ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިީގެ ކުރިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)
ޕީޖީކަމުން ޝަމީމް ވަކިކުރަން ކޮމިޓީން ނިންމައިފި
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސެއިން ޝަމީމް ވަކިކުރަން ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ޝަމީމް ހާޒިރުވެ ވަނީ މައްސަލައިގައި ޖަވާބުދާރީ ވެފަ އެވެ. އޭނާ ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބު ދާރީވުމަށް ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
ޝަމީމްއާ ސުވާލުކުރުމަށް ފަހު ކޮމިޓީން މިއަދު ވަނީ އެ މައްސަލައިގައި ގޮތް ނިންމައިފަ އެވެ.
ތަފްސީލް - އެ ކޮމިޓީގެ މެންބަރަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ޝަމީމް ވަކިކުރަން މިއަދު ނެގި ވޯޓުގައި އޭނާ ވަކިކުރަން އަށް މެންބަރުން ތާއީދު ކުރެއްވި ކަމަށެވެ. އަދި ޝަމީމް ވަކިކުރުމާ ދެކޮޅަށް ވޯޓްލީ ދެ މެންބަރުންނެވެ.
ޝަމީމް މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ހުށަހަޅާ މުޅި މަޖިލީހުގެ ވޯޓުން އެގޮތަށް ފާސްވުމުންނެވެ. ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާކުރާނެ ކަމަށް ބެލެވެ އެވެ.
އެނގުން މުހިންމު - ޝަމީމް މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އޭނާ ވަނީ ޝަމީމް ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަޔާންކުރައްވާފަ އެވެ.
ޝަމީމް ވަކިކުރަން ޖެހޭ މައިގަނޑު ސަަބަބުތަކުގެ ގޮތުގައި ބުނެފައި ވަނީ ޖިނާއީ އަދުލުގައި ގާއިމްވެފައިވާ އުސޫލުތަކާ ހިލާފަށް ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންނެވުމެވެ.
ފާހަގަކޮށްލެވޭ - ޝަމީމް ޖަވާބުދާރީވާން ހާޒިރުކުރި ކޮމިޓީ ހުޅުވާލައިގެން ބާއްވަން އެދުނު ނަމަވެސް އެ ކޮމިޓީ ބޭއްވީ ސިއްރުކޮށްގެންނެވެ.
ކޮމެންޓް (1)
ބެލީމާ ދޯ !