ސިވިލް ކޯޓު ކައުންޓަރު ކައިރީގައި އާންމުންގެ ބަޔަކު ހިދުމަތް ހޯދަނީ(ފައިލް ފޮޓޯ/ސޯޝަލް މީޑިއާ)

ސިވިލް ކޯޓު

އޭޖީން ކޯޓަށް ހާޒިރުނުވުމުން ދައުލަތަށް ލިބެންޖެހޭ 100،000ރ. ގެ މައްސަލަައެއް ބޭރުކޮށްލައިފި

މި ފައިސާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާފައިވާ މީހެއްގެ އަތުން ލިބެންޖެހޭ ފައިސާއެއް؛ ސިވިލް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުމަށް އޭޖީން ހާޒިރުވެފައި ނުވަނީ މަގުބޫލު އުޒުރެއްނެތި ކަމަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ 100،000ރ. ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ކޯޓަށް ހާޒިރުނުވެގެން އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - މަހުމޫދު އަބްދުﷲ، ހިރުދުގަސްދޮށުގެ / ޅ. ނައިފަރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށު ދައުވާ ސާބިތުވެ، އުމުރަށް ޖަލަށް ލުމާ އެކު، 100،000ރ.ގެ ޖޫރިމަނާއެއް ދެއްކުމަށް 19 މާޗް 2019ގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ. މި މައްސަލާގައި ހިމެނޭ ޖޫރިމަނާގެ ފައިސާ މަސް ދުވަސްތެރޭ، މީރާ އަށް ދެއްކުމަށް އެ ހުކުުމުގައިވެ އެވެ. 

ވީ ކިހިނެއް؟ - މަހްމޫދުގެ ފަރާތުން މި ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށް 17 އޮގަސްޓް 2022ގައި އޭރުގެ އޭޖީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. 

ތަފްސީލް - ސިވިލް ކޯޓުގެ ހުކުމުގައި ބުނީ:

  • އެ މައްސަލައާ ގުޅިގެން ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވާން މިދިޔަ ބުރާސްފަތި ދުވަހު އޭޖީ އޮފީހަށް އަމުރު ފޮނުވާފައިވާނެ ކަމަށް

  • އެ އަމުރު އޭޖީއަށް ރައްދުވެފައިވީ ނަމަވެސް، އެ އަމުރަށް އިޖާބަދީ އޭޖީ އޮފީހުގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށް ހުކުމުގައިވޭ

ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ އޭޖީ އޮފީހުގެ ފަރާތުން އެ މައްސަލައާ ގުޅޭ އަޑުއެހުމަށް ހާޒުވެފައި ނުވަނީ މަގުބޫލު ސަބަބެއް ބަޔާންކުރުމެއް ނެތި ކަމަށެވެ. 

އެނގުން މުހިންމު - މައްސަލައިގެ ޝަރީއަތަށް ހާޒިރުވުމަށް ކޯޓުން ފޮނުވާ އަމުރު ރައްދުވެ މަގުބޫލު ސަބަބެއް ނެތި އަމުރުގައިވާ ތާރީހާ ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ފޯމު ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބެ އެވެ. 

ކޮމެންޓް (1)

profile-image-placeholder

އޭޖީހާޖީ

18 އޯގަސްޓު 2024
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަންހިނގާ ގޮތުން ވާނުވާ ރައްޔިތުންނަށް ސާފުވޭއެބަ. މުޅި ގައުމުގަ އޮތީ ނެޓްވޯކް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް