މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

ބިދޭސީންނާ ގުޅޭ ޓާސްކްފޯސް ބޮޑުކޮށް، ދައުރު ފުޅާކޮށްފި

ޓާސްކްފޯސްއަށް މިހާރު ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އިތުރުކޮށްފައި
22 އޯގަސްޓު 2024

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އުފައްދާފައިވާ ޓާސްކްފޯސްއަށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އިތުރުކޮށް، ޓާސްކްފޯސްގެ ދައުރު އިތުރަށް ފުޅާކޮށްފި އެވެ.

ވީ ކިހިނެއް؟ - ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ވަނީ ޓާސްކްފޯސް އެއް އުފައްދަވައިފަ އެވެ. 

ނަމަވެސް މިފަހުން ފާހަގަވި ބައެއް ކަންކަމުގެ އަލީގައި، ރައީސްގެ އެންގެވުމުގެ މަތިން މިހާރު އެ ޓާސްކްފޯސްގެ ކޮމްޕޮޒިޝަން އިއްޔެ ބަދަލުކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ބިދޭސީންގެ މައްސަލަ ހައްލު ކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ތިން ވުޒާރާއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެ ބަދަލުތަކުގެ އިތުރު މައުލޫމާތު ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ބަދަލުގެ ދަށުން:

  • އެޗްޕީއޭ، އެމްއެފްޑީއޭ އަދި އިކޮނޮމިކް މިނިސްޓްރީ ވަނީ ޓާސްކްފޯސްއަށް އިތުރުކޮށްފައި

  • ޓާސްކްފޯސްގެ ފަރާތުން ތަންތަނަށް ރެއިޑް ކުރުން ފަދަ އޮޕަރޭޝަނަލް މަސައްކަތްތައް ކުރަމުންދާ އިރު ކުރިއަށް އޮތްތަނުގައި އެ މުއައްސަސާތަކުން ބައިވެރިވާނެ؛ އަދި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅާނެ

"އެހެންވީމަ މިއަދުން ފެށިގެން ޓާސްކްފޯސްގެ މަސައްކަތްތައް ހިނގަމުންދާ އިރު ހިނގަމުންދާނީ މި ހުރިހާ ޓާސްކްފޯސްއެއް އެއްކޮށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި،" އިހުސާން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިންސްޓްރަކްޝަނަކީ އަޅުގަނޑުމެން ގައުމީ މި ބޮޑު މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެއް ވުޒާރާ އަނެއް ވުޒާރާއާ ގުޅިގެން ފަސޭހަކަމާ އެކު، އަވަސްކަމާ އެކު ރައްޔިތުންނަށް ދޭންޖެހޭ ހައްލު ހޯދުމަށްޓަކައި މަސައްކަތްތައް ރޭވުން،"

މިހާރު ވެސް ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރޭގައި، މިހާތަނަށް އަމަލުކުރަމުން އައި ގޮތަކީ އެތަންތަނުގައި ތިބޭ ބިދޭސީން ހައްޔަރުކޮށް، އިމިގްރޭޝަން ގާނޫނުގެ ތެރެއިން އެމީހުންނާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އެޅުން ކަމަށް އިހުސާން ވިދާޅުވި އެވެ. ނަމަވެސް، މިހާރު ޓާސްކްފޯސް އަށް ގެނެވުނު ބަދަލުގެ ތެރެއިން، އޭނާ ވިދާޅުވީ:

  • އެތަންތަން ބަންދުކޮށް، ތަނުގެ ވިޔަފާރި ވެސް ބަންދު ކުރާނެ

  • އެތަން އަލުން ހުޅުވޭނީ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން

"ހަމަ އެގޮތަށް އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް އަޅުގަނޑުމެންނަށް ފާހަގަވާ ތަންތަން، އެއީ ބަދިގެއެއް ވިޔަސް ރެސްޓޯރަންޓެއް ވިޔަސް ކެފޭއެއް ގޮތުގައި ހިންގިޔަސް ނޫނީ ފިހާރައެއްގެ ފަހަތުގައި ހިންގަމުންދާ އަމަލެއް ވިޔަސް އެތަން އަޅުގަނޑުމެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ދަށުން ބަންދުކޮށްފައި އަޅުގަނޑުމެން ތަޅުއަޅުވާނެ،" މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފަދަ ތަންތަން ވެސް ދެން ހުޅުވޭނީ އުސޫލުތަކުގެ ދަށުން އެތަންތަން ވެސް ގަވައިދަށް ފެއްތުމުންނެވެ.

ޓާސްކްފޯސް އަށް އަލަށް އިތުރުކޮށްފައިވާ އެޗްޕީއޭ އާއި އެމްއެފްޑީއޭ އިން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ރަޖިސްޓްރީ ނުކޮށް ސިއްހަތާ ގުޅުންހުރި ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ތަންތައް ބަންދު ކޮށް، އެފަދަ ތަކެތި ނައްތާލާނެ؛ އެކަމަށް ދޭން ޖެހޭ އެހީތެރިކަން އެހެން މުއައްސަސާތަކަށް ފޯރުކޮށްދޭނެ

  • މާދަމާ އިން ފެށިގެން ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރަން ފަށާނެ؛ އެ ގާނޫނުގެ ދަށުން އެމްއެފްޑީއޭ އަށް ހާއްސަ ބާރުތަކެއް ލިބިގެންދޭ

  • އާންމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަޅަމުން ދާނެ

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވަނީ ޓާސްކްފޯސްގައި މިނިސްޓްރީން އަދާކުރާ ދައުރާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ޓާސްކްފޯސް އިން ހިންގަމުންދާ ރެއިޑްތަކުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ ހިލާފަށް ހިންގާ ތަންތަން ފާހަގަކުރާނެ؛ ބަލާފާސް ކުރާ ތަންތަނުގެ ތެރެއިން ރަޖިސްޓްރީ ނުކޮށް ހުންނަ ތަންތަނާ މެދު ފިޔަވަޅު އަޅާ، އެ ވިޔަފާރިތައް ހުއްޓުވާނެ

  • ޓާސްކްފޯސް އިން ހުއްޓުވަން ނިންމާ ތަންތަން އަލުން ރަޖިސްޓްރީ ކޮށްގެން ގާނޫނާ ގަވައިދާ އެއްގޮތަށް ވިޔަފާރި ހިންގަން ހުއްދަ ދޭނީ މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއް ނަގައިގެން؛ އެކަމާ ބެހޭ އިޖުރާއަތު މިހާރު ވާނީ ހާމަކޮށްފައި

"... އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ވެސް ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީ ފަރާތެއް މާލީ މަންފާ ހޯދަން އެއްވެސް ބާވަތެއްގެ މަސައްކަތެއް، ވިޔަފާރިއެއް ކުރުމަކީ މަނާކަމެއް." އެ ފަރާތްތަކާ މެދު ވެސް ޓާސްކްފޯސްގެ މަސައްކަތްތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް