ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމަކަށް ވަޑައިގަންނަވަނީ:ފޮޓޯ/ރައީސް އޮފިސް)
ލޭން މައްސަލާގައި ބްރިޖު ނުހުޅުވާން ޔާމީން އުޅުއްވި، އެކަމަކު އެއްވެސް ލޭނެއް މަދެއް ނުވާނެ: ރައީސް
ސިނަމާލެ ބުރިޖުގެ ލޭނުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ބްރިޖު ނުހުޅުވާން އުޅުއްވި ކަމަށާއި އެކަމަކު ބްރިޖުން އެެއްވެސް ލޭނެއް މަދުނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ބްރިޖުގެ އެއް ލޭނު މަދުވެގެން، ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު މުއިއްޒުއަށް ރޮވެންދެން ޔާމީން ވާހަކަދެއްކެވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ލޭނު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މި ފަހުން ވަނީ 'ސަންގު' ޓީވީގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
ބުނީ ކީކޭ؟ - މިރޭ ސަންގު ޓީވީއަށް ރައީސް މުއިއްޒު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އަބްދުއްރަހީމް އެ ވާހަކަ ވިދާޅުވެދެއްވީ ވަރަށް ކުރުކޮށް ކަމަށާއި އެ ވާހަކަ އިތުރަށް ސާފުކޮށްދޭން ފުރުސަތު ލިބުމުން އުފާފުޅުކުރައްވާ ކަމަށެވެ.
އެކަން ހިނގި ގޮތް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް އެމަނިކުފާނާ ހަވާލުކުރީ އޮކްޓޯބަރު 2014 ހިސާބުގައި ކަމަށެވެ. އެމަނިކުފާނަކީ އޭގެ ކުރިން އެ މަޝްރޫއުގައި އެއްވެސް ވަރަކަށް ބައިވެރިވި ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަށް އެނގިވަޑައިގަންނަވަނީ މަޝްރޫއުއާ ހަވާލުވި ފަހުން ހިނގި ކަަންކަން ކަމަށެވެ.
ހައުސިން މިނިސްޓްރީއާ މަޝްރޫއު ހަވާލުކުރި ފަހުން އެއްވެސް ބަދަލެއް އެ މަޝްރޫއަށް އައިސްފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ސްޓޭޖެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާ ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލޭން،" ރައީސް ވިދާޅުވި އެވެ.
"ދެން ބައިސިކަލް ދުއްވާ ގޮތަށް އޮތް ބައި އެއޮތީ ހިމަނާފައި. އިތުރުކުރި މީޓަރެއް ވަރު. އެއީ ހެވީ ވެހިކަލްސްތަކަށް ކަނޑައަޅާފައި އޮތްވަރު އިތުރަށް ފުޅާކޮށްލަން އެބޭފުޅުން ބޭނުންވެގެން. ފުރަތަމަ އޮތީ 20 މީޓަރު ދެން [އިތުރުކުރީ] 21 މީޓަރު."
