ކްރިމިނަލް ކޯޓް. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ކަސްޓަމަރުންގެ އެކައުންޓްތަކުން 4 ލައްކަ ރުފިޔާ ވަގަށް ނެގި ބޭންކު މުވައްޒަފަކަށް ހުކުމްކޮށްފި
ކަސްޓަމަރުންގެ އެކައުންޓްތަކުގައި ހުރި ފައިސާއަށް ހިޔާނާތްތެރިވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކު ޖޫރިމަނާކޮށް މުޖުތަމައަށް ހިދުމަތްކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ކަމުގައި ބައިވެރިވި މީހަކީ އަލީ މާޒިން، ހިޔާވަހިގެ/ބ. އޭދަފުއްޓެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ.
ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނާ ގޮތުން:
-
18 ސެޕްޓެމްބަރު 2012 އިން 26 އޮކްޓޯބަރު 2021އަށް ކަސްޓަމަރުންގެ ހުއްދަ ނެތި، އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރި
-
ބ. އަތޮޅުން ހިދުމަތް ހޯދާ ޖުމުލަ 13 ކަސްޓަމަރެއްގެ އެކައުންޓުން މާޒިންގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފޮރެކްސް ޓްރޭޑިންގެ މުއާމަލާތްތައް ކޮށްފައިވޭ
-
ސައްހަ ނޫން ކްރެޑިޓް ކާޑް ޕޭމަންޓްތަކާއި ފޮރެކްސް ޓްރޭޑިން މުއާމަލާތްތަކާ އެކު މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ޖުމްލަ 482،611.41ރ. ވަގަށް ނަގާފައިވޭ
ތަފްސީލް - ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި މާޒީން ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާ އެކު އިއުތިރާފު އެއްބަސްވުމެއްގައި އޭނާ ސޮއިކޮށްފައިވެ އެވެ.
އިއުތިރާފު އެއްބަސްވުމުގައިވާ ކަންކަމަކީ:
-
ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުން؛ ކުށަށް އިއުތިރާފުވުމުން އަދަބު ލުއި ވަނީ 9 މަހާއި 18 ދުވަހުގެ މުއްދަތަށް
-
ޖަލު އަދަބު، ޖޫރިމަނާ އާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަށް ބަދަލު ކުރުމުގެ އުސޫލުތަކުގެ ތެރެއިން، 40 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުން އަދި 56،200ރ.ގެ ޖޫރިމަނާއެއް ދެއްކުމަށް އަދަބު ބަދަލު ކުރުން
-
ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދެއްކުމަށް، ބީއެމްއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފައިސާ ދައްކަމުން ދިއުން
ހުކުމް - ގާޒީ ހުކުމްކުރެއްވީ ދައުލަތާ އެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ތިން މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ. އަދި މުޖުތަމައަށް ހިދުމަތް ކުރުމަށް ކަރެކްޝަންސްއިން އެކަށޭނަ މަސައްކަތެއް އޭނާއާ ހަވާލު ކުރުމަށެވެ.
ދައުލަތާ އެކު ވެފައިވާ އެއްބަސްވުމަށް އިހުތިރާމުކޮށް އޭގައިވާ އެހެން ކަންކަން ފުރިހަމަ ކުރުމަށް ވެސް ހުކުމުގައި އެންގި އެވެ.