ގދ. ތިިނަދޫއިން ދިރިއުޅެން ގޯތި ދޫކުރުމަށްޓަކައި މިއަދު ފެށި ގުރުނެގުމުގެ ތެރެއިން. (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

ގދ. ތިނަދޫ

ގދ. ތިނަދޫއިން ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ފަށައިފި

ތިނަދޫ ރައްޔިތުންނާއި ރަށުން ބޭރު މީހުންނަށް ވެސް ލިބޭ ގޮތަށް އެކި ކެޓަގަރީތަކަށް ބަހާލައިގެން ޖުމްލަ 200 ގޯތި ދޫކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުން. މިއަދު ކުރިއަށްދަނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ތަން ކަނޑައެޅުމުގެ މަސައްކަތް
29 ސެޕްޓެމްބަރު 2024
1

ވަކި ޝަރުތުތަކަކާ އެކު ގދ. ތިނަދޫއިން ދިރިއުޅުމަށް ދޫކުރާ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ތިނަދޫ ސިޓީ ކައުންސިލުން ގޯތި ދޫކުރަން ހުޅުވާލީ 20 އޭޕްރީލް 2023ގަ އެވެ. ފުރަތަމަ 150 ގޯއްޗަށް ހުޅުވާލި ނަމަވެސް، ތަރުހީބު ބޮޑުވުމުން 31 ޖުލައި 2023ގައި އެ އަދަދު 200އަށް އިތުރުކުރި އެވެ.

މިއަދު ކުރިއަށްދަނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުމާއި ގޯތި ލިބޭ ތަން ކަނޑައެޅުމުގެ މަސައްކަތެވެ.

ގދ. ތިިނަދޫއިން ދިރިއުޅެން ގޯތި ދޫކުރުމަށްޓަކައި މިއަދު ފެށި ގުރުނެގުމުގެ ތެރެއިން. (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

ބުނީ ކީކޭ؟ - ތިނަދޫގެ މޭޔަރު ސައުދު އަލީ 'ދައުރު'އާ ވާހަކަދައްކަވަމުން ވިދާޅުވީ ގުރުނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް މިރެއަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ތިނަދޫގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 200 ގޯތި މި ދޫކުރަނީ [3 ކެޓަގަރީއަކަށް ބަހާލައިގެން]. ތިނަދޫއިން ދިރިއުޅުމަށް ގޯތި މި ދޫކުރަނީ 12 އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު،" ސައުދު ވިދާޅުވި އެވެ.

ތަފްސީލު - ސައުދު ވިދާޅުވީ މި ގޯތިތައް ދޫކުރަނީ ވަކި ޝަރުތުތަކެއް ކުރުމަށްފަހު ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ޝަރުތުތަކަކީ:

  • ގޯތި ހަވާލުކުރި ނަމަވެސް، ވަގުތުން ރަޖިސްޓްރީ ނުލިބޭނެ

  • ގޯތި ލިބޭ މީހުންނާ އެކު 5 އަހަރުގެ އެއްބަސްވުމެއް ހަދާނެ

  • ބަންޑާރަ ގޯތި ކުއްޔަށް ނުދެވޭނެ

  • އެ މުއްދަތު ހަމަވުމުގެ ކުރިން އެ ގޯތީގައި ދިރިއުޅެން ފަށަންޖެހޭނެ؛ ނުފެށިއްޖެނަމަ އެހާތަނަށް އެ ގޯއްޗަށް ކޮށްފައިވާ ހަރަދުތަކަށް ކައުންސިލުން ޒިންމާނުވާ ގޮތަށް އެއްބަސްވުން ބާތިލުކުރެވޭނެ

  • ގޯތީގެ ރަޖިސްޓްރީ ލިބޭނީ ދިރިއުޅެން ފަށާކަން ރަސްމީކޮށް ކައުންސިލަށް އެންގުމުން ކައުންސިލުން ބަލަންޖެހޭ ކަންކަން ފުރިހަމަތޯ ބެލުމަށްފަހު

ގދ. ތިިނަދޫއިން ދިރިއުޅެން ގޯތި ދޫކުރުމަށްޓަކައި މިއަދު ފެށި ގުރުނެގުމުގެ ތެރެއިން. (ފޮޓޯ/ތިނަދޫ ސިޓީ ކައުންސިލް)

ތިނަދޫއިން ގޯތިދޫކުރާ މައިގަނޑު ތިން ކެޓަގަރީ

  • 1-

    ކެޓަގަރީ އޭ - ތިނަދޫ ރައްޔިތުންނަށް، ތިނަދޫ ދަފްތަރު ހިމެނޭހެން

  • 2-

    ކެޓަގަރީ ބީ - ރަށުން ބޭރު މީހުންނަށް

  • 3-

    ކެޓަގަރީ ސީ - އެކަނިވެރި މައިން/ބަފައިން، ތިނަދޫގައި ވިޔަފާރިކުރާ ރަށުން ބޭރު މީހުން އަދި ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ މީހުން

ގުޅުންހުރި ކަމެއް - ތިނަދޫ ކައުންސިލުން ކޮންޑިޝަނަލް ގޯތި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފެށިއިރު، އަމިއްލަ ފަރާތަކުން ވަނީ ގުރުނެގުމުގެ މަސައްކަތް ހުއްޓުވައިދިނުމަށް އެދި ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

އެކަމާ ގުޅޭގޮތުން ސައުދު ވިދާޅުވީ، އޭނާއަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ ވަކި މީހަކަށް ގޯތި ނުލިބިގެން ހުށަހެޅި މައްސަލައެކެވެ. އަމުރަކަށް އެދިފައި އޮތް ނަމަވެސް ކޯޓުން އެފަދަ އަމުރެއް ނުދޭތީ ގުރުނެގުން ހުއްޓާލަންޖެހޭ ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ދުއްތޫރު ސިކަންދަރު މޫސަ

29 ސެޕްޓެމްބަރު 2024
ތިނަދޫ ކައުންސިލުން ދާދި ފަހުން ދޫކުރި ގޯތި ގުރުއަތު ނިންމާ ބެހެނި ވެރިންނަށް ހަވާލު ކޮށް މަސްދުވަހު ތެރޭ ނިންމާލާއިރު 2 އަހަރު ވެގެން ދާއިރު މާލޭން ދޫކުރި ގޯތިތަކާއި ފުލެޓުތައް މިސަރުކާރަށް ހަވާލެއް ނުކުރެވުނު . ބޭކާރު ސަރުކާރެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް