއްޖޭގެ ރަށެއްގެ ކުނިކޮށި ކުނިން ފުރިފައި. (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)
ކުނި މެނޭޖުކުރާ ވަސީލަތްތައް ހޯދަން ބީއެމްއެލްއިން މާލީ އެހީ ދެނީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުނި މެނޭޖްކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް އެ ބޭންކުން މިއަދު ތައާރަފުކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން، ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދޭނެ އެވެ. އެގޮތުން:
-
މި ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށް
-
ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް community@bml.com.mvއަށް މި މަހުގެ 21ގެ ހަވީރު 4ގެ ކުރިން ހުށަހަޅަންވާނެ
-
މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ
ބުނީ ކީކޭ؟ - "މި ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް. ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މުޖުތަމައަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާވެސްމެ،" ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖު އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓް މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން. މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް، ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ވެސްމެ."
ފާހަގަކޮށްލެވޭ - ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ މަގްސަދުގައި ބީއެމްއެލް އިން މިފަދަ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.