ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ޝަރީއަތް ކްރިމިނަލް ކޯޓުގެ އަޑުއެހުން ކުރިއަށް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޔާމީން ހަނު ހުންނެވި ކަމަށް ދައުލަތުން ބުނާތީ ތަހުގީގަށް ދިން އިންޓަވިއުތައް ހުރި ސީޑީތައް ދިނުމަށް އެދިއްޖެ

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ދައުލަތުންނާއި ދިފާއުން ވެސް ސުޕްރީމް ކޯޓުގައި އޮތް ދައުލަތުގެ އާ ހެކިތަކުގެ މައްސަލައަށް އަސަރުކުރާ ފަދަ ހުށަހެޅުންތަކެއް ހިމެނޭތީ އަޑުއެހުން އިތުރަށް ކުރިއަކަށް ނުގެންދޭ
16 ސެޕްޓެމްބަރު 2024
1

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު މަރުހަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަނު ހުންނެވި ކަމަށް ދައުލަތުން ބުނާ ވާހަކަ ތަކުރާރު ކުރާތީ، ފުލުހުންގެ ތަހުގީގަށް އެ މަނިކުފާނު ބަޔާން ދެއްވި އިރުގެ ވީޑިއޯ ރެކޯޑިންތައް ހުރި ސީޑީތައް ދިނުމަށް ކްރިމިނަލް ކޯޓުގައި މިއަދު އެ މަނިކުފާނު އެދިވަޑައިގެންފި އެވެ.

މައްސަލައިގެ ފެށުން - ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް އެ މައްސަލަ ބެލުމަށް ދަށު ކޯޓަށް އެންގީ މިދިޔަ އޭޕްރީލް މަހު އެވެ. 

ވީ ކިހިނެއް؟ - ހައި ކޯޓުގެ އެންގުމުގެ މަތިން ކްރިމިނަލް ކޯޓުން ފެށި ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަން ޔާމީންގެ ފަރާތްޕުޅުން އިއުތިރާޒު ކުރެއްވި އެވެ.

ތަފްސީލް - ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި ޝަރީއަތް ކުރިއަށް ގެންދަން އިއުތިރާޒު ކުރައްވާ ދެ ސަބަބަކީ:

  • 1-

    ދައުލަތުންނާއި ދިފާއުން ވެސް ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގެ ތެރޭ ސުޕްރީމް ކޯޓުގައި އޮތް ދައުލަތުގެ އާ ހެކިތަކުގެ މައްސަލައަށް އަސަރުކުރާ ފަދަ ހުށަހެޅުންތަކެއް ހިމެނުން

  • 2-

    ޔާމީން ތަހުގީގަށް ދެއްވި އިންޓަވިއުތަކުގެ ރެކޯޑިންތައް ހުރި ސީޑީތައް، ހުށަހެޅުންތަކުގެ ބަހުސަށް މުހިންމުވާތީ ސީޑީތައް ނުލިބި ޝަރީއަތް ކުރިއަށް ދާތީ

ޔާމީންގެ ފަރާތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެ ކަމަށް ފާހަގަ ކުރެއްވި ނުކުތާއަކީ ބުރަދަން ހުރި ނުކުތާއެއް ކަމަށް ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

ނަމަވެސް ސީޑީތަކުގެ މައްސަލާގައި ވަކީލު ޝަފީއު ވިދާޅުވީ:

  • އެއީ ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ވެސް ފާހަގަ ކުރައްވަމުން ދިޔަ ވާހަކައަކަށް ވެފައި މީގެ ކުރިން އެ ކަންކަން ފާހަގަކޮށްފައި ނެތް ކަން

  • ނަމަވެސް ދިފާއުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސީޑީތައް ހިމެނޭހެން ހުރިހާ ލިޔެކިޔުމެއް ޔާމީނަށް ލިބެންވާނެ ކަމަށް ދައުލަތުން ވެސް ގަބޫލުކުރާކަން

ގާޒީގެ ނިންމެވުން - ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ:

  • މިހާރު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކަންކަމަށް އެ ކޯޓުން ގޮތެއް ނިންމައިފި ނަމަ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އަސަރުކުރާނެ ކަމަށް ފެންނާތީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި މަޑުޖައްސާލަން

  • ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ސީޑީތައް، ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަށް އެމަނިކުފާނަށް ފޯރުކޮށްދިނުން

އެނގުން މުހިންމު - ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށާފައިމިވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގިތާ ހަތަރު މަސް ފަހުންނެވެ.

މި މައްސަލާގައި ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއް ފަރާތްކޮށް އަލުން މައްސަލާގައި ގޮތެއް ނިންމަން ހައި ކޯޓުން އަންގާފައިވާ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފައިވެ އެވެ. ނަމަވެސް އަދި މައްސަލައިގެ އަޑުއެހުންތަކެއް ނުފަށަ އެވެ. 

ގުޅުންހުރ ކަމެއް - އާރަށު މައްސަލާގައި ޔާމީންއަށް ރިޝްވަތު ދިންކަން ސާބިތުވި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް އިއްވާފައިވާ ތިން އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފަ އެވެ. ނަމަވެސް އޭނާގެ މައްސަލައިގެ ޝަރީއަތް އަދި ކްރިމިނަލް ކޯޓުން ނުފަށަ އެވެ.

ކޮމެންޓް (1)

ސައިމާ

17 ސެޕްޓެމްބަރު 2024
ހަނު ހުންނެވުމުގެ ބަދަލުގައި، އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރާއި، މިލިއަން ރުފިޔާގެ ތަފްސީލު ހާމަކުރެއްވުން މާބޮޑަށްވެސް އެދެވޭ. އެމްސީބީގެ ކައުންޓަރު ސްޓާފުގެ ލިއުމުގެ ފެންވަރާހެދި ހުކުމެއް ބާތިލުވިޔަސް، އަދިވެސް އެ ފއިސާގެ ހަގީގަތް ނޭގޭ. ރައީސަކަށް ހުންނަވާއިރު ވިޔަފާރިކުރުން މަނާ. ދެން މިފަދަ ބޮޑެތި އަދަދުތަކެއް ޖަމާވީ ކޮން ސަބަބަކާހުރެ؟ އެއީ ކޮން މަސްދަރަކުން؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް