ޗައިނާގެ 75 ވަނަ އަހަރީދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތަކުވެސް ޗައިނާ އޮތީ އެހީދޭން ތައްޔާރަށް: ރައީސް
ރާއްޖޭން އެހީތެރިކަން ބޭނުންވި ކޮންމެ އުނދަގޫ ދަނޑިވަޅެއްގައި އެކަމުން އަރައިގަތުމަށް ޗައިނާ ރާއްޖޭގެ އެންމެ ގާތުގައި އެހީދޭން ތައްޔާރަށް އޮތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ޗައިނާގެ75 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އޭގެ އެއް މިސާލަކީ 2004ވަނަ އަހަރު ހިނގި ސުނާމީ ކާރިސާގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ކަމަށެވެ. ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އަވަސްވެގަތް ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމާއި އެއްބާރުލުންވެސް ރައީސް ފާހަގަކުރެއްވި އެވެ.
"ޖިއޮގްރަފިކަލީ ރާއްޖެ އާއި ޗައިނާ ކިތަންމެ ދުރުގައި އޮތްނަމަވެސް ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން މިދިޔަ އަހަރުތަކުގައި ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުން. މި އެކުވެރިކަމުގެ ގުޅުމުގެ އަސްލަކީ ދެގައުމުން ވެސް ގަބޫލުކުރާ އެއްގޮތް އުސޫލުތަކެއް ހުރީމަ،އިހުތިރާމާއި އިތުބާރާއި އެއް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވާތީ، ރާއްޖޭގެ ތަރައްގީގައިވެސް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ ޗައިނާ،" މުއިއްޒު ވިދާޅުވި އެވެ.
މާލީގޮތުން ރާއްޖެ ދަށް ހާލަތެއްގައި އޮތް ވަގުތުތަކުގައިވެސް ބޯހިޔާވަހިކަމާއި ތަރައްގީގެ އެތައް މަޝްރޫއުތަކެއްގައި ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ އެކުވެރިކަމުގެ ފުރިހަމަ މިސާލެއް، އެއީ ދެގައުމެއް އެކުގައި ގުޅިގެން އަމާޒަކަށް ވާސިލްވާން މަސައްކަތްކޮށްފިނަމަ އެކަމެއް ކާމިޔާބުވާނެ ކަމުގެ ރަމްޒެއް،"
"ޗައިނާ އަދި ރާއްޖޭންވެސް ސުލްހައަށް ވަރަށް ބޮޑަށް ލޯބިކުރަން އަދި ދެގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި މިނިވަންކަމަކީ ދުރު މުސްތަގްބަލްގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައި ގަބޫލުކުރަން. ރެާއްޖެފަދަ ކުދި ގައުމުތަަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭއިރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން އެބަ ސާފުކޮށް އެނގޭ،"
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިވެ ވިޔަފާރި އާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ހުރިހާ ދާއިރާއެއް އަދި ބޯހިޔާވަހިކަމާއި ތަރައްގީގެ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ލިބުމަށް އުންމީދުކުރައްވާ ކަމަށެވެ.