މި އަހަރުގެ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓްގެ އައިސްޓީވީމެދުވެރިކޮށް ބަލައިލެވޭނެ
ފީފާ ފުޓްސަލް ވޯލްޑް ކަޕް މީޑިއާނެޓުގެ އައިސް ޓީވީން ބަލާލެވޭނެ
ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް ފީފާ ފުޓްސަލް ވޯލްޑް ކަޕް މި ފަހަރު އުޒްބެކިސްތާނުގައި ބާއްވާއިރު، އެ މުބާރާތް މީޑިއާނެޓުގެ އައިސް ޓީވީން ދައްކާނެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި މި ދުވަސްވަރު ފުޓްސަލްގެ ފޯރި ގަދަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މިހާރު ފަށައިގެން ކުރިއަށް އެބަދެ އެވެ.
ފުޓްސަލް މި ފޯރިގަދަ ދުވަސްވަރުގައި، ބައިނަލްއަގްވާމީ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް ވެސް ފެށުމަށް އޮތީ ތައްޔާރުވެފަ އެވެ. ފީފާ ފުޓްސަލް ވޯލްޑް ކަޕް މިއަދު އުޒްބެކިސްތާނުގައި ފަށާނެ އެވެ.
ތަފްސީލް - ފުޓްސަލްއަށް ލޯބިކުރާ ދިވެހިންނަށް މި އަހަރުގެ ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓްގެ އައިސް ޓީވީ މެދުވެރިކޮށް ފަސޭހަކަމާ އެކު ބަލާލެވޭނެ އެވެ.
މީޑިއާނެޓުން ބުނީ ފުޓްސަލްގެ ފޭނުންނަށް ހާއްސަކޮށްގެން ފީފާ ފުޓްސަލް ވޯލްޑްކަޕް އަދި ކްލަބް މޯލްޑިވްސް ކަޕްގެ މެޗުތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ އެމް އެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެ ކަމަށެވެ.
މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖުތަކެއް ވެސް މީޑއާނެޓުން މިހާރުވަނީ ތައާރަފްކޮށްފަ އެވެ.
އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ފަހު މީޑިއާނެޓު ކުއިކްޕޭ މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ހިޔާރުކުރެވޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.
އެނގުން މުހިންމު - އުޒްބެކިސްތާނުގައި މި މަހު ފަށާ ފުޓްސަލް ވޯލްޑް ކަޕަކީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރެވެ. މިއީ ސެންޓްރަލް އޭޝިއާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި 24 ޓީމު ބައިވެރިވާނެ އެވެ.
ފުޓްސަލް ވޯލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 1989 ވަނަ އަހަރެވެ. މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ބްރެޒިލް އެވެ. ބްރެޒިލް ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ފަހަތުން އެންމެ ގިނައިން މުބާރާތް ކާމިޔާބުކޮށްފައިވަނީ ސްޕެއިން އެވެ. ސްޕެއިން މުބާރާތް ކާމިޔާބުކުރީ ދެ ފަހަރެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ޕޯޗުގަލް އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް ފުޓްސަލްގެ ތަރިންތައް ފެނިގެންދާނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ތަރިން ކަމަށްވާ އެރިކް މެންޑޯންސާ އާއި ޕެނީ ވަރޭލާ އަދި ޒިކީ ހިމެނެ އެވެ.
ބްރެޒިލްގެ ޓީމަށް ބަލާއިރު ފެރާރޯ އާއި ސާޖިއޯ ލޮޒާނޯ ވަނީ އަނިޔާގެ މައްސަލަތަކުން އަރައިގަނެ، މި މުބާރާތަށް ފިޓުވެފައެވެ. ބްރެޒިލް ޓީމުގެ ޕީޓޯއަކީ ވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާ އިން ވަނީ އެ މުބާރާތުގައި މުހިންމު ދައުރެއް އަދާކުރި ކްރިސްޓިއަން ބޮރޫޓޯ އާއި އެލަން ބްރެންޑީ އާއި ނީކޯ ސަރްމިއެންޓޯ އާއި ޕަބްލޯ ޓަބޯރްދާ އަދި ކިކީ ވަޕޮރާކީއަށް ޓީމުން ޖާގަ ދީފަ އެވެ.
މި މުބާރަތް މިއަދު ފަށާނީ ގުރޫޕް ބީގައި ކްރޮއޭޝިއާ އާއި ތައިލޭންޑް ބައްދަލުކުރާ މެޗުންނެވެ.