ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/އާބަންކޯ)
ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތަކެއް ނަގަން އެޗްޑީސީން އެދެފި
ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތަކެއް ނަގަން އެޗްޑީސީން މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ތިލަފުށި ތަރައްގީކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކުމަށް ފަހު ސްލޯޕިންގެ މަސައްކަތް ކުރާތީ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ޖެހޭ ކަމަށެވެ.
ތަފްސީލް - އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ހުސްކުރަން ޖެހެނީ ތިލަފުށީ ފަޅުތެރެއިން 'އޭރިއާ އީ'ގައި އަޅާފައިވާ އުޅަނދުތަކެވެ. އެ އިއުލާނުގައި ބުނެފައިވަނީ:
-
އެ އުޅަނދުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނަގަން ޖެހޭނެ
-
އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ، އެޗްޑީސީގެ 'ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރުމުގެ އުސޫލު'ގެ ދަށުން އެ އުޅަނދުތަކާ މެދު އަމަލުކުރާނެ
އެނގުން މުހިންމު - ތިލަފުށިން ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހި މިދިޔަ ފެބްރުއަރީ މަހު ވަނީ ނިމިފަ އެވެ. އެގޮތުން:
-
އެއީ ޖުމްލަ 120 ހެކްޓަރުގެ ބިން
-
ތިލަފުށީގެ ސިނާއީ މަޝްރޫއު ސަރުކާރުގެ ލަފާގެ ދަށުން ކުރިއަށް ގެންދަނީ އެޗްޑީސީން
-
އެ މަޝްރޫއުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފައިވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ
މި ސަރުކާރު ނިންމާފައިވަނީ ކުރީ ސަރުކާރުން ގުޅީފަޅުގައި އަޅަން ރޭވި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށެވެ.
ތިލަފުއްޓާއި އެ ސަރަހައްދުން ހިއްކާ އެހެން ބިންތައް ބޭނުންކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ހުރިހާ ކަމެއް ކަނޑައެޅުމަށް ފަހު، ސަރުކާރުން އުފައްދާ އާ ކުންފުނި 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން'އަށް 100 ހެކްޓަރު ކަނޑައަޅައި އިގްތިސާދީ ގިނަ މަސައްކަތްތައް ފައްޓަވާނެކަން ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނު ކުރައްވާފަ އެވެ.