ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރާއްޖޭގެ 'ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓް' (ސީސީޑީއާރު) ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ވޯލްޑް ބޭންކް)

ވޯލްޑް ބޭންކް

ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރެވޭނީ މާލީ ފުދުންތެރިކަން ލިބިގެން: ވޯލްޑް ބޭންކް

ވިލުންވެރިކަން އިތުރުނުކުރެވިއްޖެ ނަމަ 2050 އަންނައިރު ރާއްޖޭގެ ރައުސުލްމާލުގެ %3.3އަށް ގެއްލުންވެ، ޖީޑީޕީއަށް 0.7 އާއި 1.1 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުންވާނެ ކަމަށް އެ ބޭންކުން ލަފާކުރޭ
17 ސެޕްޓެމްބަރު 2024
2

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދެ ބައިކުޅަ އެއް ބައި ހިއްސާވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެން އޮތް ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޮންމެހެން ހިންގަން ޖެހޭ ވިލުންވެރިކަމުގެ މަޝްރޫއުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މާލީ ހާލަތު ކަމަށް ވޯލްޑް ބޭންކުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން މިއަދު ނެރުނު ރާއްޖޭގެ 'ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓް' (ސީސީޑީއާރު)ގައި، މޫސުމީ ބަދަލުތަކާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ލިބޭނެ ގެއްލުންތައް އަންދާޒާކޮށް، އެ ގެއްލުންތަކުން އަރައިގަންނަން ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ.

ތަފްސީލް - މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާނެ މައްސަލަތަކުގެ ގޮތުގައި ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ:

  • ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކަށް ލިބޭ ގެއްލުމުގެ ހިރާސް ބޮޑުވާނެ؛ ހާއްސަކޮށް، ފަރުތަކާއި މަސްވެރިކަމަށް މިހާރު ވެސް ކުރަމުންދާ އަސަރު ގަރުނުގެ މެދަކާ ހިސާބަށް ދާއިރު އިންތިހާއަށް ބޮޑުވާނެ

  • ރާއްޖޭގެ ފަރުތައް މިހާރު ވެސް ދަނީ މަރުވަމުން؛ ސީސީޑީއާރުން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ ހޫނުމިން 2 ޑިގްރީ ސެލްސިއަސް އިން އުފުލޭ ހިސާބުން ހުރިހާ ފަރުތަކެއް މަރުވާނެ

  • 2100 ވަނަ އަހަރު އަންނައިރު ކަނޑުގެ ލޮނުގަނޑު 0.9 މީޓަރުން އުފުލޭނެ ކަމަށް ބެލެވޭ؛ ވިލުންވެރިކުރުމުގެ މަޝްރޫއުތައް ނުހިންގިއްޖެ ނަމަ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ އުދައެރުމާއި ފެންބޮޑުވުމެ ހާދިސާތަކުގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ

  • 2050 އަންނައިރު ރާއްޖޭގެ ރައުސުލްމާލުގެ %3.3އަށް ގެއްލުންވެ، ޖީޑީޕީއަށް 0.7 އާއި 1.1 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުންވާނެ

ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރާއްޖޭގެ 'ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓް' (ސީސީޑީއާރު) ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ވޯލްޑް ބޭންކް)

މި ގެއްލުންތައް ކުޑަކުރުމަށްޓަކައި ރާއްޖެއިން ހަރުދަނާ ގޮތެއްގައި ވިލުންވެރިކުރުމުގެ މަޝްރޫއުތައް ހިންގަން ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ. އެގޮތުން، އެފަދަ މަޝްރޫއުތަކަށް ރަނގަޅު އިންވެސްޓްމެންޓްތަކެއް ހޯދިއްޖެ ނަމަ، ޖީޑީޕީއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ގެއްލުމުގެ ދެ ބައިކުޅަ އެއް ބައި ސަލާމަތްކުރެވޭނެ ކަމަށް އެ ބޭންކުން އަންދާޒާ ކުރެ އެވެ.

ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން އެފަދަ މަޝްރޫއުތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް، ވޯލްޑް ބޭންކުން ބުނި ގޮތުގައި:

  • އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ހަރަދުތައް ބޮޑުވެ، 2023ގައި ދައުލަތުގެ ދަރަނި ވަނީ ޖީޑީޕީގެ %123އަށް އަރާފައި؛ އެކަމުގެ ސަބަބުން ދަރަނި ދެއްކޭނެ ކަމުގެ ގާބިލްކަން ހުރިކަމާމެދު ކަންބޮޑުވުން އެބައޮތް

  • މާލީ ބުރަ ބޮޑުވުމާ އެކު ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރަން ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ކުރިއަށްގެންދަން ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ

  • އެހެންކަމުން، ވިލުންވެރިކަން އިތުރުކުރުމަށް މާލީ އިސްލާހުތައް ގެނެސް، ބޭރު ދުނިޔެއިން ފައިސާ ހޯދަން ޖެހޭ

ބުނީ ކީކޭ؟ - "ރާއްޖެ މިވަގުތު އޮތީ މޫސުމީ ބަދަލުތަކުގެ އަސަރުތަކާއި އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ފައްތަރުވެފައިވާ ހާލަތެއްގައި،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން ދެމެހެއްޓެނިވި އިގްތިސޯދެއް ބިނާކުރަން އެޅިދާނެ ފިޔަވަޅުތައް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އެ މަގުން ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ވޯލްޑް ބޭންކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރާއްޖޭގެ 'ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް ރިޕޯޓް' (ސީސީޑީއާރު) ނެރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް. (ފޮޓޯ/ ވޯލްޑް ބޭންކް)

ފާހަގަކޮށްލެވޭ - މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ސިޔާސަތުތައް ބައްޓަންކުރުމަށް ސީސީޑީއާރުގައި ދީފައިވާ މައިގަނޑު ހަ ލަފައެކެވެ. އެއީ:

  • ޖުމްލަ ގޮތުގައި މުޅި އިގްތިސޯދުގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި، ބޭރުގެ އިގްތިސޯދަށް އަންނަ ބަދަލަކާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކޮށްފާނެ އަސަރުތައް ކުޑަކުރަން ދުރާލާ ފިޔަވަޅު އެޅުން - މިސާލަކަށް ބްލޭންކެޓް ސަބްސިޑިއަރީ އުވާލުމާއި ސަރުކާރު ކުންފުނިތަކުގެ ގެއްލުން ކުޑަކުރުން ފަދަ ކަންކަން

  • އެކި ގޮތްގޮތުން ކްލައިމެޓް ފައިނޭންސިން ހޯދުން - މިސާލަކަށް ކާބަން މާކެޓް ސްޓެރެޓެޖީއެއް އެކުލަވާލުން

  • ރަށްރަށާއި ބިނާވެށިތަކުގެ ވިލުންވެރިކަން އިތުރުކުރުން - މިސާލަކަށް މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ޕްލޭން ހެދުން އަދި ކޮންމެ ރަށަކަށް ވެސް އެރަށަކަށް ކުރިމަތިވާ މައްސަލަތަކަށް ބަލައި އެކަށީގެންވާ ހައްލެއް ހޯދުން

  • ވެށީގެ ހާއްސަ ސިފަތަކުގެ ވިލުންވެރިކަން އިތުރުކުރުން - މިސާލަކަށް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ފަދަ މުއައްސަސާތައް ހަރުދަނާކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފުޅާކުރުން

  • ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި، ހާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގައި، ވިލުންވެރިކަން އިތުރުކުރުން - މިސާލަކަށް މޫސުމީ ބަދަލު މަސް ހިޖުރަކުރާގޮތަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި މެރިކަލްޗާ ތަރައްގީކޮށް، ސިންދަފާތުކުރުން

  • ހަކަތަ، މޮބިލިޓީ އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއަށް ތިމާވެއްޓާ ރަހުމަތްތެރި ކަންކަން ތައާރަފުކޮށް، އެކަންކަމުން ފައިދާވާގޮތް ހެދުން - މިސާލަކަށް ތެލަށް ދޭ ސަބްސިޑީ ކަނޑާލައި ރިސޯޓުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަންޖެހޭ ގޮތް ހެދުން

ކޮމެންޓް (2)

ހިރިގާ

18 ސެޕްޓެމްބަރު 2024
ކޮބައިތަ ވިލުންވެރިކަމަކީ
0 0

ރައްޔިތު

18 ސެޕްޓެމްބަރު 2024
@ހިރިގާ ރެސިލިއަންސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް