އޭޑީކޭއިން ވިލާ ނޯޓިކާގައި ކުރިއަށްގެންދާ މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2024. (ފޮޓޯ/އޭޑީކޭ)

ނިއުރޯސާޖަރީގައި ރާއްޖެއަށް ދެން އޮތީ އާޓިފިޝަލް އިންޓެލިޖެންސް: އައްފާލް

އައްފާލް ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާގައި ޓެކްނޮލޮޖީ އާއި އިންސާނުންގެ އަތުން ކަންކަން ކުރެވޭ އެންމެ މައްޗަށް ވާސިލުވެވިއްޖެ
11 ސެޕްޓެމްބަރު 2024

ނިއުރޯސާޖަރީގައި އިންސާނުންނާއި ޓެކްނޮލޮޖީއިން އެންމެ މައްޗަށް ވާސިލުވެވިއްޖެ ކަމަށާއި ދެން އޮތީ މިކަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފެށުން ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސިކުނޑި އާއި މައިބަދައިގެ މައްސަލަތަކާއި އެންމެ ފަހުގެ ހޯދުންތަކާއި ފަރުވާތަކާ ގުޅޭ ގޮތުން އޭޑީކޭއިން އަހަރަކު އެއް ފަހަރު ބާއްވާ 'ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް'ގެ ހަ ވަނަ އެޑިޝަން ވިލާ ނޯޓިކާގައި މިއަދު ހެނދުނު ވަނީ ފަށާފަ އެވެ.

ބުނީ ކީކޭ؟ - އެ ކޮންފަރެންސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އައްފާލް ވިދާޅުވީ ނިއުރޯސާޖަރީއަކީ މި ސަރަހައްދަށް ބެލިޔަސް ސިއްހީ ފަރުވާގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ބައި ކަމަށެވެ.

އައްފާލް ވިދާޅުވީ ނިއުރޯސާޖަރީގައި މިހާރު ކުރެވޭނީ ކޮން ކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އެހެންވީމަ ދެން ކުރަން ޖެހޭނެ ކަމަކީ މި ޕްލެޓްފޯމް ފަހަނައަޅައި ދިއުން. އިންސާނުންގެ އަތުންނާއި ޓެކްނޮލޮޖީއިން ކަންކަން ކުރެވޭ އެންމެ މައްޗަށް ވާސިލުވެވިއްޖެ. ދެން ފަށަންޖެހޭނީ ރޮބޮޓްތަކާއި އާޓިފިޝަލް އިންޓެލިޖެންސްއާ އެކު ފަރުވާގެ މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން، ދެން އޮންނަ ކޮންފަރެންސްގައި ރާއްޖެއަށް މި ޓެކްނޮލޮޖީ ގެނެވޭނެ. އަޅުގަނޑުމެން ކުރިއަށްދާންވީ އެ މިސްރާބަށް."

އޭޑީކޭއިން ވިލާ ނޯޓިކާގައި ކުރިއަށްގެންދާ މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2024. (ފޮޓޯ/އޭޑީކޭ)

ތަފްސީލު - ނަމަވެސް، އެކަން ފެށުމުގެ ކުރިން ރާއްޖޭގެ ސިއްހީ ނިޒާމުގެ ރެސްޕޮންސިވްނަސް މިހާރަށް ބޮޑަށް ރަނގަޅުކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އައްފާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަމައަށް އަންނަ ކޮންމެ ބަލިމީހަކަށް ވެސް އަވަސް، ރައްކާތެރި އަދި އިތުބާރުހިފޭ ފަރުވާ ލިބި، މުޖުތަމައަށް ފައިދާހުރި މީހެއްގެ ގޮތުގައި އެނބުރި ދިއުމަކީ ވަރަށް މުހިންމު ކަމެއް. ބައްޔެއްގެ ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން އެ މީހަކަށް އެ ކުރިމަތިވާ އުނިކަމަށް އަޅުގަނޑުމެން އެބަޖެހޭ 'ލައިފް' އިތުރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

"އެކަން ކުރެވޭނީ ސިއްހީ ނިޒާމު ރެސްޕޮންސިވް ވެގެން. އޭގެ މާނައަކީ މުޅި ގައުމުން މިފަދަ ހިދުމަތްތަކަށް ފައިނޭންސް ކުރެވޭ ކަހަލަ ޑައިނަމިކް ނިޒާމެއް އޮންނަން ޖެހޭ އެބަ. މިއީ ކޮންމެހެން ބޭނުންވާ ބަދަލެއް."

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ސިއްހީ ފަރުވާގެ ދާއިރާ ކުރިއަރަމުން އަންނައިރު، އެ ބަދަލު ނުގެނެވިއްޖެ ނަމަ، އައްފާލް ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާގެ ރޮނގުން އިތުރު ހަރުފަތަކަށް ނުދެވި، މިހާރު ތިބި ހިސާބުގައި ތިބޭނީ ތާށިވެފަ އެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް