ރައީސް މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ސަލާންކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެއް އެކުވެރިޔާ: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރަައްވާ ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރައްވާނެ ކަމަށް

އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި، ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، އިންޑިއާ ސަރުކާރުން އެ މަޝްރޫއުތައް ރާއްޖެއާ ހަވާލުކުރަން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބުނީ ކީކޭ؟ - ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ރާއްޖެ ސަރުކާރާ ހަވާލުކުރި މަޝްރޫއުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭން އިންޑިއާ ސަރުކާރުން ދިން އެހީއަކަށް ވާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ހިންގި މަޝްރޫއުތައް ރާއްޖެއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އޭގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވީ:

  • އިންޑިއާ އިން ދޭ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އެތައް މަޝްރޫއުތަކެއް ދަނީ ހިންގަމުން؛ ސަރުކާރުގެ އުންމީދަކީ އެ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމާ، ރައްޔިތުންނަށް އެކަމުގެ މަންފާ ލިބޭނެ ގޮތް ހަދައިދިނުން

  • އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އާއި ސްކީމް ރީސްޓްރަކްޗާ ކުރުމަށް އިންޑިއާ އިން ދަނީ އެއްބާރުލުން ދެމުން؛ އެކަމުގެ ސަބަބުން ކުރިމަގާ މެދު އުންމީދު އާވޭ

  •  މޯދީ މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާ، ރާއްޖޭގެ ވަފުދަށް އަދާކުރެއްވި މެހުމާންދާރީ ފާހަގަކުރެއްވި؛ ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ވާހަކަ ދެކެވުނު ކަމަށް

"އިންޑިއާ އަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި އަގުނުކުރެވޭ ފަދަ އެއް ގައުމު،" ރާއްޖެއިން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައި އިންޑިއާ އިން އެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

އިންޑިއާއާ އެކު އޮތް ޒަމާންވީ ގާތް ގުޅުން ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ވިދާޅުވެ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ގައުމުގެ ރަހުމަތްތެރިކަމަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެނގުން މުހިންމު - 'އިންޑިއާ އައުޓް' ނަމުގައި ކެމްޕެއިނެއް ކުރުމުގެ ތެރެއިން މި ސަރުކާރު ވެރިކަމަށް އައުމާ އެކު، ދެ ގައުމުގެ ގުޅުމަށް އަސަރުކުރި އެވެ. އަދި މި ވެރިކަމުގައި ރާއްޖެއިން ޗައިނާއާ މާ ގާތް ގުޅުމެއް ބާއްވާ ކަމަށް ތުހުމަތުކުރުމާއި ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ނިސްބަތްކޮށް ބަދުބަސް ބުނި މައްސަލައިގައި އެ ގުޅުން ހައްތަހާ ހީނަރުވި އެވެ.

އެކަމަކު  ދެ ގައުމުން ވެސް މިހާރު އަންނަނީ އަލުން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް (2)

އިބްރާހިމް Avatar

އިބްރާހިމް

10 އޯގަސްޓު 2024
އިންޑިޔާ އައުޓު ޓީޝާރޓް ކޮބާތޯ؟ އިންޑިޔާ އައުޓު ދިދަ ކޮބާ..؟ ބްލީ ބްލީ ކޮބާ
0 0

ސައިމާ

11 އޯގަސްޓު 2024
@އިބްރާހިމް ފެކްޓް ރިމެއިންސް ދަ ސޭމް. އެވެރިންގެ ގްލޯބަލް ސައުތް ޑިވެލޮޕްމަންޓްގެ ލަނޑުދަނޑިތައް ބަލައިލީމާ އެގޭނެ ރާއްޖެއަށް ބުލީކޮށްގެންވިޔަސް އަހަރުމެން އެމީހުންގެ ވާގިވެރިއަކަށް ވާންބޭނުންވާ ސަބަބުތައް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް