އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ފޮރިން މިނިސްޓްރީގައި ބައްދަލުކުރައްވަނީ (ފޮޓޯ/އެކްސް/ޖައިޝަންކަރު)

މޫސާ ޒަމީރު

އިންޑިއާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމަށް މަޝްވަރާކުރަން ހުށަހަޅައިފިން: ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެފްޓީއޭގެ އިތުރުން އިގުތިސާދާއި ވިޔަފާރިއާ ގުޅުން ހުރި އެހެން އެއްބަސްވުންތަކުން ވެސް ދެ ގައުމަށް ފައިދާކުރާނެ ކަމަށް
10 އޯގަސްޓު 2024

ރާއްޖެއާ އެކު ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ)އެއް ހަދަން ރައީސް މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ހުށަހެޅުން އިންޑިއާގެ ފޮރިން މިނސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރަށް ހުށަހަޅައި އެކަމާ ބެހޭ މަޝްވަރާތައް ފަށަން ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު އެކަން އިއުލާނުކުރެއްވީ ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރާ ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ތަފްސީލް - އެ ނޫސް ބަޔާނުގައި ޒަމީރު ވިދާޅުވީ އެފްޓީއޭގެ އިތުރުން އިގްތިސޯދީ އާއި ވިޔަފާރިއާ ގުޅުން ހުރި އެހެން އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިކުރަން ލުއިފަސޭހަވާނެ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ޖައިޝަންކަރުގެ ދަތުރުގައި ދެ ގައުމަށް ވެސް މުހިންމު އެކި ދާއިރާތަކާ މެދު މަޝްވަރާކުރައްވާނެ އެވެ. އެގޮތުން އިގްތިސޯދާއި، ވިޔަފާރި އާއި އިންވެސްޓްމެންޓް ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމުގެ ވާހަކަތައް ހިމެނެ އެވެ.

ދެން ހުރި ކަންކަމުގެ ތެރޭގައި ތައުލީމާއި ހުނަރު ތަރައްގީ ކުރުމާއި ކުޅިވަރުގެ ދާއިރާ އާއި ދިފާއީ އަދި ސަލާމަތީ ކަންކަމާއި، ކޮންސިއުލާއާ ގުޅޭ ބައި ވެސް ހިމެނެ އެވެ. 

ޒަމީރު ވިދާޅުވީ:

  • އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުކުރަން  އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ދެ ގައުމުގެ ފޮރިން މިނިސްޓަރުން  އެއްބަސްވޭ

  • އިގްތިސޯދީ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރަން ހަރުދަނާ ނިޒާމްތަކެއް ގާއިމްކުރަން ނިންމާފައިވޭ

  • ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް ދެމެހެއްޓެނިވި އަދި ފާގަތި ގުޅުމެއް ބިނާކުރަން މަސައްކަތްކުރާނެ

  • ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ގައުމުގެ ސިފައިންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށް ޖޮއިންޓް ތަމްރީނުތައް ކުރިއަށް ގެންދަން އެއްބަސްވި

  • ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ

  • އޭގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، ހަރުކަށި ފިކުރު، މަސްތުވާތަކެތި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ރައްކާތެރިކުރުން ފަދަ ކަންކަމުގައި މިހާރެކޭ އެއްގޮތަށް އެއްބާރުލުން ދަމަހައްޓަން އެއްބަސްވި

ޒަމީރު ވަނީ އިންޑިއާއިން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ދޭ އެހީތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެކި ދާއިރާތަކުން މެދުކެނޑުމެއް ނެތި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

"ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ޒުވާނުން، ކުޅިވަރުގެ ދާއިރާ، ބޯހިޔާވަހިކަން އަދި އުމްރާނީ ތަރައްގީގެ ދާއިރާތައް ފާހަގަކުރެވޭ،" ޒަމީރު ވިދާޅުވި އެވެ.

އިންޑިއާގެ 'ނޭބަހުޑް ފަސްޓް ޕޮލިސީ'ގެ ދަށުން ރާއްޖެއަށް މާލީ އެހީތެރިކަމުގެ ގޮތުން ވަރަށް ބޮޑު ފައިދާތަކެއް ލިބިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން:

  • 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތައް ރޯލްއޯވާކޮށްދީ ބަޖެޓުގެ އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކުރެއްވި

  • އެކި ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މަސައްކަތްތެރިންގެ އަގުވަޒަން ކުރެއްވި

  • ޓޫރިޒަމް މާކެޓުގައި އިންޑިއާ އަދާކުރާ މުހިންމު ދައުރު ވެސް ފާހަގަކުރެއްވި

  • އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ އަދި އެ ގައުމުގައި އުޅޭ ދިވެހިންނާ ދޭތެރޭ ބަހައްޓާ މެހެމާންދާރީ ވެސް ފާހަގަކުރެއްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް