ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހުރެއިންގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރެއްވުން.

މޫސާ ޒަމީރު

ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓުކުރަން ބަހުރެއިނާ އެކު މަޝްވަރާކޮށްފި

ބަހުރެއިން ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ އެ ދަތުރުގައި އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައި
13 އޯގަސްޓު 2024

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ފާތިމާ ބިންތު ޖައްފާރު އަލް ސައިރާފީއާ ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ބައްދަލުވުން ބޭއްވީ ބަހުރެއިން ސަރުކާރުގެ ދައުވަތަކަށް ޒަމީރު މިހާރު އެ ގައުމަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން މިއަދު އެވެ.

ތަފްސީލު - ބަހުރެއިން ޓޫރިޒަމް އެގްޒިބިޝަން އޮޓޯރިޓީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ފާތިމާއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ތައުރީފު ކުރައްވާފަ އެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގައި ދެ ގައުމުން ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގައި އިންވެސްޓުކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ޒަމީރު ބަހުރެއިންއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ ގައުމުގެ ވަލީ އަހުދު ސަލްމާން ބިން ހަމަދު އަލް ހަލީފާ އާއި ފިނޭންސް އެންޑް ނެޝަނަލް އިކޮނޮމީ މިނިސްޓަރު ޝައިހު ސަލްމާން ބިން ހަލީފާ އަލް ހަލީފާ އާއި ފޮރިން މިނިސްޓަރު އަބްދުﷲ އާތިފު ބިން ރާޝިދު އަލް ޒަޔާނީއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ބަދަހިކުރަން ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް