މިއަދު ބޭއްވި ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން. (ފޮޓޯ/ވިލާ ކޮލެޖް)
ވިލާ ކޮލެޖުން 1237 ދަރިވަރުން ދަސްވެނިވެއްޖެ
ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާ ޖުމްލަ 1237 ދަރިވަރުންނާ އެކު މިއަދު ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ވިލާ ކޮލެޖުގެ މިއަހަރުގެ ދަސްވެނިވުމުގެ ހަފްލާތައް ކުރިއަށް ދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މި ހަފްލާގައި 1237 ދަރިވަރަކު ދަސްވެނިވިއިރު، ވިލާ ކޮލެޖުގެ އަލަށް ރީބްރޭންޑް ކުރި 'ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް' އާއި ފެކަލްޓީ އޮފް ޝަރީއާ އިން ލޯ، ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސް އަދި ސައިކޮލަޖީ ކައުންސިލިން އިން ދަސްވެނިވި 796 ދަސްވެނިން ހިމެނެ އެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މީގެ އިތުރުން، ކޮލެޖުގެ ބާނީ އަދި ޗެއާމަން ގާސިމް އިބްރާހިމް ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެން، ވާހަކަދައްކަވާފައިވެ އެވެ.
ތަފްސީލް - މި ހަފްލާގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ މިއަދު ދަސްވެނިވި ދަރިވަރުންގެ ތެރެއިން:
-
60% ދަރިވަރުންނަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމުތަކުން ދަސްވެނިވާ ދަރިވަރުން
-
ދަސްވެނިންގެ %59 އަކީ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުން
-
ދަސްވެނިންގެ %70 އަކީ އަންހެން ދަސްވެނިން
-
މިއަދު ދަސްވެނިވި ދަރިވަރުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %10 އިތުރުވެފައިވޭ
ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުން ފުރަތަމަ ޑިގްރީއަށް ކިޔަވައިގެން ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި އެ ކޮލެޖުން ނުކުތް ދަރިވަރުންގެ ތެރެއިން %21 ދަރިވަރުން އަހަރެއްގެ ތެރޭގައި ވިލާ ކޮލެޖުގެ މާސްޓާސް ޕްރޮގްރާމްތަކުގައި ކިޔެވުމަށް އަލަށް އެ ކޮލެޖާ ގުޅިފައިވާ ކަމަށެވެ.
މި އަދަދުތަކަށް ބަލާލުމުން ރާއްޖޭގައި ތިބެގެން އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު މަތީ ތައުލީމެއް ފޯރުކޮށްދިނުމަށް ކޮލެޖުގެ ޗެއާމަން ގާސިމް ގެންގުޅުއްވާ ތަސައްވުރުގައި ހަގީގީ ކުލަވަރު ޖެހެމުންދާ ތަން ފެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ވިލާ ކޮޖާ ގުޅޭ ދަރިވަރުން އިތުރުވަމުން ދިއުމުން ދައްކުވައިދެނީ އެ ކޮލެޖާ މެދު ދަސްވެނިންގެ އޮތް އިތުބާރު
-
ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ނެތް، ނަމަވެސް ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް
-
ވޭތުވެދިޔަ އަހަރާއި މިއަހަރު ބޭރުގެ ޔުނިވާސިޓީތަކާ އެކު އެއްބަސްވުންތައް ގާއިމުކޮށް، އެ ޔުނިވާސިޓީތަކާ އެކު ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ފެށި
-
އަންނަ އަހަރު ވެސް އާ ދާއިރާތަކުން އިތުރު ޕްރޮގްރާމްތައް ފެށިގެންދާނެ
"ކޮލެޖުތަކުން އަދި ޔުނިވާސިޓީތަކުން ރާއްޖޭގައި ދެވޭ ތައުލީމާ މެދު ސުވާލު އުފެދޭ ދުވަސްވަރެއްގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ދަސްވެނިންގެ ކިބައިން އެދެން އޮތީ ހަމަ އެންމެ އެދުމެއް. އެއީ ވިލާ ކޮލެޖުން ނިކުމެގެންދާ ކުދިންގެ ފެންވަރާ ހުނަރު ހުރިހާ ގޮތަކުން ހުރިހާ މައިދާނެއްގައި އެންމެ އެކަށީގެންވާ ގޮތެއްގައި ތިބޭފުޅުން ދެއްކެވުން. ތިބޭފުޅުންނަށް ދެވިފައިވަނީ، ހޯއްދަވާފައިވަނީ ފެންވަރު ރަނގަޅު ތައުލީމެއް،" ނަޖީބް ވިދާޅުވި އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވިލާ ކޮލެޖުގެ އެހާރާއި މިހާރުގެ ދަރިވަރުން ކުރާ އުންމީދުގެ މަތިން ހިނދުކޮޅަަކަށް ވެސް ހަނދާން ނުނެތޭ ކަމަށާއި ތައުލީމުގެ މަތީ ދަރަޖަތައް ހާސިލުކުރުމަށް ދަރިވަރުން ގެންގުޅޭ ޝައުގުވެރިކަމަކީ އެ މަސައްކަތް ކުރިއެރުވުމަށް ވިލާ ކޮލެޖަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ތައުލީމާއި ތަޖުރިބާއިން އަބަދުވެސް ދުވަހުގެ ހާލަތަށް ރިއާޔަތްކޮށް ކުރިމަގަށް ވިސްނުން ހިންގުމަށާއި ގައުމީ ކަންކަމުގައި އިސްނެގުމަށް ދަސްވެނިންގެ ކިބައިން ގާސިމް އެދިވަޑައިގެންނެވި އެވެ.
"އެނގިވަޑައިގަންވާނެ ފަދައިން މިއަދު ދިވެހި ގައުމުގައި އިގްތިސޯދީ ކަންތަކާ މެދު ކަންބޮޑުވުން އެބައޮތް. ގައުމުތަކުގެ އިގްތިސޯދަށް ލޮޅުންއަރާ ކިތަންމެ ގޮތްތަކެއް ހުރޭ. އެކަމަކު އެކަން ކަމަށް ހައްލު ހޯދޭނެ އަދި ކުރިއެރުން ހޯދޭނެ ގޮތްތައް ވެސް ހުރޭ. ބޭނުންވަނީ އިލްމާއި ތަޖުރިބާ ހުރި މީހުން. ހީވާގި އަތްތަކެއް އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ މަސައްކަތްތެރިން. އެފަދަ ބަޔަކަށް ތިބޭފުޅުން ވާނެ ކަމަށް ޔަގީންކުރަން،" ގާސިމް ވިދާޅުވި އެވެ.
"ގައުމުގެ ނިދާއެއްގެ ގޮތުން ވެސް އަޅުގަނޑު ދަންނަވަން އޮތީ ރައްޔިތުންނަށް މިދެންނެވި ގޮތަށް އަމާނާތްތެރި މަސައްކަތްތަކެއް ކޮށްދީ އިގްތިސޯދީ ހާލަތުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް."