މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މާލެ ސަރަހައްދުގެ އުޅަނދު ލިމިޓާއި ބޭނުންކުރެވޭ މުއްދަތު ކަނޑައަޅަން ދިރާސާއެއް ފަށައިފި

އެ ދިރާސާ ހެދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލި ފުރުސަތުގައި ބީލަން ކާމިޔާބުކުރި އައިޔޫއެމްއިން މިއަދު ވަނީ އެ މަސައްކަތް ފަށާފައި؛ އެ ދިރާސާގެ މަގްސަދަކީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅުން
12 އޯގަސްޓު 2024

މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ދިރާސާއެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ދިރާސާ ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލުން މިދިޔަ ޖުލައިގައި އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރުމުން އެ ބީލަން ކާމިޔާބުކުރި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިންނެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލާއި އައިޔޫއެމްއިން ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގެ މުއްދަތަކީ 120 ދުވަހެވެ. އަދި މި މަސައްކަތުގެ އަގަކީ 625،700ރ. އެވެ.

މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްދޭނެ އެއްގަމު އުޅަނދުގެ ލިމިޓާއި އެ ތަކެތި ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަން ދިރާސާއެއް ހެދުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކުރުން. (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ބުނީ ކީކޭ؟ - މިކަމާ ބެހޭ ގޮތުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެޑްމިން އެންޑް ފައިނޭންސް އަހްމަދު އަމީން މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިއަދު ދިރާސާގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"ޑިސެމްބަރުގެ ދުވަހަށް، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އުންމީދަކީ އޮކްޓޫބަރު ނިމެންވާއިރަށް މި ދިރާސާގެ ޑްރާފްޓް ނިމި، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުން،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު - އެ ދިރާސާ ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލު ދެއްވަމުން އަމީން ވިދާޅުވި ގޮތުގައި:

  • އައިޔޫއެމްގެ ކަރިކިއުލަމް ޑިޕާޓްމަންޓާއި ޑޮކްޓޮރޭޓް ފަންތީގެ ބޭފުޅުން ހިމެނޭ ގޮތަށް އެ ޔުނިވާސިޓީގެ ބޮޑު ޓީމެއް ދިރާސާގެ މަސައްކަތުގައި އުޅޭނެ

  • ދިރާސާގެ ތެރެއިން އާންމުންނާއި ކަމާ ބެހޭ މުއައްސަސާތަކާ އިންޓަވިއު ކުރާނެ

  • ޓްރާންސްޕޯޓް މިނިސްޓްރީ އާއި ކަސްޓަމްސް ފަދަ އެކި އިދާރާތަކުން މިހާރު ލިބެންހުރި މައުލޫމާތަށް (މިސާލަކަށް އުޅަނދު ރަޖިސްޓްރީކޮށްފައިވާ މިންވަރާއި އެތެރެކުރާ އަދަދަށް) ވެސް ބަލާނެ

  • ތަރައްގީވެފައިވާ ބޭރުގެ ގައުމުތަކުން މިކަން ކުރާ ގޮތް ބަލައި މިސާލެއްގެ ގޮތުގައި ބޭނުންކުރާނެ

ބޭނުންނުކޮށް ދިގު މުއްދަތަކަށް މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތައް ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ މިއަހަރުގެ ފެބްރުއަރީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި އުޅަނދުތަކެއް ނައްތާލަން ގެންދަނީ. (ފޮޓޯ/ޓްރާންސްޕޯޓް މިނިސްޓްރީ)

މާލެ ސިޓީ ކައުންސިލުން މިދިޔަ މަހުގެ 4ގައި ކުރި އިއުލާނުގައިވާ ގޮތުން، އެ ދިރާސާ ހެދުމުގައި މާލޭގެ އާބާދީ، މިހާރު ބޭނުންކުރަމުން އަންނަ އުޅަނދުތަކުގެ އަދަދު އަދި އުޅަނދު ދުއްވަން ކަނޑައަޅާފައިވާ މަގުތަކާއި ޕާކިން ސަރަހައްދުތަކުގެ ބޮޑުމިނަށް ރިއާޔަތްކުރަން ޖެހޭނެ އެވެ.

އެ ދިރާސާގައި ކޮންމެހެން ހިމަނަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ:

  • އެއްގަމު އުޅަނދު ދުއްވުމަށާއި ޕާކުކުރަން ހާއްސަކޮށްފައިވާ މަގުތަކާއި ސަރަހައްދުތަކުގެ ޖުމްލަ ބޮޑުމިން

  • އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރު

  • އުޅަނދު ދުއްވުމަށާއި ޕާކިންއަށް، މަގުތަކާއި ލޭނުތަކުގައި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު

  • އެއްގަމު އުޅަނދުތައް ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތާއި އާންމުކޮށް ބޭނުންކުރާ އެންމެ ދިގު މުއްދަތު

  • އާބާދީގެ ނިސްބަތުން އަމިއްލަ އުޅަނދު ބޭނުންކުރާ ނިސްބަތާއި ބާވަތްތައް

  • އާބާދީގެ ނިސްބަތުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ނިސްބަތް

  • ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދުން މާލޭގައި ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި ބާވަތްތައް

  • ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައި އޮންނަ ޕާކިން ޒޯނު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕާކިން ޒޯނު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައި އޮންނަ ޕާކިން ޒޯނު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެ ދިރާސާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓުގައި ތިން ކަމަކަށް ލަފާ ދިނުމަށް ވެސް ކައުންސިލުން އެދިފައިވެ އެވެ. އެއީ:

  • 1-

    ކަނޑައަޅާ އުޅަނދުގެ އަދަދު އެ މިންވަރުގައި ހިފަހައްޓަން ވަސީލަތްތައް ގާއިމުކުރުމަށާއި އެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ އުސޫލު ތަންފީޒުކުރަން ބޭނުންވާ އިންސާނީ އަދި ފަންނީ ވަސީލަތްތައް ހުންނަން ޖެހޭ މިންގަނޑު

  • 2-

    މާލޭގައި ބޭނުންކުރަން ރަޖިސްޓްރީކޮށްފައިވާ އުޅަނދުގެ އަދަދަކީ އަލަށް ކަނޑައަޅާ އަދަދުގެ ނިސްބަތަށްވުރެ އިތުރުވާ ނަމަ، އާ އަދަދުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި އުޅަނދުތައް އަލުން ރަޖިސްޓްރީ ކުރެވޭ ފަދަ ނިޒާމެއް އެކުލަވައިލުން

  • 3-

    އުޅަނދު ބޭނުންކުރަން ކަނޑައަޅާ މުއްދަތު ހަމަވުމުން ވަގުތުން ރަޖިސްޓްރީ ބާތިލުކުރުމާއި އުޅަނދު ނައްތާލުން ފަދަ ކަންކަން ކުރުމުގެ ކުރިން ވެރިފަރާތަށް ގެއްލުން ކުޑަވާނެ ފިޔަވަޅުތައް ބުނެދިނުން؛ މިސާލަކަށް، މާލެ ނޫން ތަނަކަށް އެ އުޅަނދެއް ރަޖިސްޓްރީ ކުރުން ނުވަތަ ރާއްޖެއިން އެ އުޅަނދެއް އެކްސްޕޯޓު ކުރުން ފަދަ ކަންކަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް