އައިސިސް ބަލިކުރަން އެމެރިކާއިން އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަންގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ / އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް)

ރާއްޖެ-އެމެރިކާ

އައިސިސް ބަލިކުރަން އެމެރިކާއިން ހަދާފައިވާ ކޯލިޝަނާ ރާއްޖެއިން ގުޅިއްޖެ

އެ ކޯލިޝަންގެ 87 ވަނަ ގައުމުގެ ގޮތުގައި ރާއްޖެއިން ބައިވެރިވި އިރު އެމެރިކާއާ ގުޅުން ބަދަހިކުރުމުގެ ގިނަ މަސައްކަތްތަކެއް މިފަހުން ރާއްޖެއިން އަންނަނީ ކުރަމުން
2 އޮކްޓޯބަރު 2024

ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިސިސް/އައިއެސް) ނައްތާލަން އެމެރިކާއިން އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނާ ރާއްޖެއިން ގުޅިއްޖެ އެވެ.

ވީ ކިހިނެއް؟ - އައިސިސް ބަލިކުރުމަށް އުފެއްދި މި ކޯލިޝަންގެ ވަޒީރުންގެ ފަރާތުން މިދިއަ ހޯމަދުވަހު ނެރުނު ޖޮއިންޓް ކޮމިއުނިކޭގައި، ރާއްޖެއިން އެ ކޯލިޝަނާ ގުޅުމުން މަރުހަބާ ކިޔާފައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ފަރާތުން ޝާއިއުކުރި މި ބަޔާނުގައި ވާ ގޮތުން، ރާއްޖެއިން އެ ކޯލިޝަނާ ގުޅުމާ އެކު ކޯލިޝަންގެ މެމްބަރު ގައުމުތަކުގެ އަދަދު ވަނީ 87އަށް އަރާފަ އެވެ.

އެނގުން މުހިއްމު - އިރާގުގެ އެދުމުގެ މަތިން އައިސިސް ބަލިކުރަން މީގެ 10 އަހަރު ކުރިން އެމެރިކާއިން އުފެއްދި މި ކޯލިޝަނަކީ، ދުނިޔޭގެ ތާރީހުގައި ވެސް އުފެއްދި އެފަދަ އެންމެ ބޮޑު ކޯލިޝަނެވެ. އެމެރިކާއިން ބުނާ ގޮތުގައި، މީގެ ފަސް އަހަރު ކުރިން އިރާގާއި ސީރިޔާގައި ހަރަކާތްތެރިވި އައިސިސްގެ ސެލްތަކުގެ މައްޗަށް ކުރި ހޯދުމުގައި އެ ކޯލިޝަނުން މުހިއްމު ދައުރެއް އަދާކުރި އެވެ.

މި ކޯލިޝަނުން މިހާރު ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ އައިސިސްގެ ފަރާތުން މިހާރު ކުރިމަތިވަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ފާރަވެރިވެ، އެފަދަ ނުރައްކާތައް ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމެވެ.

ފާހަގަކޮށްލެވޭ - މި ކޯލިޝަނާ ރާއްޖެއިން ގުޅިފައި ވާއިރު، އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގިނަ މަސައްކަތްތަކެއް ރާއްޖެއިން ފަހަކަށް އައިސް އަންނަނީ ކުރަމުންނެވެ. އެގޮތުން:

  • މި އަހަރުގެ ތެރޭގައި އޭރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެމެރިކާއަށް ރަސްމީ ދަތުރުތަކެއް ކުރައްވާފައި

  • ދެ ގައުމުގެ އިގްތިސޯދީ ގުޅުން ވަރުގަަދަ ކުރުމަށް މަޝްވަރާކުރި

  • ބައިނަލްއަގުވާމީ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް އެހީތެރިކަން ހޯދަން މަޝްވަރާކުރި

  • ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން ބޮޑުކުރަން، ރާއްޖޭގެ އިގްތިސޯދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު (130.5 މިލިއަން ރުފިޔާ) ދޭން އެމެރިކާއިން ނިންމި

ގުޅުން ހުރި - އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަަމަލާތަކާ ގުޅިގެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ޖޫން މަހު ކެބިނެޓުން ނިންމުމާ އެކު ރާއްޖެއަށް އެއްވެސް އެހީއެއް ދޭންވާނީ އެފަދަ ފިޔަވަޅެއް ރާއްޖެއިން ނާޅާކަން ކަށަވަރުކޮށްފައި ކަމަށް އެމެރިކާގެ ސެނެޓުން ވަނީ ނިންމާފަ އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރާނެ ކަމަށް ކެބިނެޓުން ނިންމާ، އެ މަސައްކަތް މަޖިލީހުން ފެށި ނަމަވެސް، އަދިވެސް އެކަން އޮތީ ކޮޅެއްގައި ނުޖެހި ޕާކުވެފަ އެވެ. އެތައް މަހެއް ވެގެން ދިޔައިރު ވެސް ސަރުކާރުގެ އެ ނިންމުމުގައި އަމަލީ ސިފަ ނުޖެހޭތީ ސަރުކާރުގެ ނިޔަތާ މެދު އާންމުން ސުވާލު އުފައްދަފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް