ރަޝިޔާއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ލިވާން.

ރާއްޖެ-ރަޝިއާ

މައުމޫން ކުރެއްވި ޕޯސްޓަކާ މެދު ރަޝިޔާގެ ސަފީރު ހިތްހަމަނުޖެހިއްޖެ

އޭނާ ވިދާޅުވީ މައުމޫނުގެ އެ ޕޯސްޓަކީ ބަލައިގަނެވޭނެ ޕޯސްޓެއް ނޫން ކަމަށް
28 އޯގަސްޓު 2024

މި ހަފްތާގެ ތެރޭގައި ރަޝިޔާ އިން ޔޫކްރޭނަށް ވައިގެ ހަމަލާތަކެއް ދެ ދުވަހެއްގެ މަތިން ދީފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެެއްވި ޕޯސްޓަކާ މެދު ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އދ.ގެ ސަލާމަތީ މަޖިލިސް އަދިވެސް އެބައޮތްތޯ ސުވާލު އުފައްދަވައި އިނގިރޭސި ބަހުން އެ ޕޯސްޓު މައުމޫން 'އެކްސް'ގައި ކުރައްވާފައިވަނީ އިއްޔެ އެވެ.

ތަފްސީލް - ރަޝިޔާގެ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވާން ޖަރްކަވާ ވިދާޅުވީ މައުމޫނުގެ ޕޯސްޓު އެ އެމްބަސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައުމޫނުގެ އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ:

  • އެފަދަ ޕޯސްޓެއް ކުރެއްވުމުގެ ކުރިން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފަށަން ޖެހުނު ސަބަބު ބަލަން ޖެހޭ 

  • ނޭޓޯ ފަދަ ޖަމާއަތްތަކުން ވެސް ޔޫކްރޭން ތާއީދުކުރޭ 

  • ޔޫކްރޭނުގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ކިބައިން ނާޒީންގެ ސިފަތައް ފެންނަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަތައް އަޑުއައްސަވައި އެކަމާ ގުޅޭ ގޮތުން ދިރާސާތައް ކުރައްވަން އެދިވަޑައިގެންނެވި

"ޔޫކްރޭންގެ ރައީސްގެ ސަބަބުން އެ ގައުމުގެ ދޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެދިޔަކަން މައުމޫނަށް ހަނދާންކޮށްދެން،" އެ ކަންކަމާ މެދު މައުމޫން ކަންބޮޑުވުން ފާޅުނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ސަފީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒް)

އެ ޕޯސްޓުގައި ލިވާން ވަނީ، ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ސުލްހަވެރި އެއްބަސްވުމަކާ ހިސާބަށް މާޗު 2022ގައި ގާތްގަނޑަކަށް ދެވުނުކަން މައުމޫނަށް ހަނދާންކޮށްދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އެމެރިކާ އަދި އިނގިރޭސިވިލާތުން މަޝްވަރާތަކުގެ ތެރެއަށް ވަދެ، ހަމަލާތައް ކުރިއަށް ގެންދަން ޔޫކްރޭނުގެ ރައީސް ވްލަޑްމިއާ ޒެލެންސްކީއަށް އިރުޝާދު ދިން

  • ހަތަރު ފަހަރެއްގެ މަތިން ސުލްހަވެރި އެއްބަސްވުމަކަށް ދާން ރަޝިޔާ އިން ވަނީ އިސްނަގާފައި؛ އެންމެ ފަހުން، ހަތަރު ވަނަ ފަހަރު އެކަން އިއުލާނުކުރީ މިދިޔަ ޖޫން މަހު ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕޫޓިން

  • ހުޅަނގުގެ މީޑިއާތަކުން ގެންގުޅޭ ފަދަ ތަފާތުކުރުންތައް ނުގެންގުޅެން ގޮވާލެއްވި

  • އެއް ފަރާތުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ފަލަސްތީނު ރައްޔިތުންގެ ކެކުޅުން ހުއްޓުވަން އދ.ގެ ސަލާމަތީ މަޖިލިސް ފެއިލްވެފައިވާ ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވި

  • މައުމޫނުގެ ވާހަކަ ކޮންމެ ގޮތަކަށް ހުރި ނަމަވެސް ފަލަސްތީނުގެ ދިފާއުގައި ރާއްޖޭން ކުރަމުންދާ ކަންތައްތައް އުފަލާ އެކު ފާހަގަކުރާ ކަމަށް ވިދާޅުވި

ފާހަގަކޮށްލެވޭ - ބޭރު ދުނިޔޭގައި ހިނގަމުންދާ ހަބަރުތަކާ ގުޅޭ ގޮތުން މައުމޫން ދޭތެރެ ދޭތެރެއިން ހިޔާލު ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރައްވަ އެވެ. އެގޮތުން، ފަލަސްތީނު ހަނގުރާމައާ ގުޅޭ ގޮތުން އާންމުކޮށް ދިވެހި ބަހުން ޕޯސްޓްތައް ކުރައްވަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް