ރައީސް މުއިއްޒު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ސަލާމަތީ މަޖިލީހުގައި ރައީސް ދެއްވި ބަޔާން: 'ވީޓޯ ބާރު އުވާލާ'
އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި އެ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގަ އެވެ.
އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 59 އަހަރުދުވަހުގެ ތެރޭގައި، އެ ޖަމާއަތުގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ.
ބުނީ ކީކޭ؟ - ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ހަވާލުކޮށްފައިވާ ބުރަ ޒިންމާގެ މަތިން ހަނދާންކޮށްދެއްވަމުން ރައީސް ވަނީ، އެ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވައިފަ އެވެ.
ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާ އެކު ތަމްސީލުކުރުމާއި ޖަވާބުދާރީވުމާއި ދެ ފުށް ފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާހު ގެންނަން ރައީސް ވަނީ ހުށަހެޅުމެއް ހުށަހަޅުއްވައިފަ އެވެ. މިގޮތުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ރާއްޖޭން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.
ގާޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ:
-
ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލު ނައްތާލުމުގެ އަމަލުތައް ނިއުޅެމުން ދާއިރު ވެސް، ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވޭ
-
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވަން ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން
-
އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިޒްރޭލަށް ފުރުސަތު ފަހިކޮށްދެނީ ވެސް ވީޓޯގެ ބާރުން
މި މައްސަލަ ހައްލުކުރަން ރައީސް ހުށަހެޅުއްވީ ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަގުވާމީ މުޖުތަމައުން އީޖާދީ ހައްލު ހުށަހެޅޭނެ އޮނިގަނޑެއް ބިނާކުރުމަށެވެ.
''އެ ބަޔަކަށް ހިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިހާބުކުރި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (1)
ކިލަމަންޑްސް