މާލޭ ސިޓީ ކައުންސިލަށް އަލަަށް އިންތިހާބުވި ތިން މެމްބަރުން ހުވާ ކުރައްވަނީ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
މާލޭ ކައުންސިލަށް އިންތިހާބުވި ބޭފުޅުން ހުވާކުރައްވައިފި
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑިއަށް އަލަށް މެމްބަރުން އިންތިހާބު ކުރަން ބޭއްވި ބައި-އިލެކްޝަން ބާއްވާފައިވަނީ މިދިޔަ މަހުގެ 20ގަ އެވެ.
މި ތިން ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމުގައި ތިއްބެވި ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ. އެ ތިން ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ބޭފުޅުންނެވެ.
ތަފްސީލް - މިއަދު މަގާމުގެ ހުވާކުރެއްވި ތިން ބޭފުޅުންނަކީ:
-
ފާތިމަތު ޝައުފާ: ހެންވޭރު ހުޅަނގު ދާއިރާ
-
ފާތިމަތު އިޝާން އަލީ: މައްޗަންގޮޅި މެދު ދާއިރާ
-
އަލީ އައިމަން: ހުޅުމާލެ ދާއިރާ
މިކަމަށްޓަކައި މިއަދު ހ. މާގިރީގައި ބޭއްވި ރަސްމިއްޔާތުގައި ތިން މެމްބަރުންނަށް ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.
ބުނީ ކީކޭ؟ - މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ގޮނޑިތައް ކާމިޔާބުކުރެއްވި ތިން މެމްބަރުންނާއި އެ ތިން ބޭފުޅުން ތަމްސީލުކުރައްވާ ޕީއެންސީއަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވާފަ އެވެ.
މާލޭގެ ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި އެހީތެރިކަމާއި އެއްބާރުލުން ދީ، ދާއިރާގެ ރައްޔިތުން ބޭނުންވާ އަދި ދަތިވާ ކަންކަން ދެނެގަނެ، ސިޓީ ކައުންސިލާއި ހަމައަށް އެކަންކަން ގެނެސް، މަޝްވަރާކޮށް، އެކަމުގެ ހައްލުތައް ހޯދުމަށް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެ ކައުންސިލަރުންގެ ކިބައިން އާޒިމް އެދިވަޑައިގަތެވެ.
އާޒިމް ވިދާޅުވީ މަގާމުތަކަށް ވޯޓުން އިންތިހާބު ކުރެވޭ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ހިތްހަމަޖެހުމަކީ އެ މީހެއްގެ ގާބިލުކަމާއި އިހުލާސްތެރިކަން ގަބޫލުކުރާ ގިނަ ބަޔަކު ތިބިކަން އިހުސާސްވުމުން ލިބޭ ހިތްހަމަޖެހުން ކަމަށެވެ. އެ ގާބިލްކަމާއި އިހުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.