މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރާބެހޭ މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ކުޅިވަރު މަޝްރޫއުތައް ނުކަތާ ވަރަށް؛ 2 އަހަރުގެ ދައުލަތުގެ ބަޖެޓަށް ވުރެ ބޮޑު

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި ވަނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއުތައް ތަރުތީބުކޮށް ކައުންސިލްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން
14 އޯގަސްޓު 2024

ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކުގެ އަގު މުޅި ދައުލަތުގެ ދެ އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ބުނީ ކީކޭ؟ - ރާފިއު ވިދާޅުވީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ތާށިކަން ކަމަށެވެ.

"ވަރަށް ބައިވަރު ޕްރޮޖެކްޓްތަކެއް އެބަހުރި، އަޅުގަނޑު މީގެކުރިން ވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ މުޅި ހުރިހާ ޕްރޮޖެކްޓެއް އެއްކޮށްލީމަ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު،" ރާފިއު ވިދާޅުވި އެވެ.

އެހެންވެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން މިހާރު ނިންމާފައިވަނީ ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓްތަކަށް އިސްކަންދީގެން އަދި އެކަމާ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ އަހަރުގެ ފަހުކޮޅު އިއުލާނުކޮށްގެން ކަމަށާއި އެއީ ވެސް ބަޖެޓުގައި އެ ޕްރޮޖެކްޓަކަށް ހިމެނިފަ ހުރި އަދަދު ކުޑަވުމުން ކަމަށެވެ.

"އެއީ [ޕްރޮޖެކްޓަތައް ފެށުމަށް ފަހު] ދޭތެރެއަކުން ހުއްޓާލަންޖެހޭތީ، މަސައްކަތް މެދުކަނޑާލަންޖެހޭތީ އެގޮތަށް ވެސް ހަދަނީ،" ރާފިއު ވިދާޅުވި އެވެ.

ރާފިއު ކުރިން ވިދާޅުވެފައިވާ ގޮތުގައި ބައެއް މަޝްރޫއުތައް ލަސްވަނީ އެ މަޝްރޫއުތައް ފެށުމަށް ފަހު މަޝްރޫއަށް ބަދަލު އަންނާތީ ކަމަށެވެ. އެކަމުގެ ސަބަބުން ބޭނުންވާ ފައިސާ ނުލިބި އެފަދަ މަސައްކަތްތައް ހުއްޓޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް