ފެނަކައިން ކުޑަހުވަދޫގައި ސްމާޓް މީޓަރު ތައާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން (ފޮޓޯ/ފެނަކަ)
ހުރިހާ ރަށެއްގައި އެއް އަހަރު ތެރޭ ސްމާޓް ކަރަންޓް މީޓަރު ހަރުކުރަނީ
ފެނަކައިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ކަރަންޓް މީޓަރުތައް އަހަރެއްގެ ތެރޭ ސްމާޓްމީޓަރަށް ބަދަލުކުރަން ނިންމާވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
ވީ ކިހިނެއް؟ - ދ. ކުޑަހުވަދޫގެ ހުރިހާ މީޓަރުތަކެއް ސްމާޓް މީޓަރަށް ބަދަލުކޮށް އިއްޔެ ވަނީ އެ މީޓަރުތައް ބޭނުންކުރުން ރަސްމީކޮށް އެ ރަށުގައި އިފްތިތާހުކޮށްފަ އެވެ. އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ:
-
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް
-
އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކާ ހިލާފަށް ސްމާޓް މީޓަރަކީ އޮޓަމޭޓްކޮށްފައިވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ކަރަންޓް ބޭނުންކުރާ ވަރު ވަގުތުން ބަލައިލެވޭނެ މީޓަރެއް
-
އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓާ ކުރެވޭނެ އެޕްލިކޭޝަން ވެސް ފެނަކައިން ވަނީ އެ ހަފްލާގައި ތައާރަފްކޮށްފައި
ތަފްސީލް - ފެނަކައިން ބުނީ އެ ކުންފުނިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ގޭބިސީގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރަން ނިންމައި އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް އެބަދާ ކަމަށެވެ. އެގޮތުން:
-
ދ. އަތޮޅު އަދި ފުވައްމުލަކުގެ ހުރިހާ ގޭބިސީއެއްގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ވަނީ މިހާރު ނިމުމަކާ ކައިރިވެފައި
-
އަމަލީ ގޮތުން މަސައްކަތް މިހާރު ހިނގަނީ ހ.ދ، ބ.، މ.، ފ. އަދި ތ އަތޮޅުގައި
-
ފެނަކައިން ބަހައްޓަނީ ޗައިނާގެ ޑޮންފަންގު ކުންފުނީގެ ސްމާޓް މީޓަރު؛ މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އަދި ދުނިޔެ ގަބޫލުކުރާ މީޓަރެއް ކަމަށް އެ ކުންފުނިން ބުނި
-
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް ވަނީ އެ މީޓަރު ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފައި؛ އަދި އެ މީޓަރު ޓެސްޓު ކުރެވޭނެ ވަސީލަތްތައް ފެނަކައިގައި ވަނީ ގާއިމްކޮށްފައި
"އާ މެނޭޖްމަންޓާއެކު ފެނަކައިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ފެނަކައިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކޮށް، ފެނަކައިން ދޭ ހިދުމަތްތަކަށް އޮތް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރަށް ކަށަވަރު ކުރުމަށް،" އެ ކުންފުނިން ބުންޏެވެ.
ފާހަގަކޮށްލެވޭ - ފެނަކައިން ބުނި ގޮތުގައި ސްމާޓް މީޓަރު ޕްރޮޖެކްޓް ފެނަކައިން ފެށީ 2022 ވަނަ އަހަރު ނަމަވެސް އޭރު ކުންފުނީގެ މެނޭޖްމަންޓުން އެ މަޝްރޫއު ހިންގަން އެ ކަށީގެންވާ އެއްބާރުލުމެއް ދީފައެއް ނުވެ އެވެ. އެހެންވެ، އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ.
އެހެން ނަމަވެސް މިހާރުގެ މެނޭޖްމަންޓުން އަލުން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައި މަސައްކަތްތައް ބާރަށް ފަށާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.