އޭޑީކޭ ހޮސްޕިޓަލްގެ ބޭރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޭޑީކޭ ހޮސްޕިޓަލް އޮތީ 'އައިސީޔޫގައި'؛ އާސަންދައިން 250 މިލިއަން ދޭން ޖެހޭ

އާސަންދަ ފެށުނީއްސުރެ އަހަރަކު 100 މިލިއަނުން އޭޑީކޭއަށް ފައިސާ ދައްކަން ޖެހޭއިރު، އެ އަދަދު ނުލިބި ދިގުލައިގެން ގޮސް ހަރަދުތައް ފޫބައްދަން މަޖުބޫރުވީ ލޯނު ނަގަން

އާސަންދައިން ލިބެން ޖެހޭ ފައިސާ ނުލިބި ފުނިޖެހެމުން ގޮސް، އޭޑީކޭ ހޮސްޕިޓަލް ހުއްޓާލަން ޖެހޭ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށް އެ ހޮސްޕިޓަލް ހިންގާ އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހްމަދު ނާޝިދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އޭޑީކޭއިން އެ ކަންބޮޑުވުން އެންމެ ފުރަތަމަ ހިއްސާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ނާޝިދު ވިދާޅުވީ އޭގެ ފަހުން އެކި ފަހަރުމަތިން މާލިއްޔަތު ކޮމެޓީ އާއި ފިނޭންސް މިނިސްޓަރާއި ކަމާ ބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ސިޓީ ފޮޮނުވަމުން އަންނަ ކަމަށެވެ.

ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބޭތީ އޭޑީކޭ އޮތީ ވަރަށް ހާލުގައި ކަމަށް އެ ހޮސްޕިޓަލުން ބުނޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެކަމުގެ ތަފްސީލު ހިއްސާކުރައްވައި ނާޝިދު ވިދާޅުވީ:

  • އޮކްޓޫބަރު 2023ގައި ސިޓީ ފޮނުވިއިރު ލިބެން ޖެހޭ 166 މިލިއަން ރުފިޔާ އޮތް ކަމަށް

  • މަހަކު އެވްރެޖުކޮށް 25 މިލިއަން ރުފިޔާ ދައުލަތުން އޭޑީކޭއަށް ލިބުނު ނަމަވެސް ހޮސްޕިޓަލުން ދޭ ހިދުމަތްތަކަށް މަހަކު 40 ވަރަކަށް މިލިއަން ރުފިޔާ ބިލުކުރަން ޖެހޭ

  • އޭގެ ފަހުން ނޮވެމްބަރު 2023ގައި ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުވި

  • ޑިސެމްބަރު 2023ގައި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް، އެ އަދަދު 200 މިލިއަން ރުފިޔާއަށް ބޮޑުވިކަމާއި އާސަންދައިގެ ބޭސްތައް އަގުބޮޑުވެފައި ހުރި ކަމުގެ ތަފްސީލާ އެކު ހިއްސާކުރި

  • މިއަދާ ހަމައަށް 251 މިލިއަން ރުފިޔާ އޭޑީކޭއަށް ނުލިބި އެބަ އޮތް

ބުނީ ކީކޭ؟ - "251 މިލިއަން ރުފިޔާ ދައްކަން އޮތްއިރު، މީގެ ތެރޭގައި އަޅުގަނޑުމެންގެ ވަރަށް ބައިވަރު ސަޕްލަޔަރުންނަށާއި އެކި ފަރާތްތަކަށް [ދޭން ޖެހޭ] ޕޭމަންޓުތަކެއް އެބަހުރި،" ނާޝިދު ވިދާޅުވި އެވެ.

އެކި ފަރާތްތަކަށް ސިޓީ ފޮނުވަމުން ގޮސް ކުރިއެރުމެއް ނުލިބުމުން ނާޝިދު ވިދާޅުވީ، ޑިސެމްބަރު 2023ގައި ރައީސް މުހައްމަދު މުއިއްޒަށް ވެސް ސިިޓީއެއް ފޮނުއްވި ކަމަށެވެ.

"ޑިސެމްބަރު 24ގައި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައި އަޅުގަނޑުމެން ދެންނެވިން، 200 މިލިއަން ރުފިޔާއަށް އަރައިފިއޭ 2023ގައި. އަޅުގަނޑުމެންގެ އޮޕަރޭޝަންސް ހުއްޓުމަކަށް އަންނަނީއޭ،" ނާޝިދު ވިދާޅުވި އެވެ.

"ކޮންމެ މަހަކު އަޅުގަނޑުމެން ފިނޭންސް މިނިސްޓަރަށާއި އެންސްޕާގެ ސީއީއޯ ނޫނީ އެހެން ބޭފުޅުންނަށް ގުޅައިގެން މެސެޖުކޮށްގެން ވަރަށް ބޮޑު ސްޓްރެސްއަކަށް އެބަވޭ މި ފައިސާ ހޯދުމުގައި. ވައިޓަލް ސަޕްލައިސް ނުލިބޭތީ ވަރަށް ދަތިވޭ، އެހެންވެ މި ފައިސާ ލިބޭނެ ގޮތް ހައްދަވައިދެއްވާށޭ."

އޭޑީކޭ ގްރޫޕުގެ އިސް ބޭފުޅުންނާ އެކު މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

ތަފްސީލު - އެ ސިޓީއަށް އެއްވެސް ޖަވާބެއް ރައީސްގެ ފަރާތްޕުޅުން އަދި ނުލިބޭ އިރު ނާޝިދު ވިދާޅުވީ މިދިޔަ މާޗުގައި އަނެއްކާވެސް ލިބެން ޖެހޭ ފައިސާގެ އަދަދު ބޮޑުވިކަން ފިނޭންސް މިނިސްޓަރަށް ފޮނުއްވި ސިޓީއެއްގައި ހިއްސާކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ ޓެކްސް ޕޭމަންޓާ އެއްޗެހި ނުދެއްކި، އެ ހާލަތަށް ވެއްޓިއްޖެ  މިހާރު،" ނާޝިދު ވިދާޅުވި އެވެ.

"އެކަމަކު ގާނޫނީ ގޮތުން ޓެކުހަކީ އަޅުގަނޑުމެން ދައްކަން ޖެހޭ އެއްޗެއް. އެކަމަކު މި ހާލަތު މި އުފެދުނީ މީގެ 'ޑޮމިނޯ އެފެކްޓުން' ގޮސް ޓެކްސް ނުދެއްކުނީމަ. އެކަމަކު އަޅުގަނޑުމެން ޓެކްސް ނުދެއްކީމަ ޖޫރިމަނާ އެއްޗެހި އެބަ އަރާ."

އާސަންދައިން ލިބޭ ގެއްލުން ފޫބައްދަން ނަގަން ޖެހުނީ ދަރަނި

އާސަންދައިން ފައިސާ ނުލިބޭ މައްސަލަ ފޫބައްދަން އޭޑީކޭ ގްރޫޕުގެ އެހެން ކުންފުނިތަކަށް ލިބޭ އާމްދަނީއަށް ބަރޯސާވުމާއި އެކި ބޭންކުތަކުން އޯވަޑްރާފްޓް (އޯޑީ) ފެސިލިޓީ ނެގުން ވެސް ހިމެނެ އެވެ.

ދައުލަތުން ލާރި ނުލިބި އަދި އޯވަޑްރާފްޓް ނަގާފައި ހުއްޓާ ކުރިމަތިވި އެއް ގޮންޖެހުމަކީ، ނާޝިދު ވިދާޅުވި ގޮތުގައި، އޯޑީ ނަގާފައި ހުރި ބޭންކުތަކުގެ ތެރެއިން އެޗުއެސްބީސީގެ ރާއްޖެ ގޮފި ބަންދުކުރަން ނިންމުމެވެ. އެ ވާހަކަ 3 ޖޫންގައި ފޮނުވި ސިޓީއަކުން ހިއްސާކުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އާސަންދަ އާއި މިހެން ލިބެން ޖެހޭ ލާރި [ނުލިބުމުގެ] ގެޕު ފިލްކުރަން އަޅުގަނޑުމެން އެ ތަންތަނުން ނަގާފައި ހުރި އޯޑީއާ އެއްޗެހި އެ މީހުން ދިއުމުގެ ކުރިން ސެޓްލްކުރަން އެބަ އޮތް އަންގާފައި. އަޅުގަނޑުމެން ކޮލެޓްރަލްއަކާ އެއްޗެހި ވެސް އެ ތަނަށް ލާފައި މިހިރީ. އެ ކޮލެޓްރަލް ނަގައިގެން [ސެޓްލްކޮށްފައި] އެެހެން ބޭންކަކަށް ވެސް ދެވޭނީ،" ނާޝިދު ވިދާޅުވި އެވެ.

ޖޫން މަހު ފޮނުވި ސިޓީގައި އެދުނީ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ކޮންމެ މަހަކު ދައްކާ ފައިސާގެ އަދަދު 25 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކޮށްދިނުމަށެވެ. އޭގެ ފަހުން ލިބެން ޖެހޭ އަދަދު 240 މިލިއަން ހުރަސްކުރިކަން ވެސް ޖުލައިގައި ފޮނުވި ސިޓީއަކުން ވަނީ ހިއްސާކޮށްފަ އެވެ.

'ފުރާނަ ސަލާމަތްކުރާ ބޭސް ލިބުން ވެސް ހުއްޓިއްޖެ'

ދައުލަތުން ލިބެން ޖެހޭ ފައިސާ ނުލިބި، އޭޑީކޭ ވެސް ދަރަނީގެ ދަންތުރައެއްގައި ޖެހުމުން ނާޝިދު ވިދާޅުވީ ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެއްކި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން އޭޑީކޭއަށް ބައެއް ކަހަލަ ލައިފް ސޭވިން ޑްރަގްސް ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ދައްކަން ހުރި ފައިސާ ވެސް ނުދެއްކި ގިނަ ދުވަސް ވުމުން އެ ބޭސްތައް ލިބުން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ޖުމްލަ ގޮތެއްގައި ހޮސްޕިޓަލާއި އޭޑީކޭ ފާމާއާ އެއްކޮށްލީމަ ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ މިއޮތީ ނުލިބި،" ނާޝިދު ވިދާޅުވި އެވެ.

"އޭގެ ތެރެއިން ބްރޭކް ކޮށްލައިފިއްޔާ ހޮސްޕިޓަލަށް އެބަ އޮތް 50 މިލިއަން ޑިއުވެފައި. އަޅުގަނޑުމެން މި ދެނީ 90 ދުވަހުގެ ކުރެޑިޓް ޕީރިއަޑެއް."

9 ޖޫން 2024: އޭޑީކޭ ހޮސްޕިޓަލް ޖުރިމަތިން މީހުން ހިނގާފަ ދާތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަހަކު ދޭ 25 މިލިއަން ރުފިޔާއިން ދެކޮޅު ނުޖެއްސޭނެ

ނާޝިދު ވިދާޅުވި ގޮތުގައި ދައުލަތުން އޭޑީކޭއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު ދައްކަނީ 25 މިލިއަން ރުފިޔާ އެވެ. ނަމަވެސް ހޮސްޕިޓަލް ހިންގުމުގެ ހަރަދަށް ރިއާޔަތްކޮށް އޭނާ ވިދާޅުވީ އެ އަދަދު ލިބިގެން ނުހިންގޭނެ ކަމަށެވެ.

"އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޓިން ކޮސްޓް، ކޮންމެ ދުވަހަކަށް 1.5 މިލިއަން. އެހެންވީމަ ކޮންމެ މަހަކު 45 މިލިއަން އެބަ އަރާ އޮޕަރޭޓިން ކޮސްޓަށް އެކަނި،" ނާޝިދު ވިދާޅުވި އެވެ.

"އެހެންވީމަ 25 މިލިއަން، އޭގެ ތެރެއިން ފާމާއާ އެއްކޮށް ހޮސްޕިޓަލަށް 20 މިލިއަން ވީމަ ބާކީ ބައިން އަޅުގަނޑުމެން ދެކޮޅުނުޖެހޭ. ޖުމްލަކޮށް ބިލުކުރެވޭ އެއަށް ވުރެ މާ މަތީ އަދަދުތަކުން."

ކަންކަން މިހެން ހުރުމުން ނާޝިދު ވިދާޅުވީ އޭޑީކޭ އޮތީ މިހާރު ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ.

ކޮމެޓީއަށް އޭނާ ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި ބޭންކުތަކުން ނަގާފައި ހުރި އޯޑީ ފެސިލިޓީތަކުގެ ޖުމްލަ އަދަދު 150 މިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ އިންޓްރެސްޓު ގޮތުގައި އަހަރަކު ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ވެސް ދައްކަން ޖެހެ އެވެ.

"ތިޔަ ބޭފުޅުންނަށް ވެސް އަޅުގަނޑުމެންނަށް ވެސް އޮންނާނެ ކަންބޮޑުވުމަކަށް ވާނީ، އަޅުގަނޑުމެން މި ދޭ ހިދުމަތެއްގެ ތެރޭގައި ލައިފް ސޭވިން ޑްރަގެއް އެއްޗެއް ނެތިގެން އެއްވެސް ފަރުދެއްގެ ފުރާނައަށް ގެއްލުންވުން. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކަށް ވާނީ،" ނާޝިދު ވިދާޅުވި އެވެ.

"މިހާރު އެ ސްޓޭޖަށް އެބަ ދޭ... އެ ހާލަތަށް ބަދަލުވެފައި މިތިބީ. ބައެއް ސަޕްލަޔަރުންނަށް އެއްޗެހި ފޯރުނުކޮށްދެވޭ ނަމަ ވަރަށް ބޮޑު ސްޓްރެއަކަށް މި ވަނީ. ކޮންމެއަކަސް އެ ހާލަތުން އެބަ ޖެހޭ އަރައިގަންނަން."

ކޮމެންޓް (7)

ޗައްޕޫ

14 އޯގަސްޓު 2024
ތިބުނިގޮތުން މިހާރު ސަރުކާރުން މަަހަކަށްދޭ 25 މިލިއަނުން އޮޕަރޭޓިން ޚަރަދު ލިބޭއިރު އާސަންދައަށްވުރެ ގިނައިން ރައްޔިތުންގެ އަތުން ނަގާ ފައިސާއިން ބޮޑު ފައިދާއެއް ނަގާއިރު ތިދައްކާ ވާހަކަ ހަމައެއް ނުޖެހޭ.
0 0

ނާޝިދު

14 އޯގަސްޓު 2024
ގާތްގަޑަކަށް ހިލޭ ސަރުކާރުން ދީފަ އޮތް ބިމެއްގަ އެމީހުންގެ އެހެނިހެން ވިޔަފާރިތައް ހިންގަނީ، އޮފީސް ހިންގަނީ.....އެތަނުން ނިކަމެތި ރައްޔިތުން އަތުން ލިބުނު ފައިސާއިން ބޮޑު ފަޅެއް ގަނެ، ހިއްކާ ރިޒޯޓު ހެދީ
0 0

އައްފާލު

14 އޯގަސްޓު 2024
ބޭކާރު ވާހަކަ. އޭޑީކޭ އިން 3 ގުނަ ނަގާ އާސަންދަ ކަނޑާފަވެސް
1 0

ކަކުނި

14 އޯގަސްޓު 2024
އާސަންދަ އިން ފައިސާ ނުލިބޭތީ އާސަންދަ އޭޑީކޭ އިން ހުއްޓާލަން ވީއެންނު.
1 0

މުހައްލިލު

13 އޯގަސްޓު 2024
ސިއްހީ ހިދުމަތުން ޖީއެސްޓީއެއް ނުދައްކާނެ، އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެ، ދައްކަން ޖެހޭނީ ބީޕީޓީ، އެއީ 3% ކަމަށް ހަނދާންވަނީ، އެހެންކަމަށްވާނަމަ 80 މިލިއަން ސަރުކާރަށް ދައްކަންޏާމުން އޭޑީކޭއަށް އަހަރަކު ފައިދާ އެއް ބިލިއަނަށް ވުރެ ބޮޑުވާނެ، މި ފައިސާ ފެލަނީ ރައްޔިތުންގެ އަތުން، މި ހިސާބު ހަދާފަ މިވާހަކަ ނޫސްވެރިންނަށް ނުދެއްކެނީ ފައިސާ ނަގައިގެން ވިކިފަ ތިބީމަ
8 0

މީރާ

13 އޯގަސްޓު 2024
@މުހައްލިލު ޖީއެސްޓީ ދައްކަންޖެހޭނެ އަމިއްލަ ހޮސްޕިޓަލުތަކުންނާއި ސްކޫލުތަކުން. އެއީ މާލީ ފައިދާ ހޯދަން ކުރާ ވިޔަފާރި ޔޯލަ.
1 0

ޙަސަން

13 އޯގަސްޓު 2024
ލޯނު ނެގީ ރިސޯޓު ހަދަން
8 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް