އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްގައި އަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)
ސިޔާސީ މުވައްޒަފުންގެ އަދަދު 4500އަށް އަރާ: އެމްޑީޕީ
މި ސަރުކާރުން 4500 ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިިއަދު ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އޭގެ ތެރޭގައި ކުންފުނިތަކަށް ނަގާފައިވާ ސިޔާސީ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.
ތަފްސީލް - އަމީރު މިއަދު ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް 2500 ސިޔާސީ މުވައްޒަފުން އިތުރުކޮށް، މުސާރަގައިގެ ހަރަދު މަދުވެގެން %15 ބޮޑުވެފައިވާ ކަމަށެވެ.
"މިއަހަރުގެ ފުރަތަމަ ކުއާޓަރަށް އެކަނި ބަލާލާއިރު ވެސް މުވައްޒަފުންގެ އަދަދު %8 އިތުރުވެއްޖެ،" އޭނާ ވިދާޅުވި އެވެ.
"ގައުމިއްޔަތު ނަމުގައި ކޮލެޖެއް ހަދައި އެތަނަށް ބޮޑު މުސާރަ ދީފައި 50 ކޮންސަލްޓެންޓުން އެބަތިބި ނަގާފައި. ސިޔާސީ މަގާމްތަކަށް 2000އަށް ވުރެ ގިނަ މީހުން އެބަތިބި އަދި ކުންފުނިތަކަށް އެބަހުރި 2500އަށް ވުރެ ގިނަ މީހުން ނަގާފައި އެބަހުރި."
އެމްޑީޕީން ބުނި ގޮތުގައި:
-
ސަރުކާރު ކުންފުނިތަކަށް މުސާރައިގެ ގޮތުގައި މިހާރު ހަރަދުކުރާ މިންވަރު މިދިޔަ އަހަރު ނިމުނު އިރަށް ވުރެ ވަނީ މަތިވެފައި
-
މުސާރައަށް އެންމެ ބޮޑު ހަރަދެއް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ފެނަކަ، އެމްއޭސީއެލް، އެމްޓީސީސީ އަދި މޯލްޑިވިއަން
އެންގުން މުހިންމު - މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ނަގާފައިވަނީ ކިހާ އަދަދެއްގެ މުވައްޒަފުން ކަމެއް އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.