މައްސަލަ ޖެހުނު ގޮތް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ މަޝްރޫއު ނިމެން ގާތްގަނޑަކަށް މަހަކާ ގާތްވެފައި ވަނިކޮށް ސައިކަލް ދުއްވަން ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. އެއީ އޭގެ ކުރިން މަޝްރޫއުގެ ޑިޒައިނުގައި ހިމެނިގެންވާ ކަމެއް ނޫން ކަމަށް ވުމުންނާއި، މަޝްރޫއު ނިމުމާ އެހާ ގާތްވެފައިވުމުން އެކަން ކުރެވޭނެ ގޮތް ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަން އެގޮތަށް ބަދަލުކުރެވޭތޯ ޗައިނާ ސަރުކާރާ އެކު ވެސް ވަރަށް ގިނަ މަޝްވަރާތައް ހުދު އެމަނިކުފާނު ކުރަައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. ޔާމީން ހިތްހަމަޖެހިވަޑައިނުގަތީ އެކަން އެހެން ނުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
-
ސައިކަލު ދުއްވާނެ ލޭނެއް ނެތުމުން ކަމަށް ވިދާޅުވެ 40 އަށް ވުރެ ގިނަ މެމްބަރުން ޕާޓީ އޮފީހުގައި ތިއްބައި އެ ބްރިޖު ނުހުޅުވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށް
-
ސައިކަލު ލޭނެއް ނެތީ ކީއްވެތޯ ޔާމީން ސުވާލުކުރެއްވުމުން މަޝްރޫއުއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، ކަންކަން ތަފްސީލުކޮށްދީފައިވާނެ ކަމަށް
-
ނަމަވެސް ގަބޫލުނުކުރައްވާ ބްރިޖު ހުޅުވުން ކެންސަލްކުރަން އެންގެވި ކަަމަށް
-
އެހެން އެކަން ކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ކުރާނެ އަސަރު ވިސްނިވަޑައިގެން އެ ނިންމުން ބަދަލުކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ގަބޫލުނުކުރައްވާ ޔާމީން ބައްދަލުވުން ނިންމާލައްވާ ވަޑައިގެންނެވި ކަމަށް
"އެ ވާހަކައިގެ ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއްކުރި. [އަބްދުއްރަހީމް] އެ ވިދާޅުވީ ރަނގަޅަށް ހަމަ. ރޮވުނު ހަމަ،" ރޮވުނު ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.
ބްރިޖު ނުހުޅުވާން ނިންމެވުމުން ވެސް ދޫނުކޮށް ޔާމީން ގެއަށް ވަޑައިގަތުމުން ފޯނުކުރައްވާ ބްރިޖު ނުހުޅުވާން ނިންމެވި ނިންމެވުމާ މެދު އަލުން ވިސްނަވާވަޑައިގަތުމަށާއި، ދެ ގައުމުގެ ގުޅުމަށް ކުރާނެ އަސަރު ވެސް ވިސްނާވަޑައިގަތުމަށް އެދިވަޑައިގަތްފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ބްރިޖު ހުޅުވާން ޔާމީން އެއްބަސްވެވަޑައިގަތީ އެހާ ހިސާބުން ކަމަށެވެ.
"ދެން ވިދާޅުވެއްޖެ އާ އެންމެ ރަނގަޅޭ މިހާރު ތިއޮތް ގޮތަށް ކުރިއަށް ގެންދާށޭ. މައްސަލައެއްނެތޭ ސްޕީޑް ބްރޭކާސް ލާފައި. ދެން އަޅުގަނޑު ސްޕީޑް ބްރޭކާސް ގެނެސްފައި ހުންނާނީ. ދެން ސްޕީޑް ބްރޭކާސް ހަރުކޮށްލައިގެން ކުރިއަށް ގެންދާށޭ. އެއީ ވީގޮތަކީ ދެން އެއްބަަސްވެއްޖެ އެ ހިސާބުން. އިތުރު ކަމެއް ހިނގި ކަމެއް ނޫން މިއީކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަހަކު އެއް ފަހަރު މަަސައްކަތު ސައިޓަށް ގޮސްގެން ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ދިޔައީ ބަައްލަވަމުން ކަމަށާއި އެމަނިކުފާނަކީ ހަވާލުކުރައްވާ ޒިންމާއެއް ވީހާވެސް ރަނގަޅަށް ނެންގެވޭތޯ އޭރުވެސް މަަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
މަސައްކަތް ކުރެއްވީ ދީފައިވާ މުއްދަތު ތެރޭގައި ކޮލިޓީ ރަނގަޅުކޮށް ނިންމުމަށާއި، ބަޖެޓުގެ ތެެރެއިން ނިންމަން ކަމަށް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން، ރައީސް މުއިއްޒު ވިދާޅުވީ، މަޝްރޫއު ނިންމަން އޮތް މުއްދަތަށް ވުރެ ދެ މަސް އަވަސްކޮށް ނިންމާލާފައިވާނެ ކަމަށެވެ.
ކޮމެންޓް (3)
ޙުސައިން
އެރަހީމް
ނަވަ