ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަަދު ޝިޔާމް
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ނުފޫޒުގެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަަދު ޝިޔާމްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިިހިނެއް؟ - ޝިޔާމްގެ މައްޗަށް ދައުވާކޮށްފައިވަނީ:
-
ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެން ބެހެއްޓި މައްސަލާގައި
-
ދައުވާކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގައި
-
ދައުވާއަށް އޭނާ ވަނީ އިންކާރުކުރައްވާފައި
މިއަދު ކުރި ހުކުމް ـ ގާޒީ އައިމިނަތު އަޒްލިފާ މިއަދު ހުކުމް ކުރެއްވީ، ޝިޔާމްގެ ބައްޕަ ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެންކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ.
ގާޒީ އެ ގޮތަށް ކަނޑައެޅުއްވި ސަބަބުތަކަކީ:
-
ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި މީހުން ބެހެއްޓުމަށް ލިޔެވިފައިވާ ހާއްސަ އުސޫލެއް ނެތް
-
އަމަލު ކުރަމުން ދިޔަ އުސޫލަކީ ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް ބެހެއްޓުން
-
ސިފައިންގެ އާއިލާގެ މީހުންނާއި ސިފައިންގެ ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް ބައިތިއްބައި ހިދުމަތް ދޭ
-
އާންމުކޮށް މީހަކު ބަހައްޓާ މުއްދަތަށް ވުރެ ދިގު މުއްދަތަކު ބެހެއްޓިކަން ކަނޑައެޅޭނެ ގޮތެއް ވެސް ނެތް
-
ޝިޔާމްގެ ބައްޕައަށް ބޭސް ގެނެސްދީ، އެފަދަ އެހީތައް ސިފައިންގެ ޕްރައިވެޓް އޮފިސަރު ދިނީ އަމުރެއް ކޮށްގެން ނޫންކަން؛ އޮންނަ ގާތް ކަމުން ހުސް ވަގުތުތަކުގައިކަން އޮފިސަރު ބުނި
-
އެ ތަނުގެ ކޭޓަރިން އިން ޝިޔާމްގެ ބައްޕައަށް ފޯރުކޮށްދިން ހިދުމަތްތަކަށް ޑިފެންސް މިނިސްޓްރީއަށް ބިލް ކޮށްފައެއް ނެތް
-
ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުރަށް އެ މުއްދަތުގައި ހަރަދު ކުރީ ޝިޔާމްގެ ޖީބުންކަން ޝަރީއަތަށް ހެކި ބަސް ދިން ސިފައިން ބުނެފައިވޭ
ފަސްމަންޒަރު - މިއީ ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމެއް ކަމަށް ކަނޑައަޅައި އޭސީސީން ކުރިން ނިންމާފައިވާ މައްސަލައެކެވެ.
ނަމަވެސް، 2020 ވަނަ އަހަރުގެ ތެރޭގައި މައްސަލަ އަލުން ހުޅުވައި ދައުވާކުރަން ފޮނުވީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން މި މައްސަލައާ ގުޅިގެން އިތުރު ކަންތައްތަކެއް ފާހަގަކޮށްފައިވާތީ އެކަން ކަމަށް ރިއާޔަތްކޮށެވެ.
މައްސަލައިގެ ހުލާސާ - މި މައްސަލާގައި ޕީޖީން ކުރިން ބުނެފައިވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެމްބަރު 2018ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާ ކަމަށެވެ. އެގޮތުން ބުނެފައިވަނީ:
-
ޝިޔާމްގެ ބައްޕަ ބަލަހައްޓަން އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަން ތަހުގީގަށް އެނގިފައިވޭ
-
ޝިޔާމްގެ ބައްޕަ ވީއައިޕީ ގޭގައި ހުރެފައި ވަނީ ޝިޔާމް އަންގައިގެންކަން ތަހުގީގަށް ހޯދިފައިވޭ؛ ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ގާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެ ތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތްކަން ފާހަގަކުރެވޭ
-
އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެމްއާރުސީސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން
-
އެހެންކަމުން، އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެ
-
ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެން ޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ހަމައެއްނުޖެއްސޭނެ
-
އެމްއާރުސީސީގެ ވަސީލަތްތަކާއި ހިދުމަތްތައް އަހްމަދު ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭ ގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާކަން ފާހަގަކުރެވޭ
އެނގުން މުހިންމު - މި މައްސަލާގައި ދިފާއުގައި ޝިޔާމް ވެސް ފާހަގަކުރައްވަމުން ގެންދެވި ކަމަކީ އޭނަގެ ބައްޕަ އެ ތަނުގައި ބެހެއްޓެވީ، ސިފައިންގޭގައި އޮންނަ އާދަކާދައިގެ ތެރެއިން ކަމަށެވެ. އެގޮތުން، ސިފައިންގެ ކޮންމެ ރޭންކެއްގެ މީހަކަށް ވެސް ކުއްލި ހާލަތްތަކާއި އެހެން ބައެއް ކަންކަމުގައި ވެސް އާއިލާ މީހުން އެ ތަނުގައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮމެންޓް (1)
ޢަހުމަދު