ދަށު ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކުރި ފަނޑިޔާރު ފަރުހާދު (ވ)އަށް ރައީސް މުއިއްޒު ޖޭއެސްސީގެ މެންބަރު ކަމުގެ މަގާމުގެ ލިޔުންކޮޅު އަރުވަނީ. 9 ސެޕްޓެމްބަރު 2024. - ފޮޓޯ: ރައީސް އޮފީސް

ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ޖޭއެސްސީއަށް އައްޔަންކޮށްފި

ފަނޑިޔާރު ފަރުހާދަކީ އެ ކޮމިޝަނުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާނެ މެންބަރު
8 ސެޕްޓެމްބަރު 2024

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުގެ މަގާމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ފަނޑިޔާރު ފަރުހާދަކީ، އެ ކޮމިޝަނުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާނެ މެންބަރެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވޯޓުލައިގެން ޖޭއެސްސީއަށް ފަރުހާދު އިންތިހާބުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ތަފްސީލް: ފަރުހާދު، ގދ. ފިޔޯރީ، ލަންސިމޫގެ އައްޔަންކުރަން ރައީސް އޮފީހުގައި މިއަދު ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ގޮތުން؛

  • ފަރުހާދަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން

  • ފަރުހާދަށް މަގާމުގެ ލިޔުންކޮޅު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު

 އެނގުން މުހިންމު - ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރާ މެންބަރުގެ އިންތިހާބު މިދިޔަ މަހު ބޭއްވީ ކުރިން އެ މަގާމު ފުރުއްވި ފަނޑިޔާރު އަލީ ޝަރީފްގެ ދައުރު ހަމަވުމުންނެވެ.

މިއަދު އެ ކޮމިޝަނަށް އައްޔަންކުރި ފަނޑިޔާރު ފަރުހާދަކީ 2013 އިން ފެށިގެން ސިވިލް ކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ފަރުހާދުއާ ގުޅޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އަހަރު ޖޭއެސްސީން ބެލި އެވެ. ނަމަވެސް އެ މައްސަލައަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައި ނުވާތީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ކޮމިޝަނުން ނިންމި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް