ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާ: އޭނާއަށް ސީރިއަސް ތުހުމަތުތަކެއްކޮށް ތަނުގެ މުވައްޒަފުން ޝަކުވާއެއް ހުށަހެޅި
ސިވިލް ކޯޓުގެ މުވައްޒަފުން އިސް ގާޒީގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅައިފި
ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި އާ މުވައްޒަފުން ނެގުމުގައި ނުފޫޒު ފޯރުވުން ފަދަ ކަންކަންކުރާ ކަމަށް ތުހުމަތުތަކެއްކޮށް އިސް ގާޒީގެ ޝަކުވާތަކެއް އެ ތަނުގެ މުވައްޒަފުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން މިއަދު ބުނި ގޮތުގައި އިސް ގާޒީ ހިމެނޭހެން ކޯޓުގެ އިސްވެރިން ބޭނުންވާ މީހުން ކޯޓުގެ ވަޒީފާއަށް ނަގަމުންދާ ކަމުގެ ޝަކުވާ އެ ތަނުގެ އެތެރޭގައި ވަނީ ބޮޑުވެފަ އެވެ. އަދި އެންމެ ފަހުން މިދިޔަ ބުދަ ދުވަހު މުވައްޒަފުން ވަނީ ޖޭއެސްސީއަށް ޝަކުވާގެ ސިޓީއެއް ފޮނުވައިފަ އެވެ.
ތަފްސީލް - ޖޭއެސްސީއަށް ހުށަހެޅި ޝަކުވާތަކުގައި ބުނެފައި ވަނީ ކޯޓުތަކަކީ އިންސާފު ގާއިމުކުރާތަނަކަށްވެފައި އެ ތަނުގެ އުޅޭ މުވައްޒަފުންނަށް އިންސާފު ނުލިބޭ ނަމަ އާންމު ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އެ ގޮތުން ސިވިލް ކޯޓުގައި މުވައްޒަފުން ހޮވުމުގައި ކޯޓުގެ މަތީ މަގާމުގައި ތިބޭ މުވައްޒަފުންގެ ނުފޫޒުން ވަކި ބަޔަކަށް ޓާގެޓްކޮށްގެން މަގާމުތަކަށް އިއުލާންކުރާ ކަމަށާއި އެ މަގާމަކީ ކާކަށް ލިބޭ މަގާމެއް ކަން ކުރީ ބައިގައި އެނގިފައި އޮންނަ ކަމަށް ސިޓީގައިވެ އެވެ.
"މިއީ، މި ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެނގޭ އަދި މި ކަންތައް ނިމުމަކަށް ގެނައުމަށް ބޭނުންވެ، އެކަމަކު މިކަން ހުއްޓުމަށް މަސައްކަތްކުރާނެ ހިތްވަރު ނެތި، ދާއިމަށް މި ކޯޓުގައި ހިނގަމުން އަންނަ ސަގާފީ ކަމަކަށް ވަނީ ވެފަ އެވެ. " މުވައްޒަފުން ފޮނުވި ސިޓީގައިވެ އެވެ.
އިސް ގާޒީއާއި ކުރާ އިތުރުތުހުމަތުތަކަކީ:
-
ވަޒީފާއަށް ކުރިމަތިލާ ކެންޑިޑޭޓަށް ފަސޭހަވާ ގޮތަަށް އިމްތިހާން ތައްޔާރުކޮށްދިނުން
-
ބައެއް މުވައްޒަފުންގެ މަސައްކަތްތަކަށް އެހީވެ ޕްރެޒެންޓޭޝަން ހަދައިދިނުން
-
ކޯޓުގެ އޮފިސަރަކަށް ލީގަލް އޮފިސަރުގެ ވަޒީފާ ދިނުމަށް ނެގި އިންޓަވިއުގައި ހުށަހެޅި ޕްރެޒެންޓޭޝަނެއް، އިސް ގާޒީގެ ލޮގިން ބޭނުންކޮށްގެން ހަދާފައިވުން
-
މިއީ ކުރީގެ އިސް ގާޒީން ވެސް ކޮށްފައި ހުރި ކަންތައް ކަމަށް ކޯޓުގެ އެކިއެކި ލެވެލްގެ ވެރިން، މުވައްޒަފުންނާ ދިމާއަށް ބުނުން
-
ބޭނުންވާ ބަޔަކަށް ވަޒީފާ ދެމުން ދިޔަ ނަމަވެސް ޕްރޮކިއުމަންޓް، އެޑްމިން އެންޑް އެޗްއާރް، ކޯޓު އެޑްމިނިސްޓްރޭޓާ ފަދަ މުހިންމު ގުނަންތައް އިދާރީ ވެރިއަކު ނެތި ހިންގުން
-
އިސް ގާޒީ ބޭނުންވާ މުވައްޒަފުން އިދާރީ ސެކްޝަންތައް ހިންގުމަށް ވަގުތީ ގޮތުން އައްޔަންކޮށް މަގާމުގެ ނާޖާއިޒު ފައިދާ ނެގުން
"ޕްރެޒެންޓޭޝަން ތައްޔާރުކޮށްދީފައި ވަނީ އިސް ގާޒީ ނަމަ، އެއީ ގާޒީގެ ސުލޫކީ މިންގަނޑާ ހިލާފުވެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލިބެން ނުޖެހޭ މަންފާއެއް ހޯދައިދީފައި އޮތުމެވެ." މައްސަލާގައި ބުނެފައިވެ އެވެ.
މި ކަންކަމުގެ ސަބަބުން ކޯޓުން ވަރަށް ގިނަ މުވައްޒަފުން ހިތްހަމަނުޖެހިގެން ކެނޑެމުން ދިޔުމުގެ ސަގާފަތެއް އުފެދިފައިވާ ކަމަށް މުވައްޒަފުން ހުށަހެޅި ޝަކުވާގައި ފާހަގަކޮށްފައިވެ އެވެ.
"މި ގޮތުން މި އަހަރަކީ ވެސް މި ކޯޓުގެ ވަރަށް ގިނަ މުވައްޒަފުންތަކެއް ކެނޑިގެން ދިޔަ އަހަރެއްކަމުގައި ފާހަގަކޮށްލަމެވެ،" ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލާގައިވެ އެވެ.
އެނގުން މުހިންމު - ޖޭއެސްސީން، ވަކިވަކި ފަނޑިޔާރުންނާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ މައުލޫމާތު މިހާރު އާންމުނުކުރަން ނިންމާފައިވާތީ އެ ޝަކުވާތަކާ ގުޅޭ ގޮތުން ކޮމިޝަނުން އެއްޗެއް ނުބުންޏެވެ.
ކޮމެންޓް (1)
ގަޒީ