18 އޮގަސްޓް 2024: ކުރީގެ ރައީސް ޔާމީން ބައިވެރިވި ފްރަންޓްއޮފީސް ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރައީސްގެ 'ދެކޮޅު ނުޖެހޭ' ވާހަކަތަކަށް ޑިޕްލޮމެޓުން މަލާމާތް ކުރާނެ: ޔާމީން

ޔާމީން ވިދާޅުވީ ރައީސް އދ. އަށް ފާޑުކިޔުމުގެ ނަތީޖާއިން ރާއްޖެއަށާއި ދިވެހިންނަށް ފައިދާއެއް ލިބޭކަށް ވެސް ނެތް ކަމަށް
27 ސެޕްޓެމްބަރު 2024
2

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ދެއްކެވި ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށާއި އެ ކަން އެ ތަނުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ޑިޕްލޮމެޓުންނަށް އެނގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ވެސް ރައީސް މުއިއްޒު ދެއްވި ތަގުރީރުގައި ވެސް އދ. ގެ ނިޒާމު ފެއިލްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކާރިސާތަކުގެ އަސަރު ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް އެބަ އޮތް ކަމަށް ވިދާޅުވެ، ޗާޓުތައް ދައްކަވައި އެމަނިކުފާނު ދެއްވި ތަގުރީރަށް ސަރުކާރުގެ ބޭފުޅުން ދަނީ ތައުރީފު ކުރައްވަމުންނެވެ.

ކީކޭ ބުނީ؟ - ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ލީޑަރު ޔާމީން ވިދާޅުވީ ރައީސް އދ. އަށް ފާޑުކިޔުމުގެ ނަތީޖާއިން ރާއްޖެއަށާއި ދިވެހިންނަށް ފައިދާއެއް ލިބޭކަށް ވެސް ނެތް ކަމަށެވެ.

"އދ. އަށް ގޮސް އެ މީހުން ރުޅިއަރުވާފައި, ފާޑުކިޔާފައި, މި ކަންކަން ކުރީމައި ކިހިނެއްތޯ ދެކުނުން ގެއްލުނު ކަނޑު ވެސް ވަކި ހޯދޭނީ، މާ ނުފޫޒުގަދަ ބަޔަކު ކައިރިއަށް ދާއިރު އެއް މީހުނަށް އެންގޭޖުވެގެން ކުރަން ޖެހޭ ކަންކަން މި ހުންނަނީ،" ޔާމީން ވިދާޅުވި އެވެ.

އެ ކަން އެހެން އޮއްވައި، ކުރިން ދެއްކެވި ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާ ކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން ވެސް ރައީސަށް ބޭރުގެ ޑިޕްލޮމެޓުން މަލާމަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. 

ވާހަކަ ދިމާނުވާ ކަން ސާބިތުކޮށްދެއްވަން ޔާމީން ފުރަތަމަ ފާހަގަ ކުރެއްވީ އިޒްރޭލުގެ މައްސަލަ އެވެ. އިޒްރޭލު ޖަވާބުދާރީކުރަން ކޮންމެ މީހަކަށް ވެސް ހަރު އަޑުން ބުނެވިދާނެ ކަމަށާއި، އެކަމަކު އެ ވަރަކުން އަދި ކާމިޔާބު ލީޑަރަކަށް ނުވާ ކަމަށް ޔާމީން ވިދާޅުވި އެެވެ.

"އިޒްރޭލުގެ ގަތުލްއާންމު ހިންގާތީ އަޅުގަނޑުމެން އެ ކަމާ ދެކޮޅު ހަދަން އިޒްރޭލު މުދާ އެތެރެކުރުން މަނާކޮށްފީމޭ. އިޒްރޭލު މީހުން މި ތަނަށް އައުން މަނާކޮށްފީމޭ. މިހެން ބުނެވެންޏާ، މިހެން ބުނީމައި އެ ވާނީ ޗެމްޕިއަނަކަށް،" ޔާމީން ވިދާޅުވި އެވެ.

ދެން ފާހަގަ ކުރެއްވީ، 'އަލްޖަޒީރާ' އަށް ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަ އެވެ. އެ ކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި، ޔާމީން ސުވާލުކުރެއްވީ ބޭރުގެ ޑިޕްލޮމެޓުންނަށް އެ ކަން ނޭނގޭނެތޯ އެވެ.

"ސުވާލު ނުނިމެނީސް ބޯ ހޫރުވާން ފަށައި ބުނެފި، މީގެ 50 އަހަރު ވެސް ކުރިން ވެސް ދެއްކި ވާހަކައޭ, ތިމަންނަ ގަބޫލު ކުރާ ވާހަކައެއް ނޫނޭ،" ޔާމީން ވެސް ބޯ ހޫރުވަމުން، ރައީސަށް މަލާމާތް ކުރައްވާ ރާގުގައި ވިދާޅުވި އެވެ.

"ދެން އެ ވިދާޅުވަނީ ރާއްޖެއަށް އައިސް ބަލައިށޭ، ރާއްޖެ އައިސް ބެލީމައި ދެން މި ފެންނަނީ، ރާއްޖޭގެ ހުރިހާ ރަށެއް ވަށައިގެން ބޮޑު ތޮށި ޖަހައިގެން، މި އުޅެނީ ކީއްވެގެންތޯ؟"

ޔާމީން ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ހަގީގަތް ކަން ގަބޫލުކުރެވިގެން ފަހުން ވާހަކަ ދެއްކި ނަމަވެސް 10 މަސް ދުވަހުގެ ތެރޭގައި ރައީސްގެރާގު ބަދަލުވިކަން އަމިއްލައަށް މުޅި ދުނިޔެއެއް ދެއްކުވީ ކަމަށެވެ.

"ޑިޕްލޮމެޓުން އަޅުގަނޑުމެންނަށް މަލާމަތް ކުރާނެ. މި ދުނިޔޭގެ ގައުމުތަކުގެ އާދަކާދަ ވެސް ނޭނގޭ މީހެކޭ ބުނާނީ. އަޅުގަނޑުމެން މި ދަނީ ކިޔަވައިދެވޭކަށް ނޫން. އެކަމަކު އެ ކަން ކުރަން ގޮސް ވެސް ބެކްގްރައުންޑް ނޭނގެއޭ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (2)

profile-image-placeholder

ކޮސް

28 ސެޕްޓެމްބަރު 2024
ޔާމީނު އެވިދާޅުވީ ތެދުފުޅެއް. އިނގިރޭސި އެނގުމަކީ ޑިޕޮލޮމެޓިކު ލޭންގުއޭޖު އެނގުމެއްނޫން. މުއިއްޒުގެ ދަތުރުން ޑިޕޮލޮމެޓުންނަށް ވިސްނޭނީ ޤާބިލު މީހެއްކަން ދައްކަން އުޅޭ ރައީސެއްކަން. މިކަމުން ފައިދާއެއްނުވެ ޤައުމަށް ގެއްލުމެއްވެސް ލިބިދާނެ.

ސިކުނޑި

27 ސެޕްޓެމްބަރު 2024
މިކަމުގައި ރައީސް ޔާމީނުގެ އިހުމާލު އެބައޮތް! އަބްދުއްރަހީމާއި ދަރި އަދި މުއީޒު ފަދަ މީހުންނަށް މަގާމުތައް ދިނުން!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް