ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް(ކ) ކެބިނެޓް ބައްދަލުވުމެއްގައި. (ފައިލް ފޮޓޯ/ ރައީސް އޮފީސް)
އާބަން ޑިވެލޮޕްމަންޓް ބިލް ހުށަހެޅީ ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ވެސް މަޝްވަރާނުކޮށް
ކައުންސިލްތަކުގެ ބާރުތައް ހަނިވާ ފަދަ އިދާރާއެއް އުފައްދާ ގޮތަށް އޮތް އާބަން ޑިވެލޮޕްމަންޓްގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް ބުނެ، އެ މިނިސްޓްރީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެނގުން މުހިއްމު - އާބަން ޑިވެލޮޕްމަންޓްގެ ބިލަކީ މި ސަރުކާރުން އަލަށް ތައާރަފުކުރަން ނިންމާފައިވާ ގާނޫނުތަކުގެ ތެރެއިން މި މަހުގެ 12ގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގެ ބޭނުމަކީ:
-
ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައަޅައި އެފަދަ ސަރަހައްދު ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުން
-
އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯނުތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުން
-
އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި އެ ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރުން
މީގެ އިތުރުން، އާބަން ޑިވެލޮޕްމަންޓްގެ ގާނޫނު އުފެދުމާ އެކު، 'އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ'ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެ އިދާރާގެ މަސްއޫލިއްޔަތަކީ ގާނޫނުގެ ދަށުން ކަނޑައަޅާ އާބަން ސަރަހައްދުތައް ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭން ތައްޔާރުކޮށް، އެ ސަރަހައްދު ތަރައްގީކުރާ ފަރާތްތަކަށް ހުއްދަތައް ދީ، އެ ފަރާތްތަކުން ކުރިއަށް ގެންދާ މަސައްކަތްތައް ވިލަރެސް ކުރުމެވެ.
ވީ ކިިހިނެއް؟ - އާބަން ޑިވެލޮޕްމަންޓްގެ ބިލު ދިރާސާކުރުމަށް ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ބައްދަލުވުމުގައި، އެ އޮތޯރިޓީ އުފެއްދުމަށް ފަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ބާރު ކެނޑި، ރައްޔިތުންގެ ސީދާ ބައިވެރިވުން ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން ތޮއްޑޫ ދާއިރާގެ އިދިކޮޅު މެމްބަރު ހުސައިން ސަމީރު ފާޅުކުރެއްވި އެވެ.
މެމްބަރުގެ ވާހަކައަށް ތާއީދު ކުރައްވައި ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ބައިވަރު ކަންކަން ބިލުގައި ހުރި ކަމަށް، މިއަދުގެ ކޮމިޓީގައި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވެސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "މީގެ ގިނަ ކަންތައްތަކަކީ އަތޮޅު ކައުންސިލާއި އަދި ކައުންސިލްގެ އެހެނިހެން ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލްތައް އަބަދު ވެސް ބާރުވެރި ކުރުވައި ކައުންސިލްތަކާ ވަރަށް ގާތްކޮށް ނިޒާމު ހިންގުން،" އޭނާ ވިދާޅުވި އެވެ.
ހާޝިމް ފާހަގަކުރެއްވި ގޮތުގައި:
-
ބިލުގައި ބުނާ އާ އޮތޯރިޓީ އުފެދިގެން އަންނަ އިރު، ކައުންސިލްތަކުގެ ބައިވެރިވުން އެކަމުގައެއް ނެތް
-
ކައުންސިލްތަކުގެ ބައިވެރިވުން އޮތީ ތަންފީޒީ މަރުހަލާގައި؛ އެއީ ވެސް ހަމައެކަނި ވިލަރެސް ކުރުން ފަދަ ކަންކަމުގައި
"މި ބިލް ޑްރާފްޓް ކުރެވިގެން މިހިސާބަށް އައި އިރު އަޅުގަނޑުމެން މިނިސްޓްރީގެ އެއްވެސް އިންވޯލްވްމެންޓެއް ނެތްކަން އަޅުގަނޑުމެން ފާހަގަކުރަން،" ހާޝިމް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ގިނަ ނުކުތާތަކެއް ބިލުގައި ހުރުމާ އެކު، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ކަންބޮޑުވުންތައް ހިއްސާކޮށް، ބިލަށް ކޮމެންޓު ހުށަހެޅުމުގެ ފުރުސަތެއް ދެއްވަން ވެސް ކޮމިޓީގެ މުގައްރިރުގެ އަރިހުން އޭނާ ވަނީ އެދިވަޑައިގެންފި އެވެ.
ފާހަގަކޮށްލެވޭ - މެމްބަރުންނާއި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން ވެސް ބިލާ މެދު ކަންބޮޑުވުން ފާޅު ކުރެއްވި އިރު، މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު ފާތިމަތު ޝާހީން ވިދާޅުވެފައިވަނީ:
-
އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އުފެއްދި ނަމަވެސް، އާބަން ސަރަހައްދު ތަރައްގީ ކުރާނީ ސަރުކާރުން ކަނޑައަޅާ ފަރާތަކުން؛ އެއީ އެ ސަރަހައްދުތަކުގެ ކައުންސިލްތަކަށް ވެސް ވެދާނެ
-
އޮތޯރިޓީއަށް ލިބޭނީ ޕްލޭން ކުރުމާއި ވިލަރެސް ކުރުމުގެ އިހްތިސޯސް؛ ނަމަވެސް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ މުއްދަތުގައި ދޭން ޖެހޭ އާންމު ހިދުމަތްތަކާއި މުނިސިޕަލް ހިދުމަތްތައް ވެސް އޮންނާނީ ކައުންސިލްގެ ބާރާއި އިހުތިޔާރުގެ ތެރޭގައި
-
ތަރައްގީ ކުރުމުގެ މުއްދަތު ނިމުމުން އޮތޯރިޓީގެ އިހުތިސޯސް ނިމި، އެ ސަރަހައްދު ދާނީ އަނެއްކާވެސް ކައުންސިލްތަކުގެ ދަށަށް
-
އޮތޯރިޓީން މާސްޓާޕްލޭން ތައްޔާރު ކުރާނީ ކައުންސިލްތަކާ ގުޅިގެން މަޝްވަރާކުރެވިގެން؛ ތަރައްގީ ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވޭނީ އެ އޮތޯރިޓީ އާއި ކައުންސިލްތަކުން ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވޭ
ކޮމެންޓް (1)
ކޮސް