މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން. (ފައިލް ފޮޓޯ/މާލޭ ސިޓީ ކައުންސިލް)
ނައިޓު މާކެޓުގެ ހުއްދަ ދޫކުރުމާއި އުސްފަސްގަނޑު ކައުންސިލަށް ދޭން އެދިއްޖެ
ނައިޓު މާކެޓު ބާއްވަން ހުއްދަ ދޫކުރުމުގެ ކަންކަމާއި އުސްފަސްގަނޑު އަލުން އަނބުރާ މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ސަރުކާރުގައި ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ވީ ކިހނެއް؟ - އެހެން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ 159 ވަނަ ރަސްމީ ޖަސްލާގައި، މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.
ކައުންސިލުގެ މިއަދުގެ އެޖެންޑާގައި އެ ދެ މައްސަލަ ހިމަނަން ހުށަހެޅުއްވި އާޒިމް ވިދާޅުވި ގޮތުގައި:
-
ނައިޓު މާކެޓު ބޭއްވުމުގެ ހުއްދަ ދިނުން ކުރިން އޮންނަނީ މާލެ ސިޓީ ކައުންސިލަށް؛ މާލޭގެ އާންމު ސަރަހައްދުތަކަކީ ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަން ކަމަށް ލާމަރުކަޒީ ގާނޫނުން ބުނޭ
-
ނަމަވެސް، މިދިޔަ ސަރުކާރުން ނިންމާފައިވަނީ މާކެޓުތައް ބޭއްވުމުގެ ހުއްދަ ދޭނީ ސަރުކާރުން ކަމަށް؛ އަނެއްކާވެސް އެކަން ކައުންސިލްގެ ދަށަށް ގެނެސްދޭން ވާނީ ސަރުކާރުގައި އެދިފައި
-
މިހާރު ސަރުކާރުން އެކަމަށް ހުއްދަ ދެމުންދިޔަސް، އާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ އެކަން ކުރަނީ ކައުންސިލުން ކަމަށް؛ އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ނުކުމޭ
ބުނީ ކީކޭ؟ - "މާލޭގެ ޕަބްލިކް ސްޕޭސްތަކެއް ބޭނުންކޮށްގެން މާކެޓު ބާއްވާ ކަންތައް ކުރީމަ ރައްޔިތުން ހީކުރަނީ އެއީ އަޅުގަނޑުމެން ކުރާ ކަމެކޭ،" އެކަން ކުރާއިރު އެތަންތަން ވަރަށް ބޮޑަށް ގޮނޑުވާ ކަމާއި އެކަން ކުރަނީ ވެސް ގިނަ ފަހަރު ސަތަރި ޖަހައިގެން އެހާ ފެންވަރު ރަނގަޅު ގޮތަކަށް ނޫންކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވި އެވެ.
އުސްފަސްގަނޑުގައި ވެސް އެފަދަ މާކެޓުތައް ބާއްވަނީ ހައުސިން މިނިސްޓްރީން ދޭ ހުއްދައެއްގެ ދަށުންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މާލޭގައި އެއްވެސް މާކެޓެއް ބޭއްވުމަށްޓަކައި މިއަދު ކައުންސިލަށް އެއްވެސް ހުއްދައެއް ނުދެވޭ ކަމަށެވެ. އެގޮތުން:
-
ކައުންސިލްގައި އުސްފަސްގަނޑުގެ ރަޖިސްޓްރީ އޮތުމުން، ކައުންސިލަށް އެ ހުއްދަ ދެވޭނެ ކަމަށް ގަބޫލުކުރެވިގެން މިފަހުން އުސްފަސްގަނޑުގައި ހަރަކާތެއް ބާއްވަން ކައުންސިލުން ވަނީ ބަޔަކަށް ހުއްދަ ދީފައި
-
ނަމަވެސް، ހައުސިން މިނިސްޓްރީން ވަނީ އެ ހުއްދަ ބާތިލުކޮށް، އެކަން އެންގުމަށް ކައުންސިލަށް ސިޓީއެއް ފޮނުވާފައި
މިހާރު ކަންކަން އޮތް ގޮތުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވެ، އެންމެ ރަނގަޅަށް ނައިޓު މާކެޓުތަކުގެ ކަންކަމާއި އުސްފަސްގަނޑު ފަދަ ތަންތަން ނުބެލެހެއްޓޭ ކަމުގެ ކަންބޮޑުވުން އާންމުންގެ ފަރާތުން ލިބެމުންދާކަން އާޒިމް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ ޝަކުވާ ބޮޑު ކަމަށެވެ.
"އެ ބިން ސާފުކޮށް ބެލެހެއްޓުމާއި އެ ބިމުގެ ވަށައިގެންވާ މާހައުލު ބެލެހެއްޓުމާއި މިކަންކަން ކުރާނީ ކޮން ބައެއް ހެއްޔޭ؟ އެތަނަށް އަޅާހާ ކުންޏަކާ، އެ ތަނަށް މީހުން އަރައިގެން އުޅޭ އުޅުމާއި އެ ތަނުގެ ސެކިއުރިޓީ އާއި އެ ތަނުގެ ދިއްލުމާއި އެ ޓްރައިޕޮޑްތަކަށް އަޅާހާ ތެލަކާއި ކުންޏަކާ ފުޅިތަކާ އަޅުގަނޑުމެން މިހާރު ވެސް ނަގަމުން މިދަނީ،" އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު ނައިޓު މާކެޓުތައް ބާއްވަމުންދަނީ ސަތަރި ދަމައިގެން އާންމުންނަށް އުނދަގޫވާ ގޮތަށްކަން ފާހަގަކުރައްވައި ކައުންސިިލްގެ ދަށުން އެކަން ކުރާ ނަމަ، އެފަދަ މާކެޓުތަކަށް ކައުންސިލުން ޓެންޓު ޖަހައިދޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އިމްޕްލިމެންޓް ކުރާ އޭޖެންސީއެއް. މަޖިލީހަކީ ގާނޫނު ހަދާ ތަން. ސަރުކާރަކީ ޕޮލިސީ މޭކާޒް. އެހެންވީމަ ވަރަށް ރަނގަޅަށް ބެހިފަ އޮތް ކަމެއް މި ކަމަކީ. އެހެންވީމަ މި ކަންތައްތައް އަޅުގަނޑުމެންގެ ދަށަށް އައިސްފިއްޔާ އަޅުގަނޑުމެންނަށް މާ ރަނގަޅަށް ބެލެހެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ތާއީދު ކުރައްވާ ކައުންސިލްގެ އިތުރު މެމްބަރުން ވެސް ވަނީ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވާފަ އެވެ.
މިދިޔަ ސަރުކާރުގައި ކައުންސިލުން ނައިޓު މާކެޓުތަކަށް ހުއްދަ ދޫކުރުމާއި އުސްފަސްގަނޑު މިނިސްޓްރީގެ ދަށަށް ނަގާފައިވީ ނަމަވެސް، މި ސަރުކާރުން އެކަންކަން ކައުންސިލްގެ ދަށަށް ބަދަލުކޮށްދެއްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް މޭޔަރު ވިދާޅުވި އެވެ.
ކޮމެންޓް (1)
ފާރިސް ހަސަން