ސިނަމާލެ ބްރިޖު. މި ބްރިޖު އިފްތިތާހުކުރިތާ މިއަދަށް 6 އަހަރު ވަނީ ފުރިފައި. (ދައުރު ފޮޓޯ)

ސިނަމާލެ ބްރިޖު

ސިނަމާލެ ބްރިޖަށް 6 އަހަރު؛ ރާއްޖެ-ޗައިނާގެ ބަދަހި ގުޅުން ދައްކުވައިދޭ ރަމްޒެއް: ރައީސް

ސިނަމާލެ ބްރިޖު އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގައި. އެކަމަށް މިއަދު 6 އަހަރު ފުރޭއިރު، ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ބްރިޖަކީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދޭ ދަންމަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް
30 އޯގަސްޓު 2024

ސިނަމާލެ ބްރިޖު (ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު) އަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށާއި މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ބަދަހި ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސިނަމާލެ ބްރިޖު އިފްތިތާހު ކުރިތާ މިއަދަށް ހަ އަހަރު ވަނީ ފުރިފަ އެވެ. އެ ބްރިޖު ރަސްމީކޮށް އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގަ އެވެ.

ތަފްސީލު - ބްރިޖު ހުޅުވިފަހުން ހަ އަހަރު ފުރުމާ ގުޅިގެން ރައީސް މުއިއްޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޖިނިއަރިންގެ ކާމިޔާބު އެ މަސައްކަތަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ވަސީލަތެއް ނޫން ކަމަށެވެ.

އެ ބްރިޖަކީ، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާއިން ކަންކަމުގައި ގުޅިގެން ކުރިއަށްދިއުމާއި ދެ ގައުމުގެ ބަދަހިކަން ދައްކުވައިދޭ ހެއްކެކެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އުންމީދަކީ، ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ބްރިޖަކީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދޭ ދަންމަރަކަށް ވުމެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރެއްްވި ޕޯސްޓުގައި ވިދާޅުވީ ސިނަމާލެ ބްރިޖަކީ ދިވެހިންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކަކާއި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިން މަޝްރޫއެއް ކަމަށެވެ.

ޗައިނާގެ ދީލަތި އެހީއާ އެކު ހިންގި އެ މަޝްރޫއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގެން ހުރި ފުރުސަތުތައް އަލުން ބަޔާންކޮށްދިން އިންގިލާބީ މަޝްރޫއެކެވެ.

"ތާވަލަށް ވުރެ ކުރިން އަދި ބަޖެޓުގެ ތެރެއިން މި މަޝްރޫއު ނިންމުމަކީ ވެސް އޭރު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ހުންނެވި ރައީސް މުހައްމަދު މުއިއްޒުގެ ލީޑަޝިޕް ސާބިތުކޮށްދޭ ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.

އެނގުން މުހިންމު - ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު އެވެ. އެގޮތުން، 2015 ވަނަ އަހަރު ފެށި އެ މަޝްރޫއު ނިންމައި ސެޕްޓެމްބަރު 2018ގައި ވަނީ އެ ތަން ބޭނުން ކުރަން ފަށައިފަ އެވެ. އެ މަޝްރޫއަށް ޖުމްލަ 210 މިލިއަން ޑޮލަރު ހޭދަކުރި އިރު، އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކީ ޗައިނާގެ ހިލޭ އެހީ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް