އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ރާއްޖެއިން މެޑެލް ހޯދި ބައެއް ކުޅުންތެރިންނާއި އެތުލީޓުން. ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިހާތަނަށް އިންޝުއަރެންސް ނުލިބޭ. (ފޮޓޯ/ރައީސް އޮފީސް)

ކުޅިވަރު

ގައުމީ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން އިންޝުއަރެންސް ދެނީ

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ 2025ގެ ބަޖެޓުގައި ހިމަނަން މިހާރު ހުށަހަޅާފައިވާ ކަމަށް
10 ސެޕްޓެމްބަރު 2024

ގައުމީ ފެންވަރުގެ އެތްލީޓުންނާއި އޮފިޝަލުންނަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝުއަރެންސް ދޭން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެކަން އިއުލާނުކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން، ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ބުނީ ކީކޭ؟ - ރާފިއު ވިދާޅުވީ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނެޝަނަލް އެތުލީޓުންނާއި އޮފިޝަލުންނަށް އިންޝުއަރެންސްގެ ކަންތައް އަންނަ އަހަރު ހަމަޖެހިގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ނިންމުމާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ފާހަގަކޮށްލެވޭ - ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ރާއްޖެ ތަމްސީލްކުރަމުންދާ އިރު، އެފަދަ ކުޅުންތެރިންނަށާއި އެކުޅުންތެރިންނާ އެކު ދާ އޮފިޝަލުންނަށް މިހާތަނަށް ސަރުކާރުގެ ފަރާތުން އިންޝުއަރެންސެއް ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް