ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭގެ ޕީއެންސީ ޖަލްސާގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ބީއެމްއެލް

އިދިކޮޅުން ގެންނަން އުޅުނީ މާލީ ބަގާވާތެއް: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ ވާހަކަތައް ހުރީ ގައުމީ ބޭންކުން އިއްޔެގެ ނިންމުން ނިންމީ އެމްޑީޕީއާ ގުޅިގެން ކަމަށް ދޭހަވާ ގޮތަށް؛ ތަކުރާރުކޮށް އެއީ ބަގާވާތެއް ކަމަށް ވިދާޅުވި
26 އޯގަސްޓު 2024

ބީއެމްއެލްއިން އިއްޔެ އެޅި ފިޔަވަޅަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ތުހުމަތުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލް އާއި އެމްޑީޕީގެ ބޮލުގައި މި ތުހުމަތު އަޅުވައި ޝިޔާމް ވާހަކަދެއްކެވީ މިރޭ ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެރިކަންކުރާ ޕީއެންސީން އެ ޕާޓީގެ މައި ޖަގަހާގައި ކުރިއަށްދާ ޖަލްސާގަ އެވެ.

އެނގުން މުހިއްމު - ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް އިއްޔެ ހެނދުނު ނިންމި އެވެ. އެކަމަކު އެ ނިންމުން އިއްޔެ ހަވީރު ބޭންކުން ބަދަލުކުރީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށެވެ.

ބުނީ ކީކޭ؟ -"އިއްޔެ އިރުއެރި އިރުގައި މާލީ ބަގާވާތެއް ގެންނަން މި މީހުން [އެމްޑީޕީ] އަޑީގައި ތިބެގެން، މާލީ ބަގާވާތެއް ގެންނަން މަސައްކަތްކުރީ،" އަޑަށް ބާރުލައްވާފައި ފޯރީގައި ޝިޔާމް ވިދާޅުވި އެވެ.

"އެއީ އިއްތިފާގެއް ނޫން. ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގައިހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސެއްގައި."

އެއީ އިންތިޒާމު ކުރެވިގެން، ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް ކަމަށް ތަކުރާރުކޮށް ސިފަކުރައްވަމުން، ޝިޔާމް ވިދާޅުވީ ބީއެމްއެލްއިން އެ ނިންމުން ނިންމުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ސީދާ މި މާލީ ބަގާވާތް ގެންނަން އުޅުއްވި ބޭފުޅުން ކަމަށެވެ.

އެއީ ކޮން ބައެއް ކަން ފުރަތަމަކޮޅު ވިދާޅުނުވި ނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ނަން ފަހުން ގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް