ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މާލެއަށް މިއަދު ވާރޭވެހި މަގުމަތީގައި ފެންބޮޑުވެފައި (ފޮޓޯ/އެންޑީއެމްއޭ)
މާލޭގައި ފެންބޮޑުވެ ގެއްލުން ލިބުނު 5 ގެއަކުން 23 މީހުން ވަގުތީ ހިޔާތަކުގައި
މިދިޔަ އަންގާރަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަސް ގެއަކުން 23 މީހަކަށް ވަގުތީ ހިޔާވަހިކަން ދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އަންގާރަ ދުވަހު ކުރި ވިއްސާރާގައި މާލޭގެ ގިނަ އަދަދެއްގެ ގޭގެއަށް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އެ ވިއްސާރައާ ގުޅިގެން އެންޑީއެމްއޭ އިން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެ އޮތޯރިޓީން އިއްޔެ ހެނދުނު އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން:
-
އެހީތެރިކަމަށް އެދި 256 ފަރާތަކުން ރިޕޯޓުކޮށްފައިވޭ
-
ޖުމްލަ 248 ގޭގައި ވެލި ބަސްތާ ޖަހާފައިވޭ
-
ނަޖިސް ފެން ބޭރުވެގެން 12 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ
-
ފަސް އާއިލާއަކުން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވޭ
Updates of the ongoing emergency operation in Male' City
— NDMA Maldives (@NDMAmv) August 13, 2024
As of 1900hrs, NDMA has received 231 reports of flooding across the City due to heavy rains. We have initiated the relocation process for affected families. Further updates will be provided as the situation develops. pic.twitter.com/qHrCfD6hbE
ބުނީ ކީކޭ؟ - ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެންޑީއެމްއޭ އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތޯރިޓީގެ ޗީފް އެގްޒެކިޔުޓިވް ހިސާން ހަސަން މިއަދު 'ދައުރު'އަށް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިން އެންމެން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
އެ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ދީފައިވަނީ ތިން ދުވަހުގެ މުއްދަތައް
-
އެންޑީއެމްއޭ އިން މަސައްކަތް ކުރަމުން އަންނަނީ އެ ގެތައް ސާފުކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމާލުމަށް ފަހު އާއިލާތައް ގެތަކަށް ބަދަލުކުރުމަށް
ވިއްސާރައިގައި ގިނަ އަދަދެއްގެ ގެތަކަކުން އެކި ވަރުގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާތީ، އެ ގެއްލުންތަކުގެ ތަފްސީލް މިހާތަނަށް ހިސާބުކުރެވިފައެއް ނުވެ އެވެ. ނަމަވެސް، ހިސާން ވިދާޅުވީ:
-
އެންޑީއެމްއޭއަށް ރިޕޯޓުކޮށްފައިވާ 256 ގޭގެ ތެރެއިން އެސެސްމަންޓް ހަދަން ޖެހޭ ގެތައް ފާހަގަކޮށް، އެސެސްމަންޓް ފެށުމަށް އެންޑީއެމްއޭ އާއި ކަމާ ބެހޭ މިނިސްޓްރީތަކާއި ރެޑް ކްރެސެންޓުގެ ޓީމުތައް ތައްޔާރަށް އޮތް ކަމަށް
-
އެސެސްމަންޓްތައް ހެދުން މަޑުޖައްސާލަން ޖެހިފައިވަނީ އަދިވެސް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާތީ
ފާހަގަކޮށްލެވޭ - އަންގާރަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި ރިކޯޑު އަދަދަކަށް ވާރޭ ވެހިފައިވެ އެވެ. މާލެ އާއި އުތުރުގެ ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް ފެން ވަނުމުގެ ގިނަ ހާދިސާތަކެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
އެނގުން މުހިއްމު - މި ހަފްތާ ނިމެންދެން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ. މެޓުން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި މި ވިއްސާރައިގައި:
-
އާއްމު ވައި ހުންނާނީ އުތުރާއި މެދު ރާއްޖެތެރޭގައި ގަޑިއަކު 17-27 މޭލަށް އަދި ދެކުނުގައި ގަޑިއަކު 13-23 މޭލަށް
-
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ބާރުވުމުގެ ފުރުސަތު ބޮޑު
-
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ
-
ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ
މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށް އަދި ދަތުރުކުރާ ނަމަ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.