އަލް އަގްސާ މިސްކިތް: މިއީ އިސްލާމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް މިސްކިތް

ފަލަސްތީން

އަގްސާ މިސްކިތުގައި ފައްޅި އަޅަން ގޮވާލުން ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުގެ މިނިސްޓަރެއް ދަނީ އަގްސާ މިސްކިތުގައި ޔަހޫދީންގެ ފައްޅިއެއް އަޅަން ގޮވާލަމުން؛ ރާއްޖެއިން އެދިފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ މުއާހަދާތަކާ އެއްގޮތަށް، އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް އިޒްރޭލުން އިހުތިރާމު ކުރަން
28 އޯގަސްޓު 2024

ގުދުސްގައި ހުންނަ މުގައްދަސް އަލްއަގްސާ މިސްކިތުގައި ޔަހޫދީންގެ ފައްޅިއެއް އަޅަން އިޒްރޭލުގެ މިނިސްޓަރެއް ގޮވާލަމުންދާތީ ރާއްޖެއިން ހަރުކަށި އިބާރާތުން އެކަން ރޭ ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން ކުށްވެރިކޮށް ސަރުކާރުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން:

  • އަގްސާ މިސްކިތަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ވެސް ދުނިޔޭގެ 1.8 ބިލިއަނެއްހާ މުސްލިމުންނަށް ވަރަށް މުހިއްމު ބިނާއެއް

  • އެއީ މުގައްދަސް މިސްކިތެއްގެ އިތުރުން އިސްލާމީ ތާރީހުގެ މުހިއްމު ރަމްޒެއް

އެހެންކަމުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ މުއާހަދާތަކާ އެއްގޮތަށް، އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް އިހުތިރާމު ކުރަން ރާއްޖެއިން ވަނީ އިޒްރޭލަށް ގޮވާލާފަ އެވެ.

ބުނީ ކީކޭ؟ - "އިޒްރޭލު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމަކަށް ހިތްވަރު ދޭ ވާހަކަތައް ދެއްކެވުމުން ގާޒާގައި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި، ދީނީ ހަމަނުޖެހުންތައް އިތުރަށް ގޯސްވުމަށް މަގުފަހިވެ، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތައް އުފެދުމުގެ ފުރުސަތު ފަހިވެ އެވެ،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ގުދުސް އާއި އެތަނުގައިވާ މުގައްދަސް ބިނާތަކުގެ ގާނޫނީ ހައިސިއްޔަތު ބަދަލުވެދާނެ ފަދަ އެއްވެސް އަމަލެއް ވީހާ އަވަހަކަށް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން އަޅަން ޖެހުނު ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ބައިނަލްއަގުވާމީ ދުނިޔެއަށް ވެސް ގޮވާލި އެވެ.

ރާއްޖެއިން އަބަދު ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ހިމެނޭހެން 1967ގެ ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި ވަކި ދައުލަތެއް ގާއިމްކުރަން ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް